ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބައްދަލު ކުރައްވައިފިއެވެ.

'ދަ ޕްރެސް' އަށް މައުލުމާތު ދެއްވަމުން ރައީސް އޮފީހު ތަރުޖަނާމު ވަނީ އެކަން ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް އެ ބައްދަލުވުމާ ގުލޭ ގޮތުން އިތުރު ތަފްސީލެއް ނުދެއްވައެވެ.

އަންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންނަނީ މި ސަރުކާރާއެކު ކޯލިޝަން ހަދާފައިވާ ޕާޓީތަކުގެ ތާއީދު އޮތްތޯ ބެލުމަށް މަސައްކަތް ކުރައްވަމުންނެވެ. އެ ގޮތުން މިހާތަނަށް ކޯލިޝަންގައި ތިބި ޕާޓީތަކުގެ ތެރެއިން އަދާލާތު ޕާޓީން ވަނީ ރައީސް ސޯލިހަށް ތާއީދު ކުރާނެކަން އިއުލާން ކޮށްފައެވެ.

އަދި އެމްއާރްއެމުން ބުނެފައި ވަނީ އެ ޕާޓީގެ ލީޑަރު މައުމޫން އަބްދުލްގައްޔޫމް ރާއްޖެއަށް ވަޑައިގަތަުމުން އެމްޑިޕީއާ އެކު މަޝްވަރާ ކުރާނެ ކަމަށެވެ.

އަދާލާތު ޕާޓީގެ އިތުރުން ރައިސް ސޯލިހަށް ތާއިދު ކުރާނެ ކަމަށް އެމްޑީއޭ އިން ވެސް ވަނީ ބުނެފައެވެ. ނަމަވެސް އަދި މިހާތަނަށް ޖުމްހޫރީ ޕާޓީން ރައީސް ސޯލިހަށް ތާއީދު ކުރައްވާނެ ކަމަކަށް ނުބުނެއެވެ.

ގާސިމް މިއަދު ރައީސް ސޯލިހާ ބައްދަލުކުރައްވާފައިވާ އިރު، މީގެ ކުރިން ރައިށް ސޯލިހްގެ މަންދޫބުން ވަނީ ގާސިމާއި ގާސިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާ ބައްދަލު ކުރައްވާފައެވެ. ނަމަވެސް މިއިން އެއްވެސް ބައްދަލުވުމެއްގައި މަޝްވަރާ ކުރި ވާހަކައެއް މީޑިއާއާ ހިއްސާކޮށްފައެއް ނުވެއެވެ.

މިއަދާ ހަމައަށް އައި އިރު، ޖުމްހޫރީ ޕާޓީގެ ސްޓޭންޑް ހާމަކޮށްފައި ނުވާ އިރު މިދިޔަ ހަފްތާ ބަންދުގައި ދަރުބާރުގައި ބޭއްވި ޖުމްހޫރީ ޕާޓީގެ 4 ވަނަ ގައުމީ ކޮންފަރެންސްގައި ވަނީ އެ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކަމަށް ބުނެފައެވެ. އެހެންކަމުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކާއެކު ޖޭޕީ ކޯލިޝަން ނުހަދާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.