ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރަށް ބަރުކުރާ މުދަލަށް ލިބޭ ގެއްލުމުގެ ބަދަލު، އުޅަނދުގެ ވެރިފަރާތުން ދޭންޖެހޭ ގޮތަށް ކަނޑު ދަތުރުފަތުރު ކުރުމުގެ ގަވާއިދު އެކުލަވާލައިފި އެވެ.

އެކުލަވާލި ގާވާއިދުގަިއ ބުނެފައިވާ ގޮތުން އުޅަނދުފަހަރަށް އަރުވާ މުދާ ރައްކާތެރިކަމާ އެކު އެ މުދަލެއް ގެންދަންޖެހޭ ބަނދަރަކަށް ގެންދެވޭކަން އުޅަނދުގެ ވެރިފަރާތުން ކަށަވަރުކުރަން ޖެހޭ ކަމަށާއި އުޅަނދަކަށް މުދާ އެރުވުމުގެ ތެރޭގައި ނުވަތަ މުދާ އުޅަނދުން ބޭލުމުގެ ތެރޭގައި އެ އުޅަނދެއްގެ ކެޕްޓަން ނުވަތަ ފަޅުވެރިއެއްގެ އަތުން މުދަލަށް ލިބޭ ގެއްލުމުގެ ޒިންމާ ނަގައި ބަދަލު، އުޅަނދެއްގެ ވެރިފަރާތުން ދޭން ޖެހޭނެ ކަމަށެވެ.

ނަމަވެސް ދަތުރުފަތުރު ކުރުމުގެ ގާނޫނާއި އެއްގޮތަށް، އުޅަނދުގެ ކެޕްޓަން ނުވަތަ ފަޅުވެއްރިއެއްގެ ގަސްތަކާ ނުލާ މުދަލަކަށް ގެއްލުމެއް ލިބިއްޖެ ނަމަ ބަދަލު ދޭކަށް ނުޖެހޭނެ ކަމަށް ގަވާއިދުގައި ބުނެއެވެ. މި ގަވާއިދަށް އަމަލު ކުރަަން ހަމަޖެހިފައިވަނީ އަންނަ މެއި މަހުން ފެށިގެންނެވެ.

2021: އީދު ބަންދަށް ރަށަށް ދާން ތައްޔާރުވެފައި އޮތް ބޯޓަކަށް މުދާ އަރުވަނީ / ފޮޓޯ: ދަ ޕްރެސް

ކަނޑު ދަތުރުފަތުރު ކުރާ އުޅަނދަކަށް މުދާ ބަރުކުރުމުގެ ކުރިން ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް ވެސް އެކުލަވާލާފައިވެއެވެ. އެގޮތުން ހިމެނިގެންދާ ކަންކަމީ:

  • މުދަލުގެ ބާވަތާއި ފަސޭހައިން ހަލާކުވާ ޒާތުގެ މުދަލެއްކަން ނުވަތަ ނޫންކަމާއި، ބަހައްޓަންޖެހޭ ގޮތުގެ މައުލޫމާތު ވެސް އުޅަނދުގެ ވެރިފަރާތަށް ދޭން ޖެހެއެވެ.
  • މުދަލުގެ ވެރިފަރާތުގެ ނަމާއި، އެޑްރެހާއި، ގުޅޭނެ ފޯނު ނަންބަރާއި މުދަލާ ހަވާލުވާނެ ފަރާތުގެ ނަމާއި، ގުޅޭނެ ފޯނު ނަމްބަރު ޖަހަން ޖެހެއެވެ.
  • އެ މުދަލަކާ ގުޅޭ މައުލޫމާތު، އުޅަނދުގެ ފަޅުވެރިންނަށް ނުވަތަ ކެޕްޓަނަށް، މުދަލުގެ ވެރިފަރާތުން ދޭން ޖެހެއެވެ.
  • މުދަލެއް އެރުވުމަށް ފަހު، އެ މުދަލެއް އެރުވިކަމުގެ ލިޔުން، މުދަލުގެ ވެރިފަރާތުން ބޭނުންނަމަ، އުޅަނދުގެ ކެޕްޓަނަށް ދޭން މަޖުބޫރުކަމަށް ގަވާއިދުގައި ވެއެވެ. އަދި މިކަމާ ހިލާފުވާނަމަ 1،000-2،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެ އެވެ.

ރާއްޖެއަކީ ޖަޒީރާ ގައުމަކަށް ވުމުން އެއް ރަށުން އަނެއް ރަށަށް މުދާ އުފުލުމުގައި ކަނޑު މަގު ހިޔާރުކުރަން ޖެހިފައިވާ ވެއެވެ. އެގޮތުން ބައެއް ފަހަރު އުޅަނދަށް އަރުވާ މުދާ ގެއްލި ވީނުވީ އެއް ނޭނގި އުޅެންޖެހިފައިވާ މިންވަރު ދަނީ ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުންނެވެ. އެހެން ކަމުން މި ގަވާއިދުގެ ސަބަބުން މި ކަން ކަމަށް އެދެވޭނެ ހައްލެއް ލިބިގެންދާނެއެވެ.