އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް (އައިސީސީއާރް)އިން ރާއްޖެއަށް ދޭ 34 ސްކޮލަޝިޕްއަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

ސްކޮލަޝިޕް ފުރުސަތުތައް ހުޅުވާލާފައިވަނީ އަންޑަ ގްރެޖުއޭޓް، ޕޯސްޓް ގްރެޖުއޭޓް އަދި ޕީއެޗްޑީ ފެންވަރަށް އާޓްސް، ސައިންސް، އިންޖިނިއަރިން، ބިޒްނަސް، ޓުއަރިޒަމް އަދި އެހެނިހެން ދާއިރާތަކުންނެވެ.

މި ސްކޮލަޝިޕް ފުރުސަތުތައް ހުޅުވާލާފައި ވަނީ އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ ޒުވާނުންނަށެވެ. އަދި ޕީއެޗްޑީ ސްކޮލަޝިޕަށް ކުރިމަތިލެވޭ އެންމެ ދޮށީ އުމުރަކީ 45 އަހަރެވެ.

ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ އޭޕްރިލް މަހުގެ 30ވަނަ ދުވަހުގެ ނިޔަލަށެވެ. މިސްކޮލަޝިޕް ފުރުސަތުތަކަކީ މިއަހަރާއި އަންނަ އަހަރަށް ދޫކުރާ ސްކޮލަޝިޕްތަކެކެވެ.

އައިސީސީއާރުން ވޭތުވެދިޔަ 10 އަހަރު، 165 ދިވެހިންނަށް ކިޔެވުމުގެ ފުރުސަތު ފަހިިކޮށްދީފައިވެއެވެ. މިއީ ރާއްޖެއަށް މުހިންމު އެކި ދާއިރާތަކަށް، ތައުލީމާއި ތަމްރީން ލިބިފައިވާ މީހުން އުފެއްދުމަށް އެހީވުމަށް ފަހިކޮށްދެމުން އަންނަ ފުރުސަތެކެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ބުނީ، ރާއްޖޭގެ މަތީ ތައުލީމުގެ ދާއިރާ ހަރުދަނާކޮށް ދިވެހި ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށް ތަނަވަސްކޮށްދިނުމުގެ ބޭނުމުގައި ސްކޮލާޝިޕްގެ ފުރުސަތުތައް ހޯދުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.