ޔަހޫދީ ފައުޖުތަކުން ފަލަސްތީނަށް ދެމުން ގެންދާ އުދުވާނީ ހަމަލާތައް ހުއްޓުމަކަށް ގެނެސް ދެފަރާތުގެ ދެމުދައި ސުލްހަ ގާއިމު ކުރުމުގެ މަޝްވަރާތައް ޖޯޑަންގައި ބާއްވަން ތާވަލް ކޮށްފިއެވެ.
ޖޯޑަންގެ ރަތްކަނޑުގެ ސިޓީއެއް ކަމަށް ވާ އަގަބާގައި މިއަދު ބާއްވާ މަޝްވަރާތަކުގައި ފަލަސްތީނާއި އިޒްރޭލުގެ އިސް އޮފިޝަލުންގެ އިތުރުން އެމެރިކާ އާއި މިސްރުގެ މަންދޫބުންވެސް ބައިވެރިވާނެއެވެ.
މި މަޝްވަރާތަކުގެ މައިގަޑު އަމާޒަކީ، އިޒްރޭލުން ފަލަސްތީނަށް ދެމެން ގެންދާ އުދުވާނީ ހަމަލާތައް މިވަގުތަށް ހުއްޓުވޭނެ މަގެއް ހޯދުމާއި ފަލަސްތީނުގެ މުޖާހިދުން އިޒްރޭލަށް އަމާޒުކޮށް ދޭ ހަމަލާތައް ހުއްޓުވުމަށް މަގު ހޯދުމެވެ. މީގެ އިތުރުން، އެއްބަސްވުންތަކުން ހައްލެއް ހޯދޭތޭ މަސައްކަތް ކުރާނެ އަނެއް ކަމަކީ އިޒްރޭލުން ބަންދުކޮށްފައި ވާ ފަލަސްތީނުގެ ދޮރާށިތައް ހުޅުވާލައި އިގްތިސޯދީ ހަރަކާތްތަކަށް ޖާގަ ދިނުމެވެ.
ހިސާބުތައް ދައްކާ ގޮތުން މިއަހަރު ފެށިގެން 2 މަސް ދުވަސް ނިމެން ދާ އިރު، އިޒްރޭލުން ވަނީ ފަލަސްތީނުގެ 62 މީހަކު ޝަހީދު ކޮށްލައިފައެވެ.
އަދި ފާއިތުވި އަހަރު 171 މީހަކު ޝަހީދު ކޮށްލިއެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުންނާއި ފިރިހެނުން ހިމެނެއެވެ.
އިޒްރޭލާއި ފަލަސްތީނުގެ އޮފިޝަލުން އެއްމޭޒެއްގެ ދޮށަށް މި ގެނެވޭ ތާރީހީ ބައްދަލުވުމަކީ އެތައް ދުވަހެއްގެ ބުރަ މަސައްކަތުގެ ނަތީޖާއެވެ. މި ބައްދަލުވުމަށް މަގުފަހި ކުރުމަށްޓަކައި، ޖޯޑަންގެ ރަސްގެފާނު އަބްދުﷲ ވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑައިން އާއި އެމެރިކާއިން މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ބްރެޓް މެކްގާކް އާއި އިޒްރޭލުގެ އޮފިޝަލުންގެ އިތުރުން ފަލަސްތީނުގެ އޮފިޝަލުންނާ ވަކިވަކިން ބައްދަލު ކުރައްވާ މަޝްވަރާތައް ބާއްވަވާފައެވެ.
އަބްދުﷲ ރަސްގެފާނުގެ މުޝީރުންނާ ހަވާލާދީ ހަބަރުތައް ބުނާގޮތުން، ފަލަސްތީނާއި އިޒްރޭލުގެ ދައުލަތް ވަކިން އޮތުމަށް އަބްދުﷲ ރަސްގެފާނުވެސް ތާއީދު ކުރައްވައެވެ. އަދި އެމެރިކާއިންވެސް އެމަގަށް ވާހަކަ ބައްޓަން ކުރާއިރު، މިއީ ކާމިޔާބު ވެދާނެ މަޝްވަރާތަކެއް ކަމަށް ބުނެއެވެ.
އިޒްރޭލަކީ، 1967 ގައި ކުރި މެދުއިރުމަތީގެ ހަނގުރާމައަށް ފަހު ފަލަސްތީނުގެ ބިންތަކަށް ވެރިވަމުން ވެރިވަމުން ގޮސް ފަލަސްތީނުގެ ރައްޔިތުން ވަށާލައިގެން ތިބި ހުޅަނގާއި އެމެރިކާގެ މަދަދުގާރެކެވެ. ފަލަސްތީނުން މިނިވަން ދައުލަތެއް ގާއިމުކުރުމަށް މިވީހާތަކަށް ހުރަސް އަޅަމުން އައި ބަޔަކީވެސް އެއީއެވެ.
އިޒްރޭލުން ރޯމާ ދުވާލު އުދުވާން ހިންގާ އެތައް ބަޔަކު ޝަހީދު ކުރާ އިރުވެސް ހުޅަނގާއި އެމެރިކާގެ ލޯ "ކަނުވެފައި" ކަންފަތް "ބީރުވެފައި" ވާ ކަމަށް ގިބަޔަކު ބުނެއެވެ. އަދި އިޒްރޭލު ކުށްވެރިކޮށް އދ ގައި ގަރާރެއް ފާސްކުރަން މަސައްކަތް ކުރިނަމަވެސް އެކަމަށް ދެކޮޅު ހަދާ ވީޓޯ ކުރާ ބަޔަކީވެސް އެމެރިކާއެވެ.