ސައިބާކްރައިމްއާ ގުޅުންހުރި އަމަލުތައް އެއީ ކުށް ކަމުގައި ކަނޑައެޅުމަށްޓަކައި ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒުއެވެ. މި އިސްލާހު ހުށަހެޅި ސަބަބެއް ކަމުގައި ބިލުގައި ބުނެފައި ވަނީ ސައިބާ ކްރައިމްއާ ގުޅުން ހުރި އަމަލުތަކަކީ ކުށެއް ކަމުގައި ކަނޑައެޅުމެވެ.
ކުށް ކަމުގައި ކަނޑައެޅުމަށް ބިލުގައި ހުށައަޅާފައިވާ ކަންކަން:
- ހުއްދަނެތި ކޮމްޕިއުޓާ ސިސްޓަމަކަށް އެކްސެސްވުން
- އިތުރު ކުށެއް ކުރުމަށް މަގުފަހިކުރުމުގެ ނިޔަތުގައި ހުއްދަނެތި ކޮމްޕިއުޓާ ސިސްޓަމަކަށް އެކްސެސްވުން
- ހުއްދަނެތި ކޮމްޕިއުޓާ ޑޭޓާ އިންޓާސެޕްޓްކުރުން
- ހުއްދަނެތި ކޮމްޕިއުޓާ ޑޭޓާއަށް އިންޓާފިއާކުރުން
- ހުއްދަނެތި ކޮމްޕިއުޓާ ސިއްޓަމަކަށް އިންޓާފިއާކުރުން
- ނަހަމަގޮތުގައި ޑިވައިސްތައް ބޭނުންކުރުން
- ސައިބާވަޔަލަންސްގެ އަމަލުތައް
- ކޮމްޕިއުޓަރާ ގުޅުންހުރި ފޯޖަރީގެ އަމަލުތައް
- ކޮމްޕިއުޓަރާ ގުޅުންހުރި އޮޅުވާލުމުގެ އަމަލުތައް
- ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް
ކޯޓު އަމުރެއްގެ ދަށުން ނުވަތަ ގާނޫނަކުން ބާރު ލިބިގެން ދޫކޮށްފައިވާ ހުއްދައެއްގެ ދަށުން އެ ކޯޓު އަމުރުގައި ނުވަތަ ހުއްދައިގައި ބަޔާންކުރާ ގޮތުގެ މަތިން ކޮމްޕިއުޓަރަކަށް ނުވަތަ ޑޭޓާއަކަށް ނުވަތަ އެއިން އެއްޗެއްގެ ވަކި ވަޔަކަށް އެކްސެސްވުމަކީ ކުށެއް ކަމުގައި ނުބެލެވޭނެ ކަމަށް އިސްލާހުގައިވެއެވެ.
މި ބިލުގައި ބަޔާންކުރާ ކުށަކަށް އަރައިގެންފިނަމަ އަހަރަކަށްވުރެ ގިނަ ދުވަހަށް ޖަލަށް ލެވޭގޮތަށް ވެސް ކަނޑައަޅާފައިވެއެވެ.