ބާވެ ހަލާކުވެފައިވާތީ ކްރިމިނަލް ކޯޓުގެ ހަތަރު ބުރީގެ އިމާރާތް ބޭނުންކުރުން ހުއްޓާލައިފިއެވެ.
ޖޭއެސްސީއިން ބުނީ ކްރިމިނަލް ކޯޓު ހިންގަމުންދާ ހަތަރުބުރީގެ އިމާރާތަކީ ވަރަށް ބޮޑަށް ބާވެގެން ހަލާކުވެފައިވާތީ ކަމާބެހޭ މާހިރުން ލައްވާ އިންސްޕެކްޝަނެއް ހަދާފައިވާ އިމާރާތެއް ކަމަށާއި އެ އިންސްޕެކްޝަނަށްފަހު އެ އިމާރާތް އިތުރަށް ބޭނުންކުރުމަކީ އެއްވެސް މިންވަރަކަށް ރައްކާތެރި ކަމެއް ނޫންކަމަށް ކަމާބެހޭ ފަންނީ މާހިރުން އިރުޝާދުދީފައިވާ ކަމަށެވެ.
އެހެންކަމުން ކްރިމިނަލް ކޯޓް ވަގުތީ ގޮތުން އެހެން އިމާރާތަކަށް ބަދަލުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ނިމެންދެން ކޯޓުގެ މުވައްޒަފުންނާއި ހިދުމަތް ހޯދާ އެންމެހައި ފަރާތްތަކުގެ ސަލާމަތަށްޓަކައި ބައެއް ކަންކަމަށް ބަދަލުގެނައުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ކްރިމިނަލް ކޯޓު ހިންގަމުން ދާ ދެ އިމާރާތުގެ ތެރެއިން އެކްސްޓެންޝަން އިމާރާތުގައި ކުރެވެން ހުރި މަސައްކަތްތައް އަލުން ތަރުތީބުކޮށް ހުއްޓާނުލައި ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް ޖޭއެސްސީއިން ބުނެއެވެ.
ޖޭއެސްސީއިން އިތުރަށް ބުނީ ޝިފްޓު ޑިއުޓީގެ އުސޫލުން މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ކޯޓުގެ ހިދުމަތް ވީހާވެސް ރަނގަޅަކަށް ދެވޭނޭ އިންތިޒާމްތައް ހަމަޖެއްސުމަށްވެސް ނިންމާފައިވާ ކަމަށާއި ކޯޓުގެ މަސައްކަތްތައް މަސައްކަތައް ތަރުތީބުކޮށް ޝަރީއަތްތަކާއި ކޯޓުގެ މަސައްކަތްތައް އޮންލައިންކޮށާއި ވޯކް ފްރޮމް ހޯމްގެ އުސޫލުގެ ދަށުން ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް ބުނެފައެވެ.