މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓެއްގެ ގޮތުގައި ނިކުތް ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ހުރި ޝައުވެރިކަމަށް ވުރެ ބޮޑީ ރަނގަޅު މަސައްކަތެއް ކުރައްވަން ހުރި ޝައުގުވެރިކަން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސް ނިންމުމުގެ ގޮތުން ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، އެ މަނިކުފާނު ރާއްޖޭގެ ރައީސް ކަމުގެ މަގާމަށް ވަޑައިގެންފި ނަމަ އޮންނާނީ ބައެއް ވިޔަފާރިވެރިންނަށް ނިކަމެތިކަން ކަމަށް ހީވާ ކަމަށާއި ނަމަވެސް ފުރިފައި ހުންނަ އެއްޗެއް ދުވަހަކު ވެސް ގުޑުގުޑެއް ނާޅާނެ ކަމަށް ވިދާޅުވެ ގާސިމް ބޭނުންވާ އިތުރު އެއްޗެއް ނެތް ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވުރެ ބޮޑަށް ބޭނުންވަނީ ގައުމުގެ މުސްތަގުބަލަށްޓަކައި ކުރާ ކަންކަމަށް ތަރުހީބު ދެއްވުން ކަމަށް ގާސިމް ވިދާޅުވިއެވެ.
އަދި ހެއްދެވި ފަރާތުން ދެއްވި ތަނަވަސްކަމުގެ ސަބަބުން އެމަނިކުފާނު ހުންނެވި ފުރިގެން ކަމަށާއި މިހާރު ކުރައްވާ ކަމަކީ އޭނާއަށް ލިބިވަޑައިގެންފައި ވާ މަދަދުވެރިކަމަކާއި އެހީތެރިކަމެއް އޭގެ އެންމެ ތަނަވަސް މިނުގައި ދިވެހި ރައްޔިތުނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ސަރުކާރަށް ނުސީދާ ބަހުން ފާޑުވިދާޅުވާ ރާގެއްގައި ވިދާޅުވީ ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންކަން ނުވެ ލަސްވެގެން ދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން ރޭގެ ޖަލްސާއަށް ވަޑައިގެން އިންނެވި އެމްޑީޕީގެ ކުރީގެ ރައީސް އަދި މަންދު ކޮލެޖުގެ ބާނީ އިބްރާހިމް އިސްމާއީލުގެ ކޮލެޖްގެ ކަންކަމުގައި ކޯޓުގެ މަރުހަލާ ދިގުލައިގެން ގޮސްފައިވާ މައްސަލައަށް އިޝާރާތް ކުރައްވާ ވިދާޅުވީ، އެކަމުގައި "އަތް އަޅަނީ ކޮންބޭފުޅެއް" ކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އެ ނުކުތާގައި ގާއިސު އިތުރު ތަފްސީލެއް އަދި އިތުރު ވާހަކައެއް ނުދެއްކެވި ނަމަވެސް އޭނާގެ ބަސްތައް އަމާޒު ކުރެއްވީ ސަރުކާރަށެވެ.
އެހެން ކަމުން ދިވެހިންނަށް ރަނގަޅު ގޮތް ހޯދުމުގައި ފަތަންޖެހިވަޑައިގެންނެވި ކޮންމެ ކަނޑެއްގައިވެސް ފައްތަވާނެ ކަމަށާއި ޖޭޕީއިން ފަހަތަކަށް ނުޖެހޭނެ ކަމަށެވެ. އަދި ޕާޓީން އަބަދުވެސް ނިންމާނީ ދިވެހިންނަށް އެންމެ ރަނގަޅު ގޮތް ކަމަށާއި އަބަދުވެސް މަސައްކަތް ކުރާނީ އެގޮތުގައި ކަމަށް ގާސިމް ވިދާޅުވިއެވެ.