ދޮގު ބަޔާން ދިން ކަމަށް ބުނާ މައްސަލައައި މާލޭސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ދިފާއުގައި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދެއްވައިފިއެވެ.
ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސްގެ ކަންކަމާ ގުޅޭ ގޮތުން ދޮގު ބަޔާން ދެއްވާފައިވާތީ މުއިއްޒުގެ މައްޗަށް ގާނޫނު ނަންބަރު 2014/09 ގެ 520 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ބ) ގެ ދަށުން ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާ ވަނީ ކޮށްފައެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޖިހާދުގެ އިތުރުން ހައުސިން މިިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު މާހިދު ޝަރީފާއި ސަރުކާރުގެ ކުންފުނިތަކުގައި ޕްރޮޖެކްޓް މެނޭޖަަރަކަށް މަސައްކަތް ކުރެއްވި ދިލްޝާން އަބްދުﷲ ވަނީ ހެކިބަސް ދެއްވާފައެވެ.
ހެކިބަސް ދެއްވަމުން ޖިހާދު ވިދާޅުވީ އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުން ޔައުމިއްޔާގައި ސޮއިކުރަން ޖެހޭނެ ކަމަށާއި ޔައުމިއްޔާގައި ސޮއި ނުކުރާނަމަ ޔައުމިއްޔާ ސައްހަ ނުވާނެ ކަމަށެވެ. އަދި ދައުލަތުން އެ މައްސަލާގައި ހުށަހެޅި ޔައުމިއްޔާގައި ސޮޔެއް ނެތުމުން އެ ޔައުމިއްޔާ ސައްހައެއް ނުވާނެ ކަމަށް ޖިހާދު ވިދާޅުވިއެވެ.
ދައުލަތުން ފަސް ހެކިވެރިޔަކު ހުށަހަޅާފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ ރައީސް އޮފީހުގެ މިހާރުގެ އަންޑާ ސެކެޓަރީ މޫސާ ފަތުހީއާއި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އާޒިމާއި ރައީސް އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރު ހަދީޖާ ފަަރީމާއާއި ރައީސް އޮފީހުގެ ކުރީގެ އެސިސްޓެންޓް ޑިރެކްޓަރު ހުޝާމް ވަހީދާއި ހައުސިން މިނިސްޓްރީގެ ޑިރެކްޓަރު އިބްރާހީމް ނިޒާމެވެ.