މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ އޭނާގެ ކުރިއަށް އޮތް ވޯލްޑް ޓުއާގެ ބާކީ ޝޯތައް ކެންސަލްކޮށްފިއެވެ.

އުމުރުން 29 އަހަރުގެ ލަވަކިޔުންތެރިޔާގެ ޓުއާ "ޖަސްޓިސް ވޯލްޑް ޓުއާ" ގެ ބާކީ ހުށަހެޅުންތައް ކެންސަލްކޮށްފައި ވާކަން އޭނާގެ ޓްވިޓާ އެކައުންޓުގައި ހާމަކޮށްފައިވާއިރު ޓްވީޓްގައި ބުނީ ޓިކެޓް ގަތް މީހުންނަށް ޓިކެޓްގެ ރީފަންޑު ލިބޭނެ ކަމަށެވެ. ޓުއާ ކެންސަލްކުރި ނަމަވެސް އަލުން ޓުއާ ބާއްވާނެ ތާރީހެއް އިއުލާންކޮށްފައެއް ނުވެއެވެ.

ބީބާ އެންމެ ފުރަތަމަ ޓުއާ ބާއްވަން ނިންމީ 2020 ވަނަ އަހަރުގައެވެ. ނަމަވެސް އެދުވަސްވަރު ކޮވިޑް ހާލަތު ތަން ނުދޭތީ ޓުއާ ފަސްކޮށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޓުއާ ފެށިއެވެ. ނަމަވެސް ބައެއް ގައުމުތަކުގައި ޝޯ ދިނުމަށްފަހު އަނެއްކާވެސް ބްރޭކެއް ނެގުމަށްފަހު އޭނާ ވަނީ މި އަހަރު ޓުއާ ބާއްވާނެ ކަމަށް ބުނެފައެވެ. ނަމަވެސް ފަހު ވަގުތު ޓުއާ ވަނީ ކެންސަލްކޮށްލާފައެވެ.

ދާދިފަހުން ޖަސްޓިން ވަނީ އޭނާއަށް ރެމްޒީ ހަންޓް ސިންޑްރޮމް ޖެހިފައިވާ ކަމަށް ބުނެފައެވެ. ޖަަސްޓިންގެ ބަލި ރެމްޒީ ހަންޓް ސިންޑްރޯމްއަކީ ނާރުތަކުގެ ނިޒާމަށް ޖެހޭ، މަދުން ނޫނީ ނުފެންނަ ބައްޔެކެވެ. މި ބަލި ޖެހެނީ، ބޮލު ތެރެއިން، ކަންފަތުގެ އެތެރެއާ ކައިރިން ނާރަކަށް، ވެރިސެލާ-ޒޯސްޓާ ވައިރަސް ހަމަލާ ދިނުމުންނެވެ. ބީބާ ބުނީ އޭނާ މިވަގުތު އެންމެ އިސްކަމެއް ދޭނީ އޭނާގެ ސިއްހަތަށް ކަމަށާއި ބަލި ކޮންޓްރޯލްވުމުން ނޫނީ ޓުއާއެއް އިއުލާންނުކުރާނެ ކަމަށެވެ.