އަރަބިއްޔާ ސްކޫލުގެ އިމާރާތް އަޅަން ނުފެށި ލަސްވަމުންދާތީ، އެކަމާ ގުޅޭ ގޮތުން ސުވާލުކުރެއްވުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރުމަށް ހުށަހަޅައިފިއެވެ.

މިނިސްޓަރު އައިޝަތު އާ ސުވާލުކުރެއްވުމަށް މަޖިލީހަށް ހުށަހަޅާފައިވަނީ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގްއެވެ. މި ހުށަހެޅުމުގައި މިނިސްޓަރު ކުރެން ސާފު ކުރަން ބޭނުންވާ މައުލޫމާތު ހިމަނާފައިވާއިރު، އޭގެތެރޭގައި މަސައްކަތް ނިންމަން ހަވާލު ކުރި މުއްދަތުގެ އިތުރުން ސްކޫލް ނިމި ދަރިވަރުންނަށް އިމާރާތް ބޭނުން ކުރަން ފެށޭނެ ވަކި ތާރީހެއް އަންގައިދިނުމަށް ބުނެފައިވެއެވެ.

420 ދުވަހުގެ ތެރޭގައި ނިންމުމަށް، އަމީން ކޮންސްޓްރަކްޝަނާ ހަވާލު ކުރި މި މަޝްރޫއުއަށް 7 މަސް ދުވަސް ފާއިތުވި ނަމަވެސް ތަނުގެ ބިންގާ އެޅުމަށްޓަކައި ބިން ސާފުކުރުމުގެ މަސައްކަތް ނިމިފައި ނުވާ ކަމަށް ބުނެ އަރަބިއްޔާ ސްކޫލަށް ނިސްބަތްވާ ބެލެނިވެރިންވެސް ވަނީ ދާދި ފަހުން މަގުމަތީގައި އިހްތިޖާޖު ކޮށްފައެވެ.

އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިން މަގުމަތީގައި އިހްތިޖާޖް ކުރަނީ

ކަރުދާސް ބޯޑުގައި ޝުއޫރުތައް ލިޔެ ބާ ޖަމާލުއްދީން ސަރަހައްދުގައި ބެލެނިވެރިންގެ ކަންބޮޑުވުންތައް ފާޅު ކުރި ނަމަވެސް އެއްވެސް އިދާރާއަކުން މިކަމާ ގުޅޭ ގޮތުން ޖަވާބުދާރީވެފައެއް ނުވެއެވެ. 40 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލަކާއި 4 ލިފްޓާއެކު ސްކޫލެއްގައި ހިމެނެންޖެހޭ ހުރިހާ ވަސީލަތްތަކަކާއެކު ޖަމާލުއްދީން އެނެކްސް ތަރައްްގީ ކުރާ އިރު އަރަބިއްޔާ ސްކޫލުގައި 34 ކްލާސްރޫމާއި 2 ލިފްޓް އަދި ފާހާނާތައް ހަދާނެ ކަމަށް ފިނޭންސް މިނިސްޓްރީއިން މީގެ ކުރިން ބުނެފައި ވެއެވެ. މި މަޝްރޫއު ހިންގުމަށް ޖުމްލަ 168 މިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.

އަރަބިއްޔާ ސްކޫލްގެ އިމާރާތަށް ދިމާވެފައިވާ މައްސަލަތަކަށް ވަގުތީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، އަރަބިއްޔާގައި ކިޔަވާ ދަރިވަރުންގެ ކްލާސްތައް ވަނީ މިދިޔަ ދިރާސީ އަހަރުތެރޭ ފޮރިން މިނިސްޓްރީ ހިންގި ވަގުތީ އިމާރާތަށް ބަދަލު ކޮށްފައެވެ.