އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ކޮރަޕްޝަންގައި ހިމެނޭ ސިފައިންގެ ބޭލަކެއް ކަމަށްވާ ލެފްޓިނަންޓް ކާނަލް އިބްރާހީމް ނަވީން ޒުބައިރުގެ އަތުން 100,000 (އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އޭސީސީން އެމްއެމްޕީއާރުސީ އަށް އަންގައި އޭނާގެ މައްޗަށް ދައުވާ ކޮށްދޭން އެދި އޭސީސީން ޕީޖީއަށް ހުށަހަލައިފިއެވެ.

ނަވީން އަކީ އެމްއެމްޕީއާރްސީ ގެ ބޮޑު ހިޔާނާތުގައި ޝާމިލުވާ 2 ސިފައިންގެ ތެރެއިން އެކަކެވެ. އަދި އެ މައްސަލަ ފެންމަތިވުމުން އެމްއެންޑީއެފުން 2019 ގައި ނަވީން ސަސްޕެންޑް ވެސް ކުރިއެވެ. ނަމަވެސް ފަހުން، މޭޖާގެ މަގާމުން ޕްރޮމޯޓްކޮށް މިހާރު އޭނާ ހުންނެވީ ލެފްޓިނަންޓް ކާނަލްގެ މަގާމުގައެވެ.

އޭސީސީން، އެމްއެމްޕީއާރްސީގައި އެދިފައިވަނީ ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ލިބުނު ފައިސާގެ މައްސަލައިގައި ކ. މާލެ، މ. ކަށިމާގެ އިބްރާހީމް ނަވީން ޒުބައިރުގެ އަތުން 100,000 (އެމެރިކާ ޑޮލަރު) ދައުލަތަށް އަނބުރާ ހޯދުމަށެވެ.

އޭސީސީން ނަވީންގެ މައްޗަށް ދައުވާ ކުރަން އެދިފައި ވަނީ؛

ރިޝްވަތު ހިފުމާއި، ރިޝްވަތު ލިބިގަތުމަށް އެދުމާއި، ރިޝްވަތު ލިބިގަތުމަށް އެއްބަސްވުމާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކެޕްޓަނެއްގެ މަގާމުގައި ހުރެ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި މީހަކަށް ނުވަތަ ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ އިތުރުން، ރިޝްވަތުގެ ކުށުން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި ބޭނުން ކުރުމުގެ ކުށާއި، މަނީ ލޯންޑަރިންގެ ކުށުގެ ދަޢުވާއެވެ.

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު އެއް ހިޔާނާތުގެ މައްސަލައިގައި ތުހުމަތުކުރެވޭ 281 ފަރާތެއްގެ ނަން ހިމެނޭ ލިސްޓެއް މަޖިލީހުން ވަނީ އާންމު ކޮށްފައެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރުންގެ އިތުރުން ދައުލަތުގެ އެކިއެކި މަގާމުތަކުގައި ތިބި 119 މީހަކު ހިމެނެއެވެ.

އެމްއެމްޕީއާރްސީގެ 3.4 ބިލިޔަން ރުފިޔާއަށް ވުރެ ބޮޑު ހިޔާނާތެއް ވެފައި ވާއިރު މި މައްސަލަައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންދަވަނީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. މީގެ އިތުރުން މި މައްސަލައިގައި ހިމެނޭ އިތުރު މީހުންގެ މައްޗަށްވެސް ދައުލަތުން ވަނީ ދައުވާ ކޮށްފައެވެ.

މި ހިޔާނާތާ ގުޅިގެން ދާދިފަހުން ވަނީ ޒިޔަތުގެ ބޮޑުބޭބެ ކަމަށްވާ އަބްދުﷲ އާސިމްގެ އަތުން 37،933،200 މިލިއަން ރުފިޔާ ހޯދަން އޭސީސީން، އެމްއެމްޕީއާރްސީ އަށް އަންގަައިފައެވެ.