ސިހުރުހާހޫރު ހެދުމަށް ބޭނުންކުރާ ސާމާންތަކެއް ފެނުނުތާ 7 އަހަރު ފަހުން އެ މައްސަލައިގައި ޝާމިލްވާ ފަރާތަށް ހުކުން އިއްވައިފިއެވެ.

މި މައްސަލައިގައި، ހުކުން އިއްވާފައި ވަނީ ރާއްޖޭގެ އުތުރުގެ ރަށަަކަށް ނިސްބަތްވާ އުމުރުން 84 އަހަރުގެ ދިވެހި ފިރިހެނެއްގެ މައްޗަށެވެ.

ދައުލަތުން އޭނާގެ މައްޗަށް ކޮށްފައި ވަނީ ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތި ގެންގުޅުމުގެ ދައުވާއެވެ. ދައުލަތުން އޭނާ އާ ދެކޮޅަށް ކޮށްފައި ވާ ދައުވާ ސަބިތު ވެ ތިން އަހަރު ދުވަހަށް ގޭ ބަންދު ކުރުމަށް ނ. ހޮޅުދޫ ކޯޓުން ހުކުން އިއްވާފައި ވަނީ އިއްޔެއެވެ.

ސިހުރު ހަދަމުން ދާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން 2016 ވަނަ އަހަރު މި ފިރިހެންމީހާ ދިރިއުޅޭ ގެ ބަލާ ފާސްކޮށްފައި ވާއިރު އެ މީހާ ނިދާ އެނދުމަތިން ވަނީ ސިހުރު ހެދުމަށް ބޭނުން ކުރާ ދިވެހި އަދި އަރަބި ބަހުގެ ލިޔެކިޔުންތަކެއް ފެނިފައެވެ. މި މައްސަލައިގެ މި ތަކެތި ރާއްޖެ އެތެރެކުރިކަމަށް އެ މީހާ ޝަރީއަތުގައި އިންކާރު ކޮށް ބުނީ އެ ތަކެއްޗަކީ އޭނާ އެތެރެކުރި ތަކެތި ނޫންކަމަށެވެ. އަދި އެއީ އޭނާގެ ބޭބެ ގެންގުޅުނު އެއްޗެހި ކަމަށާއި އޭނާ އެ ތަކެތި ގެންގުޅުނީ ބޭބެ ނިޔާވުމުން ކަމަށެވެ.

މީގެ އިތުރުން ޝަރީއަތުގެ މަޖިލީހުގައި އޭނާ ބުނީ އެ ލިޔެކިޔުން ތަކަކީ ސަރުކާރުން ޗާފު ކުރުމުން ގަނެފައިވާ ތަކެތި ކަމަށެވެ. މި މައްސަލައިގެ އަޑުއެހުމުގައި އިސްލާމިކް މިނިސްޓްރީގެ އޮފިޝަލުންގެ ބަޔާންވެސް ވަނީ ނަގާފައެވެ. އެމީހުންގެ ބަޔާން ނަގާފައި ވަނީ އެގެއިން ފެނުނު ލިޔެ ކިޔުންތަކަކީ ސިހުރު ހެދުމަށް ބޭނުންކުރާ ތަކެތިތޯ ޔަގީން ކުރުމުގެ ބޭނުމުގައެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް ކުށް ސާބިތުވުމުން ލުއި އަދަބެއް ދިނުމަށް އެދިފައި ވާއިރު އޭނާ ހުށަހެޅި ކަންކަމަށް ރިއާޔަތްކޮށް ކޯޓުން ވަނީ އޭނާ ތިން އަހަރު ދުވަހު ގޭ ބަންދުކުރުމަށް ހުކުމް ކޮށްފައެވެ.