އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ އެކު ކޯލިޝަން ހެދުމަށް އެދިވަޑައިގެން އެމަނިކުފާނުގެ މަންދޫބުން އެމްޑީއޭ އާއެކު މިއަދު މަޝްވަރާ ކޮށްފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފް ވިދާޅުވީ، ކޯލިޝަން ހެދުމުގެ ޝައުގުވެރިކަން މިހާތަނަށް އެމްޑީޕީއާއި ޕީޕީއެމް އިން ފާޅުކޮށްފައިވާ އިރު، އެންމެ ފުރަތަމަ އެ ދައުވަތު ހުށަހަޅާފައި ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ފަރާތްޕުޅުން ކަމަށެވެ. އެހެން ކަމުން މިއަދު މެންދުރު 12:30 ގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ މަންދޫބުންނާ އެކު އެމްޑީއޭގައި ބައްދަލުވުން ބާއްވާފައިވާ ކަަމަށާއި އެ ބައްދަލުވުން ނިންމާލީ ދާދި ދެންމެއަކު ކަމަށް މައުރޫފް ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ރައީސް ސޯލިހްގެ މަންދޫބުންގެ ގޮތުގައި ބައިވެރިވެވަޑައިގެންފައި ވަނީ އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އާއި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ.

މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ނުކުތާތަކުގެ ތަފްސީލެއް އަދި އެމްޑީއޭގެ ޑިމާންޑެއް އަދި ނޭނގެއެވެ.

އެމްޑީޕީގެ އިތުރުން ޕީޕީއެމުން ވެސް ވަނީ އެމްޑީއޭއާއެކު ކޯލިޝަން ހެދުމުގެ ޝައުގުވެރިކަން ފާޅުކޮށް އެކަމަށް އެދި ސީޓީއެއް ފޮނުވާފައި ވެއެވެ. އެހެންކަމުން މިއަދު ހަވީރު 5:00 ގައި ޕީޕީއެމްއާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވަން ހަމަޖެހިފަިއވާ ކަމަށް ވެސް މައުރޫފް ވިދާޅުވިއެވެ.

އެމްޑީޕީން އެމްޑީއޭއާއެކު މަޝްވަރާ ކޮށްފައިވާ އިރު، މި ސަރުކާރުގެ ކޯލިޝަންގައި ތިބި ޕާޓީތަކުގެ ތާއީދު ހޯދުމަށް އެމްޑީޕީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން މިހާތަނަށް އެމްޑީޕީއަށް ތާއީދު ކުރާނެކަން އިއުލާން ކޮށްފައި ވަނީ އަދާލަތު ޕާޓީން އެކަންޏެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ގާސިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާއި ރައީސް ސޯލިހްގެ މަންދޫބުން ބައްދަލުކުރައްވާފައި ވާ އިރު، އަދި ޖުމްހޫރީ ޕާޓީގެ ނިންމުން ހާމަކޮށްފައެއް ނުވެއެވެ. މީގެ އިތުރުން އެމްއާރްއެމުން ވަނީ އެ ޕާޓީގެ ލީޑަރު މައުމޫން އަބްދުލްގައްޔޫމް ރާއްޖެގައި ނެތުމުން ރާއްޖެ ވަޑައިގަތުމާއެކު އެމްޑީޕީއާ މަޝްވަރާ ކުރާނެ ކަމަށް ބުނެފައެވެ.