އުރީދޫ މޯލްޑިވްސްގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ މާޗް 8 ވަނަ ދުވަހުގެ ރޭގަނޑު 8:30 ގައި ބާއްވަން ހަމަޖައްސައިފިއެވެ.
އުރީދޫން ބުނީ، މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ރަޖިސްޓާ ވާ ފަރާތްތަކަށް އޮންލައިންކޮށް ނުވަތަ ޖަލްސާ ބާއްވާ ތަން ކަމުގައިވާ، ކްރޮސްރޯޑްސް މޯލްޑިވްސްގެ އިވެންޓް ހޯލަށް ހާޒިރުވެގެން ބައިވެރިވެވޭނެ ކަމަށެވެ. ކްރޮސްރޯޑްސްގެ އިވެންޓް ހޯލަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ 120 ހިއްސާދާރުންނަށް ކަމަށް ވެސް އުރީދޫން ބުނެއެވެ.
އެގޮތުންއުރީދޫ އޭޖީއެމްގައި އޮންލައިންކޮށް ބައިވެރިވާ މީހުން "ފަހިވޯޓު" މެދުވެރިކޮށް ޖަލްސާގައި ބައިވެރިވުމުގެ އިންތިޒާމުތައް ހަމަޖައްސައި ދެވޭނެ ކަމަށް އުރީދޫން ބުނެއެވެ. އަދި ކްރޮސްރޯޑްސް މޯލްޑިވްސްއަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވާ ފަރާތްތަކާއި، އޮންލައިންކޮށް ބައިވެރިވާ ފަރާތްތަކަށް، އެ މައުލޫމާތު އަންނަ މަހުގެ 7 ވަނަ ދުވަހުގެ އިރުއޮއްސި 6:00 ގެ ކުރިން، އަންގާނެ ކަމަސް ވެސް އުރީދޫން ބުނެއެވެ.
މިއަހަރުގެ އުރީދޫގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މާޗު މަހުގެ 6 ވަނަ ދުވަހުގެ ރޭގަނޑު 8:30 އާ ހަމައަށް ޖަލްސާގައި ބައިވެރިވުމަށް އެދި ރަޖިސްޓާ ކުރާ ފަރާތްތަކަށް އެކަނި ކަމުގައި ވެސް އުރީދޫން ބުނެއެވެ. އަދި އުރީދޫ މޯލްޑިވްސްގެ ހިއްސާދާރެއްގެ ގޮތުގައި ޖަލްސާގައި ބައިވެރިވެވޭނީ މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ރަޖިސްޓާވެފައިވާ ފަރާތްތަކަށް ކަމަށް ވެސް އުރީދޫން ބުނެއެވެ.
މި އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ޝަރުތުހަމަވާ ހިއްސާދާރުން، ޖަލްސާގައި ބައިވެރިވުމަށް "ޕްރީ-ރެޖިސްޓްރޭޝަން ފޯމު" އަދި ޕްރޮކްސީއެއް އައްޔަން ކުރާނަމަ "ޕްރޮކްސީ ފޯމު" ފުރުމަށްފަހު ހުށަހެޅުމަށް އުރީދޫން ބުނެއެވެ. އަދި ހުށަހަޅާފައިވާ ޕްރޮކްސީ ބާތިލުކުރަން ބޭނުންވާ ނަމަ "ޕްރޮކްސީ ރީވޮކޭޝަން ފޯމު" ފުރުމަށްފަހު ހުށަހެޅުންމަށް އުރީދޫން ބުނެއެވެ. ރަޖިސްޓާ ކުރުމަށް އެމްއެސްޑީގެ އޮންލައިން ސިސްޓަމް "އިންފިނިޓީ" މެދުވެރިކޮށް ނުވަތަ ފޯމު ހުށަހަޅައިގެން ރަޖިސްޓާ ކުރެވޭނެއެވެ. އަދި މި ފޯމްތައް ފުރާ ފަރާތްތަކުން ފޯމުތައް ފުރުމަށްފަހު އަންނަ މަހުގެ 6 ވަނަ ދުވަހުގެ ރޭގަނޑު 8:30 ގެ ކުރިން އީލެމެއިލް ކުރުމަށް އުރީދޫން ބުނެއެވެ. ނުވަތަ އުރީދޫ މޯލްޑިވްސް އޮފީސް، ހ. ސަލްލީޓް، 6 ވަނަ ފަންގިފިލާއަށް ފޯމު ހުށަހެޅުމަށް އުރީދޫން ބުނެއެވެ.
ކްރޮސް ރޯސްޑްސް މޯލްޑިވްސްއަށް ހާޒިރުވެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާ ހިއްސާދާރުންނާއި ޕްރީ-ރެޖިސްޓާ ކޮށްފައިވާ ފަރާތްތައް ވެސް ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގ ރޭގަނޑު 7.30 އާއި 8.30 އާ ދެމެދު ކްރޮސް ރޯޑްސްގެ އިވެންޓް ހޯލަށް ހާޒިރުވެ ރަޖިސްޓާ ކުރަން ވާނެއެވެ. ރެޖިސްޓާ ކުރަން ހާޒިރުވާ އިރު ދިވެއްސެއް ނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ބިދޭސީއެއް ނަމަ ޕާސްޕޯޓު ހިފައިގެން ހާޒިރުވާން އުރީދޫން ބުނެއެވެ. ޖަލްސާ ފެށުމުގެ ކުރިން ރެޖިސްޓާ ނުކުރާ ފަރާތްތަކަށް ޖަލްސާގައި ބައިވެރިނުވެވޭނެ ކަމަށް އުރީދޫން ބުނެއެވެ. އަދި އޮންލައިންކޮށް ބައިވެރިވާ ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުން ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ ރޭގަނޑު 8.15 އާއި 8.30 އާ ދެމެދު، ލިބިފައިވާ ލޮގިން މައުލޫމާތު ބޭނުންކޮށް، ފަހިވޯޓު ސިސްޓަމަށް ލޮގިން ވާން ވާނެ ކަމަށް އުރީދޫން ބުނެއެވެ.
މާލެއިން ކްރޮސް ރޯޑްސް މޯލްޑިވްސްއަށް ދަތުރުތައް ހަމަޖެހިފައިވާ ގަޑިތަކަކީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ ރޭގަނޑު 7:15 އަދި 7:30 ގައެވެ. ދަތުރު ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށާއި ދަތުރުފަތުރުގެ އިންތިޒާމަކީ ކުރީންސުރެ ހަމަޖައްސާފައިވާ ކަމެއްކަމުގައި ވާތީ، ޝެޑިއުލް ކުރެވިފައިވާ ގަޑިތަކުގެ އިތުރުން އެހެން ދަތުރުތައް ހަމަޖައްސައި ދެވެން ދަތިވާނެ ކަމަށް އުރީދޫން ބުނެއެވެ.