ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ސާބިތުވުމުން ޖަލަށްލި ފުލުސް އޮފިސަރު އަބްދުއްރަހްމާން ރަފީއަށް ދިން އަދަބު ލުއިކޮށްދީފިއެވެ.
އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފުވި ރަފީއުގެ މައްޗަށް އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ހުކުމެއް އިއްވައިފައިވީ ނަމަވެސް، ބަންދުކުރި މުއްދަތަށް ބެލުމަށް ފަހު، އޭނާ ޖަލަށް ލާފައިވަނީ އެއް އަހަރާއި 28 ދުވަހަށެވެ. އެހެންނަމަވެސް ރަފީއުއަށް ދިން އަދަބު ބޮޑުކަމަށާއި ދައުލަތުން އެދުނީ ހަތް ދުވަހުގެ ހުކުމެއް އިއްވައިދިނުމަށް ކަމަށް ބުނެ، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އިސްތިއުނާފުކުރީ މިދިޔަ ނޮވެންބަރު މަހުގެ ތެރޭގައެވެ.
އެ މައްސަލާގައި ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އެ މައްސަލާގައިދަށު ކޯޓުން އަދަބު ކަނޑައެޅުމުގައި ގާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށާއި އެގޮތުން ކުށްވެރިޔާގެ މައްޗަށް ގާނޫނުން ކަނޑައެޅޭނެ އަދަބުގެ މިންވަރަށްވުރެ ދެ މިންވަރު ނުވަތަ އެއަށްވުރެ މަތީ މިންވަރެއްގެ އަދަބެއް ކަނޑައެޅިދާނެ ކަމަށް އޮތްއިރު އެ އަދަބު ދެގުނަ ކޮށް އަދަބު ކަނޑައަޅައިފައިވާ ކަމަށެވެ.
އެ ކުށުގެ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަކީ ނުވަ މަހާއި އަށާރަ ދުވަސް ކަން ފާހަގަކޮށް ހައިކޯޓުން ބުނީ އެ މިންވަރުގެ ތެރެއިން އިސްތިއުނާފުކުރާ ފަރާތުގެ އިއުތިރާފުގެ މައްޗަށް ބުރަވެ އެއް ދަރަޖަ ދަށް ކުރުމުން ކަނޑައެޅޭނެ އަދަބުގެ މިންވަރަކީ ހަތް މަހާއި ހަ ދުވަސް ކަމަށެވެ.
އެ މިންވަރުގެ ތެރެއަށް ދަށު ކޯޓުގެ ފަނޑިޔާރު އޭނާއަށް ގާނޫނުން ލިބިދޭ އިހްތިޔާރުގެ ދަށުން އިތުރުކޮށްފައިވާ އަދަބު އިތުރުކޮށްފައިވަނީ ދެ ދަރަޖައިގެ ބަދަލުގައި ދެ ގުނަ ކޮށްގެން ކަމަށްވާތީ އެ ގުނަކުރި ކުރުން ބާތިލުކޮށް ދެ ދަރަޖަ މަތި ކުރަން ޖެހޭ ކަމަށެވެ. އަދި ރަފީއުގެ އަދަބަކީ އެއް އަހަރު ދުވަހުގެ ޖަލު ހުމުކެއް ކަމަށް ހައިކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އެ މައްސަލައިގައި އަލަމްގީރަށް ވެސް އިއްވީ ހަތް މަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް، އޭނާ އާ އެކު ގުޅުން ހިންގި ގާނޫނީ ވަކީލު އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު ތިން މަސްދުވަހަށް ގޭގައި ބަންދުކުރުމަށް ވަނީ ހުކުމްކޮށްފައެވެ.