ދުނިޔޭގެ އެންމެ މުއްސަނދި 20 އިގްތިސޯދުގެ ވެރިންގެ ފެންވަރުގެ ބައްދަލުވުންތައް ދިއްލީގައި ފަށާފައި ވާ އިރު، މުޅި އެޖެންޑާ ހިސޯރުކޮށްފައި ވަނީ ޔޫކްރައިންގެ މައްސަލައެވެ.

ރަޝިއާގެ ހާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް އާއި ޗައިނާގެ ހާރިޖީ ވަޒީރު ކްއިން ގޭން ފިޔަވައި ދެން ތިއްބެވި ހުރިހާ ވެރިން ބެނުންވަނީ އެ ބައްދަލުވުންތަކުގައި ޔޫކްރައިންގެ ވާހަކަ ދައްކާށެވެ. ހާއްސަކޮށް ރަޝިއާ ކުށްވެރިކޮށް ވާހަކަ ދައްކާށެވެ.

ނަމަވެސް ރަޝިއާ އާއި ޗައިނާ އިން ބުނަނީ، ޖީ20 ގައުމުތަކުގެ ފައިނޭންސް ފޯރަމަކީ، ދުނިޔެއަށް ދިމާވެފައިވާ އިގުތިސޯދީ ހާލަތާއި، ކުދި އަދި މެދުފަންތީގެ ގައުމުތަކަށް ދިމާވެފައިވާ މާލީ ދަތިކަމާއި، ދުނިޔެއަށް ކުރިމަތިވަމުން އަންނަ ކާބޯތަކެތީގެ ރައްކާތެރިކަމަށް ފޯކަސް ކުރަންޖެހޭ ބައްދަލުވުންތަކެއް ކަމަށެވެ. އެ ބައްދަލުވުންތަކުގެ މައިގަނދު އެޖެންޑާއަށް ޔޫކްރައިންގެ ހަނގުރާމައިގެ ވާހަކަ ވައްދާ، ރަޝިއާ ކުށްވެރިކުރަން މަސައްކަތް ކުރުން ބަލައިނުގަންނާނެ ކަމަށް އެ ދެގައުމުން ވަނީ ބުނެފައެވެ.

ޖީ20 މިނިސްޓަރުންގެ ފެންވަރުގެ ދެވަނަ ބައްދަލުވުމަށް މިނިސްތަރުން ދިއްލީއަށް ވަޑައިގެންފައި ވާ އިރު، އިންޑިއާއިން ގެންދަނީ ގައުމުތަކުގެ މެދުގައި މެދުމިންގަނޑެއް ހިފެހެއްޓޭތޯ މަސައްކަތް ކުރަމުންނެވެ.

އިންޑިއާއަކީ ޖީ20 ފޯރަމްގެ މިދައުރުގެ ރިޔާސަތު ބަލަހައްޓާ ގައުމު ކަމަށް ވުމުން، ވަކި އަތަކަށް ޖެހޭކަށް އިންޑިއާ ބޭނުމެއް ނުވެއެއެވެ. އަދި އިންޑިއާ އަކި ރަޝިއާގެ ގާތް އެކުވެރިއަކަށް ވުމާއެކުވެސް އެ ގައުމު ކުސްވެރިކުރާކަށް އިންޑިއާ ބޭނުމެއް ނުވެއެވެ.

ނަމަވެސް އިންޑިއާގެ ޓޮޕް ޑިމްލޮމޭޓް ވިނޭ ކްވަތްރާ މިއަދު ވިދާޅުވީ، ޔޫކްރައިންގެ ހަނގުރާމަ އަކީ މަޝްވަރާ ކުރަން ޖެހޭ މުހިންމު މައުޟޫއެއް ކަމަށާއި، އެ ހަނގުރާމައިގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމާއި ހަކަތައާއި ފާޓިލައިޒާއަށް ގައުމުތަކުން ޖެހިފައި (ދަތިވެފައި) ވާ މައްސަލަ އަކީ މަޝްވަރާ ކުރަން ޖެހޭ މައްސަލަތަކެއް ކަމަށެވެ.

މިނިސްޓަރުންގެ ފެންވަރުގައި ބެންގަލޫރުގައި ބޭއްވި އެންމެ ފުރަތަމަ ބައްދަލުވުމުގައިވެސް ޔޫކްރައިން މައްސަލަ ކުރިމަތިވެ ހުރިހާ ގައުމަކަށް އެއްބަސްވެވޭ ނިންމުމަކަށް އާދެވިފައި ނުވާ އިރު، ދިއްލީ ބައްދަލުވުންވެސް ނިމޭނީ އެގޮތަށް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ދިއްލީ ބައްދަލުވުން މިއަދު ކުރިއަށް ދާއިރު، ހަވާސާފައި އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރު، ރަޝިއާގެ ހާރިޖީ ވަޒީރާއި އަދި ޗައިނާގެ ހާރިޖީ ވަޒީރާ ބައްދަލުކުރައްވާނެއެވެ.

ޖީ20 ގެ ބައްދަލުވުންތަކުގައި އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކެން ވެސް ބައިވެރިވަޑައިގަންނަވާ އިރު، ބްލިންކެން ވަނީ ޖީ20 ގައި ހިމެނޭ ގައުމުތަކުގެ ބައެއް ވަޒީރުންނާ ބައްދަލުވުންތަކުގެ ހަވާސާގައި ބައްދަލުކުރައްވާފައެވެ.

ޖީ20ގެ ރިޔާސަތު އިންޑިއާއިން ބަލަހައްޓާ އަހަރު އެގައުމުގެ މައި ފޯކަސް އަކީ، ތަރައްގީވަމުން އަންނަ ގައުުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭ މަޝްވަރާތައް ގިނަ ކުރުން ނަމަވެސް ޔޫކްރައިން ހަނގުރާމައިގެ ހިޔަނި އެ ބައްދަލުވުންތަކަށް އެޅިފައި ވުމަކީ، ގޮންޖެހުމެކެވެ.

ޖީ20 ގައުމުތަކުގެ ވެރިންގެ ފެންވަރުގެ ބައްދަލުވުންތަކުގައި ޖުމްލަ 40 ޑެލިގޭޓުން (މަންދޫބުން) ބައިވެރިވެވަޑައިގަންނަވައެވެ.