ގަލްފް ފުޑް އެކްސްޕޯގައި އެސްޓީއޯގެ ބައެއް ބްރޭންޑްތަކާއި މިފްކޯގެ އުފެއްދުންތައް ދައްކާލައިފިއެވެ.
މިއީ މި އެކްސްޕޯ ބާއްވާ 28 ވަނަ އަހަރަށް ވާއިރު މި އަހަރުގެ އެކްސްޕޯގައި 125 ގައުމަކުން 5000 އަށްވުރެ ގިނަ ކުންފުނިން ވަނީ ބައިވެރިވެފައެވެ.
އެސްޓީއޯއިން ބުނީ ދުނިޔޭގެ އެންމެ ބޮޑު އެއް އެކްސްޕޯ ކަމަށްވާ ގަލްފް ފުޑް އެކްސްޕޯގައި އެސްޓީއޯ ބައިވެރިވެ އެ ކުންފުނިން ވިއްކާ ޗޮއިސް ބްރޭންޑް މުދަލާއި މިފްކޯގެ މަހުގެ އެކި އުފެއްދުންތައް ދައްކާލާފައިވާ ކަމަށެވެ.
ދުބާއީގެ ވޯލްޑް ޓްރޭޑް ސެންޓަރުގައި މި މަހުގެ 20 ވަނަ ދުވަހުން 24 ވަނަ ދުވަހަށް ކުރިއށްދާ އެ އެކްސްޕޯގައި ގާއިމްކޮށްފައިވާ އެސްޓީއޯގެ ސްޓޯލްގައި ޗޮއިސް ބްރޭންޑްގެ ކޮންޑެންސް މިލްކާއި ޗޮއިސް ކަޕްނޫޑްލްއާއި ޗޮއިސް ބާސްމަތީ ހަނޑުލާއި ޗޮއިސް ސަންފްލާވާ އާއި ޗޮއިސް ވެޖެޓަބްލް އޮއިލްގެ އިތުރުން މިފްކޯގެ މަހުގެ އެކި އުފެއްދުންތައް ދައްކާލާފައިވާ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.
އެސްޓީއޯއިން އިތުރަށް ބުނީ އެކްސްޕޯގައި ބައިވެރިވުމުގެ މަގުސަދަކީ އެސްޓީއޯއާއި މިފްކޯއިން ވިއްކާ ބްރޭންޑްތަކަށް ބައިނަލްއަގްވާމީ ބާޒާރުގައި ފުރުސަތުތައް އިތުރުކުރުން ކަމަށެވެ.