ދިވެހިރާއްޖޭގައި އިންޓަނެޓާއި ޓެކްނޮލޮޖީގެ ޒަރީއާއިން ހިންގާ ސައިބާ ކުށްތައް ރިޕޯޓުކުރާ މިންވަރު، މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 100 ޕަސެންޓްއަށްވުރެ ބޮޑަށް އިތުރުވެފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، 2025 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ހުށަހަޅާފައިވަނީ ސައިބާ ކްރައިމްގެ 512 މައްސަލައެވެ. ނަމަވެސް، 2026 ވަނަ އަހަރުގެ މި މުއްދަތުގައި އެ އަދަދު ވަނީ 1,053 އަށް އުފުލިފައެވެ. މިއީ ގާތްގަނޑަކަށް 105 ޕަސެންޓްއިގެ އިތުރުވުމެކެވެ. މިއަހަރުގެ މިހާތަނަށް 884 މައްސަލައެއްގެ ތަހުގީގު ކުރިއަށްދާއިރު، ކުރިން ހުށަހެޅުނު މައްސަލަތަކާއެކު ޖުމުލަ 457 މައްސަލައެއްގެ ތަހުގީގު ނިންމައި މިހާރު ވަނީ ފައިލްކޮށްފައެވެ.
ސައިބާ ކުށްތައް މިހާ ބޮޑަށް އިތުރުވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެނީ އޮންލައިންކޮށް ހިންގާ މަކަރާއި ހީލަތުގެ މައްސަލަތައް ކަންބޮޑުވާ ދަރަޖައަކަށް އިތުރުވުމެވެ. ވަކިވަކި ކުށްތަކަށް ބަލާއިރު، އެންމެ ބޮޑު ކުރިއެރުމެއް އައިސްފައިވަނީ އޮންލައިން ޝޮޕިންގް ސްކޭމްތަކަށެވެ. މި ބާވަތުގެ ކުށްތައް 86 އިން 464 އަށް އިތުރުވެފައިވާއިރު، މިއީ 439 ޕަސެންޓްއިގެ ބޮޑު އިތުރުވުމެކެވެ. މީގެ އިތުރުން ސޯޝަލް މީޑިއާ ސްކޭމްތައް 626 ޕަސެންޓް އިތުރުވެފައިވާއިރު، ބޭރު ފައިސާ ބަދަލުކުރުމުގެ ނަމުގައި ހިންގާ މަކަރާއި ހީލަތުގެ މައްސަލަތައް ވަނީ 83 ޕަސެންޓް އިތުރުވެފައެވެ.
މަކަރާއި ހީލަތުގެ މައްސަލަތައް އިތުރުވި ނަމަވެސް، ބައެއް ބާވަތުގެ ކުށްތައް ވަނީ މަދުވެފައެވެ. އެގޮތުން އޮރިޔާން ކާޑު ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމުގެ މައްސަލަތައް 75 ޕަސެންޓް ދަށަށް ގޮސްފައިވާއިރު، ސޯޝަލް މީޑިއާ އެކައުންޓްތައް ހެކްކުރުމުގެ މައްސަލަތައް 29 ޕަސެންޓް އަދި ކާޑު ފްރޯޑްގެ މައްސަލަތައްވެސް ވަނީ މަދުވެފައެވެ.
ސައިބާ ކުށްތަކުން ރައްޔިތުން ރައްކާތެރިކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިއަހަރުގެ މިހާތަނަށް 182 މައްސަލައެއްގައި ފަންނީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މީގެ ތެރޭގައި ހެކްކޮށްފައިވާ 120 ސޯޝަލް މީޑިއާ އެކައުންޓެއް އަނބުރާ ހޯދައިދިނުން ހިމެނެއެވެ. އަދި އާންމުން ހޭލުންތެރިކުރުމަށް ހިންގި ސެޝަންތަކުގައި 3,143 ފަރާތަކަށް ވަނީ މައުލޫމާތު ދީފައެވެ.
ފުލުހުން އިލްތިމާސްކުރަނީ އޮންލައިންކޮށް ފައިސާގެ މުއާމަލާތްތައް ހިންގުމުގައި މުއާމަލާތުކުރެވޭ ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަށާއި، އަމިއްލަ ޒާތީ މައުލޫމާތާއި ބޭންކިންގ ތަފުސީލުތައް އެހެން ފަރާތްތަކާ ހިއްސާނުކުރުމަށެވެ. އަދި މަކަރާއި ހީލަތުގެ ޝިކާރައަކަށް ވެއްޖެނަމަ، ލަސްނުކޮށް ރިޕޯޓުކުރުމަކީ ކުށްވެރިން ހޯދުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅުކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
