ބޭންކް އޮފް މޯލްޑިވިސް (ބީއެމްއެލް)ގައި ހުޅުވާފައިވާ އެކައުންޓްގެ ވެރިފަރާތުގެ ނޭނގި ފައިސާ ގެއްލުން ކަންބޮޑުވާ މިންވަރަށް އިތުރުވެފައި ވާތީ އެ މައްސަލަ ބަލުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ހުށަހަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖުއެވެ.
އެކައުންޓްތަކުން ފައިސާ ގެއްލޭތީ ރައްޔިތުން ކުރަމުން އަންނަ ޝަކުވާތަކާ ގުޅިގެން ބީއެމްއެލްއިން ދެމުން އަންނަ ޖަވާބަކީ އެކައުންޓްތަކުން ފައިސާ ނަގަމުންދާ ސަބަބަކީ އެކައުންޓްގެ ވެރިފަރާތުން ގޮތް ނޭނގޭ ލިންކުތަކަށް ފިތުމާއި އެކައުންޓްގެ މައުލޫމާތު ހިއްސާ ކުރަން ނުޖެހޭ ފަރާތްތަކާ ހިއްސާ ކުރުން ކަމުގައި ފާހަގަކޮށް ސިރާޖު ހުށަހެޅުއްވި މައްސަލައިގައިވަނީ މި ވާހަކަ ރައްޔިތެއްގެ ހައިސިއްޔަތުން ގަބޫލު ނުކުރާ ކަމަށެއެވެ.
ބީއެމްއެލް އެކައުންޓްތަކުގައި ރައްކާކޮށްފައިވާ ފައިސާތައް އެ އެކައުންޓުގެ ވެރިފަރާތަށް އެނގުމަކާ ނުލައި ނަގަމުން ދިޔުމުގައި ބީއެމްއެލްގައި މަސައްކަތް ކުރާ ފަރާތްތަކުގެ އަތެއްވާ ކަމަށް ތުހުމަތު ކުރުމުގެ ޖާގަ އޮތް ކަމަށް ދެކޭ ކަމަށްވެސް ސިރާޖު ހުށަހެޅި މައްސަލައިގައި ވެއެވެ.
އެކައުންޓުން ފައިސާ ނަގަމުންދާ ގޮތް ބެލުމައް ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭނަމަ މައްސަލަ ފުލުހުންގެ ހިދުމަތަށް ހުށަހަޅައިގެން ވެސް ބެލުމައް ސިރާޖު ވަނީ އެދިފައެވެ.
އެމްއެމްޕީއާރުސީ އިން ދައުލަތަށް ލިބެންޖެހޭ ފައިސާ އަމިއްލަ ފަރާތްތަކުގެ އެކައުންޓްތަކަށް ވަދެ ދައުލަތަށް އެ ފައިސާއިން ގެއްލިގެން ދިޔުމުގެ އެންމެ އިސް އެއް ދައުރެއް އަދާ ކުރި ފަރާތަކީވެސް ބީއެމްއެލްކަން ފެންނަން ހުރި ލިޔުންތަކުން ސާފުކޮށް ފެންނަން ހުރިކަމަށް ވެސް ސިރާޖު ވަނީ ވިދާޅުވެފައެވެ.
އެމްއެންޕީގެ ފަރާތުން އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕް ލީޑަރު އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުވަނީ ބީއެމްއެލް އެކައުންޓުތަކުން ފައިސާ ގެއްލޭ މައްސަލަ ބެލުމަށް މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް (އެސްއޯއީ) ކޮމިޓީއަށް ވަނީ ހުށަހަޅައިފައެވެ.