ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދިގު 30 އަހަރުގެ ވެރިކަން ބަދަލުކޮށްލުމަށް މީގެ 15 އަހަރު ކުރިން ރައްޔިތުން ނުކުތީ ވަރަށް ފޯރި އާ އެކުގައެވެ. ރައްޔިތުންނަށް 'ހެޔޮވެރިކަމެއް' ކޮށް ދިނުމަށް އެމްޑީޕީއިން ގުރުބާން ވަމުން ދިޔައިރު ޖުމްހޫރީ ޕާޓީގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރެއްވި ޑރ. ހަސަން ސައީދު ވެސް ފޯރީގައި އިންތިހާބަށް ނިކުމެވަޑައިގަތެވެ. މައުމޫން ނިކުމެވަޑައިގަތީ އޭރުގެ ޑީއާރްޕީންނެވެ.

2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މައުމޫނަށް 71،731 ވޯޓު ލިބިވަޑައިގެންނެވި އިރު ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތީ 44،293 ވޯޓެވެ. އަދި ހަސަން ސައީދަށް 29،633 ވޯޓު ލިބިވަޑައިގެންނެވި އިރު ގާސިމް އިބްރާހީމަށް ލިބިވަޑައިގަތީ 27،056 ވޯޓެވެ.

އޭރު ވެރިކަން ބަދަލުކޮށްލުމަށް އުފެދިފައިވާ ފޯރިއާ އެކު ދެން ފެނިގެން ދިޔައީ މައުމޫނާ ދެކޮޅަށް ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކުން ރައީސް ނަޝީދާ ބައިިއަތު ހިފިތަނެވެ. ހުރިހާ ޕާޓީތައް އެކުވެގެން ހެދި ކޯލިޝަނާއެކު އެމްޑީޕީއަށް ވެރިކަން ލިބިގެން ދިޔުން ވެގެން ދިޔައީ 'ކޯލިޝަންގެ' ފެށުމަށެވެ. ކޯލިޝަނަކުން ފެށިގެން ދިޔަ ރައީސް ނަޝީދުގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރު ދުވަހުގެ ތެރޭގައި އެ ކޯލިޝަންގެ ތެރޭގައި އުފެދުނު ހަމަނުޖެހުންތަކާއެކު އެ މަނިކުފާނުގެ ވެރިކަން ނިންމާލީވެސް ކޯލިޝަނުން ނިކުމެއެވެ.

އެއަށްފަހު 2013 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ފެނިގެން ދިޔައީ އެމްޑީޕީ އާއި ޕީޕީއެމް ގަދަ ހިފުމަކަށް ނިކުތްތަނެވެ. އިންތިހާބު އެއް ބުރުން ކާމިޔާބު ކުރުމަށް ނިކުތް އެމްޑީޕީ އަށް އެކަން ކާމިޔާބު ނުވެ ދެވަނަ ބުރަށް ދާންޖެހުން ވެގެން ދިޔައީ އެ ޕާޓީއަށް ކުރިމަތިވި ބޮޑު ގޮންޖެހުމަކަށެވެ. ޕީޕީއެމް ގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އާ ކޯލިޝަން ހަދަން އޭރު ޖުމްހޫރީ ޕާޓީ އާއި އަދާލަތުން ނިންމީ 2008 ވަނަ އަހަރުގެ ތަޖުރިބާއަށް ބެލުމަށް ފަހުއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު ރަމްޒު ކޮށްދޭ ގްރެފިކްސް އެއް

ކޯލިޝަންގެ އެއްބާރުލުމާއެކު 2013 ވަނަ އަހަރުގެ އިންތިހާބު ރައީސް ޔާމީން ކާމިޔާބުކުރެއްވި ނަމަވެސް މި ފަހަރުވެސް އަދާލަތު އަދި ޖުމްހޫރީ ޕާޓީއަށް ކުރަން ޖެހުނީ ހިތްދަތި ތަޖުރިބާއެއް ކަމަށް އެޕާޓީތަކުގެ އިސްވެރިން މިއަދުވެސް ވިދާޅުވެއެވެ. ކޯލިޝަން ރޫޅި އެ ކޯލިޝަންގެ ލީޑަރުން ޖަލަށްލުމާއެކު ރައީސް ޔާމީންއާ ދެކޮޅަށް ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކުން ނުކުތެވެ.

2018 ވަނަ އަހަރު ރައީސް ޔާމީންގެ ވެރިކަން ބަދަލުކޮށްލުމަށް އަނެއްކާވެސް ދާންޖެހުނީ ކޯލިޝަނަކަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް އިންތިހާބު ކާމިޔާބުކޮށް ދިނުމަށް ކޯލިޝަންގެ ލީޑަރުން ގިނަ މަސައްކަތްތަކެއް ކުރެއްވި އިރު އެބޭފުޅުންގެ އުއްމީދުތައްވެސް ބޮޑެވެ. ކުރީ ދެ ފަހަރުގެ ތަޖުރިބާ ތަކުރާރުވިޔަ ނުދިނުމަށް ގިނަ އެއްބަސްވުންތަކާއެކު އުފެދިގެން ދިޔަ ކޯލިޝަނުން އިންތިހާބު ކާމިޔާބު ކުރިއެވެ. ހޯމް މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީއާއި ހެލްތު ފަދަ ތަންތަނުގެ އިތުރުންވެސް ގިނަ މިނިސްޓްރީތަކަށް ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ މެމްބަރުން އައްޔަން ކުރިއެވެ.

ރައީސް ސޯލިހްގެ މޭސްތިރިކަމުގެ ދަށުން ކުރިއަށް ގެންދިޔަ ކޯލިޝަންގެ ފޯމިއުލާ މިފަހަރު ކާމިޔާބޭ ބުނުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ވެރިކަމުގެ ފަހު އަހަރު ގުނަމުން ދާ އިރު ކޯލިޝަން ނުރޫޅެއެވެ. ސިޔާސީ ގޮތުން ކުދިކުދި މައްސަލަ ޖެހުނު ނަމަވެސް އެކަންކަން ހައްލުކޮށް ތިބީ އެކުގައެވެ.

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް (ވ) އެމްޑީޕީގެ ރައީސް ނަޝީދު (ކ) އަތްޕުޅުގައި ހިފަހައްޓަވައިގެން

މިފަހަރު ވާނީ ކިހިނެއް؟

އަނެއްކާވެސް މި އޮތީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބޯމަތިވެފައެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީ ގެ ޓިކެޓް ރައީސް ޔާމީން އަށް ދީފައި ވާއިރު ރައީސް ޔާމީން ޖަލުގައި އޮތުމުން އެ ޕާޓީން އިންތިހާބަށް 'ފޯކަސް' ކުރުމަށް ވުރެ ބޮޑަށް އަދިވެސް މަސައްކަތް ކުރަމުން ދަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޖަލުން ސަލާމަތް ކުރުމަށެވެ. ރިޔާސީ އިންތިހާބަށް ކެމްޕެއިނެއް ކުރަން ޔާމީން ނެތް ހާލަތެއްގައި ޕާޓީން ދައްކާނެ މީހަކު ނެތެވެ. އަމުދުން ބަޔަކު ކޯލިޝަނެއް ހަދާން ވެއްޖެ ނަމަ ވާހަކަ ދައްކަން ވީ ކާކާ ކަމެއްވެސް ސާފެއް ނުވެއެވެ.

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ތެރޭގައިވެސް އިންތިހާބުގެ ފޯރިގަދަވެފައި ވާއިރު އެ ޕާޓީން މަސައްކަތް ކުރަމުން ދަނީ ވެރިކަން ކާމިޔާބު ކުރުމަށް ކޯލިޝަން ހެދުމަށެވެ.

އެމްޑީޕީ ތެރޭގައި އުފެދިފައިވާ ހަމަނުޖެހުންތަކާއެކު އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީ ވެގެން ދިޔައީ ޕާޓީ ތެރޭގައި އުފެދިފައިވާ ހަމަނުޖެހުން އިތުރަށް ބޮޑުވެގެން ދިޔަ ސަބަބަކަށެވެ. ރައީސް ނަޝީދު އާއި ރައީސް ސޯލިހްގެ ގަދަފަދަ ކުރިމަތަލެއްވުމަށް ފަހު އިންތިހާބުން ރައީސް ނަޝީދު ބަލިވެ ވަޑައިގަތުމަކީ އެ މަނިކުފާނުގެ ފެކްޝަނަށް ބަލައިގަންނަން ފަސޭހަކަމަކަށް ނުވިއެވެ. ރައީސް ނަޝީދު އިސްވެ ހުންނަވައިގެން 'ފިކުރެއްގެ ދިރުން' ނަމުގައި ގޮތްޕެއް ހެދުމުގެ މަސައްކަތް ފެށާ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހްއަށް ތާއިދު ނުކުރައްވާނެކަމަށް ރައީސް ނަޝީދުވަނީ ފާޅުގައި ވިދާޅުވެފައެވެ.

އަބަދުވެސް ވެރިކަން ކާމިޔާބުކުރުމުގެ އެންމެ ބޮޑު ބައިވެރިޔަކީ ޖުމްހޫރީ ޕާޓީކަމުގައި ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ކޯލިޝަނާ ހިސާބުން ވެރިކަން ލިބިގެން ދާނީ ޖުމްހޫރީ ޕާޓީގެ ތާއިދު ލިބޭ ބަޔަކަށް ކަމުގައި އެ ޕާޓީންވެސް ގަބޫލުކުރެއެވެ. އެހެންކަމުން މިހާރު އެމްޑީޕީގެ ދެ ކެންޑިޑޭޓުންގެ އެންމެ ބޮޑު ފޯކަސް އެއް ހުއްޓިފައި ވަނީ ޖުމްހޫރީ ޕާޓީއަށެވެ. ޖުމްހޫރީ ޕާޓީ އާ އެކު ކޯލިޝަން ހެދުމަށް ރައީސް ސޯލިހް ވަރަށް ބޮޑަށް މަސައްކަތްޕުޅު ކުރައްވާފައި ވާއިރު އެންމެ ފަހުން ޖުމްހޫރީ ޕާޓީން ވަނީ ކޯލިޝަންގެ ހިޔާލު ދޫކޮށް އިންތިހާބުގައި ވާދަކުރުމަށް ނިންމާފައެވެ. އަދި މިއީ ގާސިމަށް ވެރިކަމަށް ވަޑައިގަތުމަށް ލިބިފައިވާ ރަނުގެ ފުރުސަތެއްކަމުގައި އެ ޕާޓިންވެސް ގަބޫލުކުރެއެވެ.

އަދާލަތު ޕާތީގެ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން

އެމްޑީޕީ އާ އެކު ކޯލިޝަން ހެދުމަށް އެންމެ ފުރަތަމަ ނިންމި ސިޔާސީ ޕާޓީ އަކީ އަދާލަތު ޕާޓީއެވެ. މިހާރުވެސް ސަރުކާރުގެ އެންމެ ވަރުގަދަ އެއް ވުޒާރާ ތަމްސީލުކުރެއްވާ ހޯމް މިނިސްޓްރު އިމްރާން އަބްދުﷲ ވިދާޅުވީ އިސްލާމް ދީނާއި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިލްމާއި ސަލާމަތަށް އެންމެ ފަހި ގޮތަށް ނޫނީ އަދާލަތު ޕާޓީން ކަންކަން ނުނިންމާނެ ކަމަށެވެ. އަދި އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ކަމަކަށް އިގުރާރުވަނީ ވަރަށް ގިނަ ވިސްނުންތައް ވިސްނައި ވަރަށް ގިނަ ގޮތްގޮތަށް ފިކުރު ކުރުމަށްފަހު ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިންވެސް ވަނީ ނިންމާފައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު 2013-2018 އާ ހަމައަށް ކޯލިޝަން ހަދައިގެން ތަޖުރިބާ ކުރަން ޖެހުނީ ވަރަށް ހިތްދަތި ކަންތައްތަކެއް ކަމަށް އެމްޑީއޭ އިން ބުނެފައި ވާއިރު ރައީސް ސޯލިހަށް ރިޔާސީ އިތުރު ދައުރެއް ދިނުމަށް އެމްޑީއޭ އިން ނިންމީ ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި އަދި ދިވެހިރާއްޖޭގެ ސިޔާސީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ކުރަން އަދި ނިންމާފައި ނުވާ ކަމަށް މައުމޫނު އަބްދުލްގައްޔޫމުގެ އެމްއާރްއެމް އިން ބުނެފައި ވާއިރު އެ ޕާޓީން އަދި ރިޔާސީ އިންތިހާބުގައި ކުރިއަށް ދާނެ މިސްރާބެއް އަދި ނުނިންމައެވެ. އެމްއާރްއެމް އިން ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ނެރުމަށް ވުރެ އެ ޕާޓީން އަދިވެސް އިސްކަމެއް ދެމުން ދަނީ ޕާޓީއަށް މެމްބަރުން ހަމަކުރުމަށެވެ.

ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ފޮޓޯ: އަހުމަދު އިޔާދު/ދަ ޕްރެސް

މިއަހަރު ބާއްވާ އިންތިހާބުގައި "މޯލްޑިވްސް ނޭޝަނަލް ޕާޓީ" އިން ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އިންތިހާބުގައި ވާދަކުރައްވާ އިރު އަމިއްލަ ގޮތުން އުމަރު ނަސީރުވެސް ގެންދަވަނީ އިންތިހާބުގައި ވާދަކުރެއްވުމަށް ތައްޔާރުވަމުންނެވެ. މި އިންތިހާބު ކާމިޔާބުކުރުމަށް އަބަދުވެސް ކޯލިޝަނާ އެންމެ ދެކޮޅު ރައީސް ނަޝީދުވެސް ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހައްދަވާފާނެކަމުގެ ހެކިތައްވެސް ދަނީ ފެންނަމުންނެވެ.

މީގެ އިތުރުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަކީ ވެސް ދުރުގައިވާ ކަމެއް ނޫނެވެ. މިއަހަރުގެ ރިޔާސީ އިންތިހާބަށް އެންމެންގެ ލޯތައް އަމާޒުވެފައި ވާއިރު މި އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އަމަލުކުރާނެ ގޮތެއް ބެލުމަށް ގިނަ ބަޔަކު ތިބީ ކެތްމަދުވެފައެވެ. އިދިކޮޅު ކޯލިޝަންގެ ލީޑަރަށް އިއްވާފައިވާ ޖަލު ހުކުމާއެކު އަދި އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެވޭނެ އެއްވެސް ގޮތެއް ނެތް އިރު އެ ކޯލިޝަނުން ދަނީ ރައީސް ޔާމީންގެ ނަން ވޯޓު ކަރުދާހުގައި އޮންނާނެކަމަށް ތަކުރާރުކޮށް ބުނަމުންނެވެ.

މީގެ އިތުރުން ރައީސް ޔާމީން ޖަލުގައި އޮތުމާއެކު އިދިކޮޅު ކޯލިޝަނުން ދެން ކުރިމަތިލާނެ ކެންޑިޑޭޓަކު އަދި ކަނޑައަޅާފައި ނުވާއިރު މިއީ ވެރިކަމަށް ވަޑައިގަތުމަށް ގާސިމް އިބްރާހީމަށް ލިބޭނެ އެންމެ ފަހި ފުރުސަތުކަމަށް ސިޔާސީ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. ރައީސް ސޯލިހްގެ ދުރު ވިސްނުމާއެކު އެމްޑީއޭ އަދި އަދާލަތާއެކު ހަދާފައިވާ ކޯލިޝަނާއެކު އެއްބުރުން މި އިންތިހާބު ރައީސް ސޯލިހް ކާމިޔާބު ކުރައްވާނެ ކަމަށް އެ ޕާޓީންވެސް ގަބޫލުކުރެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން މަހިބަދޫގައި އޮތް އިންޑިއާ އައުޓް ހަރަކާތުގައި ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: ޕީޕީއެމް

ބަދަލުވަމުންދާ ރާއްޖޭގެ ސިޔާސީ މަޝްރަހަށް ބަލާލުމުން ފެންނަމުން ދަނީ ވަރަށް ތަފާތު މަންޒަރެކެވެ. އިންތިހާބު ކާމިޔާބުކުރުމަށް ހުރިހާ ޕާޓީއަކުންވެސް މޮޅު ފޯމިއުލާތައް ބޭނުންކުރަމުން އަންނައިރު މި އިންތިހާބު އެއްބުރުން އެއްވެސް ބަޔަކަށް ކާމިޔާބުކުރެވޭނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. އަދި މިހާރު ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅާފައި ނުވާ ސިޔާސީ ޕާޓީތަކުން ކޯލިޝަން ހެދުމާ މެދު ނިންމާނެ ގޮތެއް އަދި އެގޭކަށް ނެތެވެ. 'ބިޔަ ބޮޑު ކޯލިޝަނެއްގެ ފޯމިއުލާ' މިފަހަރުވެސް މަސައްކަތްކޮށްފާނެތޯ އަދިވެސް އޮތީ ސުވާލެއްގެ ތެރޭގައެވެ.

މިވަގުތު ރާއްޖޭގެ ސިޔާސީ މަޝްރަހަށް ބަލާލާއިރު އަދާލަތު ޕާޓީ އަދި އެމްޑީއޭ އިން ރައީސް ސޯލިހް އާ އެކު ކޯލިޝަން ހެދި އިރު އެމްއާރްއެމް އިންވެސް އެމްޑީޕީ އާ އެކު ކޯލިޝަން ހެދުމަކީ ވަރަށް ކައިރީގައިވާ ކަމެކެވެ. އިލެކްޝަން ކޮމިޝަންގެ ރަޖިސްޓްރީގައި މި ވަގުތު އެމްޑީޕީގެ 57،660 މެމްބަރުން ރަޖިސްޓްރީވެފައި ވާއިރު އެމްޑީއޭގައި 10،386 މެމްބަރުން އަދި އަދާލަތު ޕާޓީގައި 9786 މެމްބަރުން ވަނީ ރަޖިސްޓްރީ ވެފައެވެ. މީގެ އިތުރުން އެމްއާރްއެމްއަށް މެމްބަރުން ހަމަކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު މި ވަގުތު އެ ޕާޓީގައި 2981 މެމްބަރުން ވަނީ ރަޖިސްޓްރީ ވެފައެވެ. އެހެންކަމުން އެމްޑީޕީއަށް މި އިންތިހާބުގައި ބޮޑު ޕަސަންޓެއް ލިބުމަކީ އެކަށީގެންވާ ކަމެކެވެ.

ރައީސް ނަޝީދު އާއި ޖުމްހޫރީ ޕާޓީއިން ކޯލިޝަން ހަދައިފިނަމަ މިއީ ވަރުގަދަ ކޯލިޝަނަކަށް ވެގެންދާނެއެވެ. އެމްޑީޕީގައި ރައީސް ނަޝީދުއަށް ތާއިދުކުރާ މެމްބަރުން ތިބިއިރު ޖުމްހޫރީ ޕާޓީގެ ރަޖިސްޓްރީގައިވެސް 22،607 މެމްބަރުން އެބަތިއްބެވެ. އެހެންކަމުން ޖުމްހޫރީ ޕާޓީން ކެންޑިޑޭޓަކު ނެރެ ރައީސް ނަޝީދު އާ އެކު ކޯލިޝަން ހަދައިފިނަމަ މިއީ އެ ޕާޓީއަށްވެސް އިންތިހާބު ކާމިޔާބުކުރުމަށް ހުޅުވިގެންދާނެ ފަހި ފުރުސަތަކަށް ވެގެން ދާނެއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ރަޖިސްޓްރީގައި ޖުމްލަ 41،863 މެމްބަރުން ތިބިނަމަވެސް މި އިންތިހާބުގައި އެކަނި ނުކުމެ ކާމިޔާބު ކުރުމަކީ އެ ޕާޓިއަށް ފަސޭހަކަމަކަށް ނުވާނެއެވެ. ހާއްސަކޮށް އިދިކޮޅު އެމްޑީޕީ އިން ބޮޑު ކޯލިޝަނެއް ހަދާފައި ވާއިރު މި އިންތިހާބަކީ ޕީޕީއެމްއަށް އުނދަގޫ އިންތިހާބެކެވެ. އެހެންކަމުން އިންތިހާބު ކާމިޔާބުކުރުމަށް ޕީޕީއަށްވެސް އޮތް ފޯމިއުލާއަކީ ކޯލިޝަނެވެ. އެ ޕާޓިންވެސް ކޯލިޝަން ހެދުމަށް ޕާޓީތަކާއެކު މަޝްވަރާތައް ފަށާފައި ވާއިރު އަދި އެކަމުގައި އެއްވެސް ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ.

ރައީސް ސޯލިހް (ކ) އަދި ރައީސް ޔާމީން

މި އިންތިހާބުގައި ރާއްޖޭގެ އެންމެ ވަރުގަދަ ދެ ޕާޓިއަށްވެސް ކުރިމަތިވެފައިވާ ގޮންޖެހުންތައް ގިނައެވެ. އެމްޑީޕީ ދެ ފެކްޝަނަކަށް ބެހިފައިވާއިރު ޕާޓީގެ މެމްބަރުންގެ ވޯޓު ދެބައިވެގެން ދާނެއެވެ. ހަމަ އެއާ އެކު އެމްޑީއޭ އަދި އަދާލަތު ޕާޓީގެ ރަޖިސްޓްރީގައި ތިބި ބައެއް އާންމު މެމްބަރުންވެސް މި ސަރުކާރު ބަދަލުކޮށްލުމަށް ބޭނުން ވާއިރު އެ ފަރާތްތަކުގެ ވޯޓު ހޯދުމަށްވެސް ގިނަ މަސައްކަތްތަކެއް ވަނީ ކުރަންޖެހިފައެވެ. މީގެ އިތުރުން އިދިކޮޅު ކޯލިޝަން އޮތީ އޮޅުން ބޮޅުން ގަނޑެއްގެ ތެރޭގައެވެ. އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަށް ވާދަކުރެވޭނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތްއިރު، ދެން އެ ޕާޓީން ނެރޭ ކެންޑިޑޭޓަކަށް އާންމު މެމްބަރުންގެ ތާއިދު ލިބިދާނެ ކަމާމެދުވެސް ވަނީ ސުވާލު އުފެދިފައެވެ.

މި އިންތިހާބުގައި ގާސިމް އަދި ރައީސް ނަޝީދުގެ ކޯލިޝަންގެ އަޑު ގަދަ ނަމަވެސް އަދި އެމްޑީޕީ އިން ބިޔަ ކޯލިޝަނެއް ހެދިނަމަވެސް ގިނަ ކެންޑިޑޭޓުން ވާދަކުރާ އިންތިހާބެއް އެއްބުރުން ކާމިޔާބުކުރުމަކީ އެއްވެސް ސިޔާސީ ޕާޓީއަކަށް ވާނެ ކަމެއް ނޫނެވެ.

އެހެންކަމުން ކަމުން އިންތިހާބު ދެވަނަ ބުރަކަށް ދިޔުމުގެ ފުރުސަތު އެންމެ ބޮޑު އެމްޑީޕީއާއި ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީ އާއި ކާނަލް ނާޒިމް ގުޅުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ރައީސް ނަޝީދު ވަކިކޮޅަކަށް ޖެހިވަޑައި ނުގެންނެވި ނަމަވެސް އެ މަނިކުފާނު އެމްޑީޕީ ކެންޑިޑޭޓަށް ތާއިދުކުރުމަކީ ނާދިރުކަމެކެވެ. އަދި މި ހާލަތުގައި އިންތިހާބުގެ ދެވަނަ ބުރަށް ޕީޕީއެމް ޕީއެންސީ ކޯލިޝަން ގޮސްފިނަމަ އުމަރު ނަސީރުގެ ތާއިދު އެ ކޯލިޝަނަށް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އެހެންނަމަވެސް ސިޔާސީ ހުރިހާ ޕާޓީއަކުން އެއްކޮޅަކަށް އަރައިފިނަމަ މި އިންތިހާބު ޕީޕީއެމްއަށް ކާމިޔާބު ކުރެވޭނެ އެއްވެސް ފޯމިއުލާއެއް ނެތެވެ. ހަމަ މިއާ އެކު ރައީސް ނަޝީދު އާއި ޖުމްހޫރީ ޕާޓީން ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް ދެވަނަ ބުރެއްގައި ތާއިދުކޮށްފިނަމަ އެމްޑީޕީއިން ހެދި ބިޔަ ކޯލިޝަނަށް ޕީޕީއެމް ކޯލިޝަން ބަލިކުރުމަކީ އުނދަގޫކަމަކަށް ވާނެއެވެ.