ގދ. ރަތަފަންދޫ ކައުންސިލަށް ބިމުކުޅިގެ ގޮތުގައި ލިބެންޖެހޭ 89،000 ރުފިޔާ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ހޯދަން މަސައްކަތް ކޮށްފައި ނުވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފިއެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން އާންމު ކުރި ގދ. ރަތަފަންދޫ ކައުންސިލްގެ 2021 ވަނަ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ވަނީ ހަ މައްސަލައެއް ފާހަގަ ކޮށްފައެވެ. އެ ގޮތުން އެ އަހަރުގެ ނިޔަލަށް ސިނާއީ މަސައްކަތް ކުރުމަށް ދޫކޮށްފައި ވާ ދެ ބިމަކަށް ބިމު ކުލީގެ ގޮތުގައި ލިބެންޖެހޭ 89،877 ރުފިޔާ ހޯދަން ރަތަފަންދޫ ކައުންސިލުން މަސައްކަތް ކޮށްފައި ނުވާ ކަަމަށް އެ ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފައެވެ.

ދައުލަތުގެ އޮފީހަކުން ކުރާ މަސައްކަތަކަށް ނުވަތަ ދޭ ހިދުމަތަކަށް ނުވަތަ ކުއްޔަށް ދީފައިވާ ތަނެއްގެ ކުއްޔަށް ނުވަތަ ވިއްކި އެއްޗެއްގެ އަގަށް ލިބެންޖެހޭ ފައިސާ، އެ ކަމެއް ނިމުނުު ދުވަހުން ފެށިގެން ލަސްވެގެން އެއް މަސް ދުވަހުގެ ތެރޭގައި ހޯދަންވާނެ ކަމަށް ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 19.5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި ވެއެވެ. އަދި ލިބެންޖެހޭ ފައިސާ ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެ ގަވާއިދުގެ 21.5 ވަނަ މާއްދާގެ (ހ) ގައި ތަފްސީލުކޮށް ދީފައި ވެއެވެ.

އެގޮތުން ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ހޯދުމަށާއި، ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކައިފި ނަމަ، 7 ދުވަސްތެރޭ ފައިސާ ދެއްކުމަށް 2 ފަހަރުު މަތީން ހަނދާންކޮށްދީ ލިޔުމަކުން އެންގުމަށާއި، އެ މުއްދަތުގެ ތެރޭގައި ވެސް ފައިސާ ނުދައްކައިފި ނަމަ، އެ މައްސަލަ ޝަރީއަތަށް ހުުށަހަޅައިގެން ފައިސާ ހޯދުމުގެ މަސައްކަތް ކުރުމަށް ބަޔާންކޮށްފައި ވެއެވެ. ނަމަވެސް މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް އެ ފައިސާ ހޯދުމަށް ކައުންސިލުން މަސައްކަތް ކޮށްފައިވާކަން ލިޔުމުން ފެންނަން ނެތް ކަމަށް އެ ރިޕޯޓުގައި ވެއެވެ.

މިކަން އިސްލާހު ކޮށް އޮޑިޓުން ލަފާ ދީފައި ވަނީ، ކައުންސިލްގެ އިދާރާއަށް ލިބެންޖެހޭ ފައިސާ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 19.5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ހޯދުމަށެވެ. އަދި ނުލިބި ހުންނަ ފައިސާ ހޯދުމުގެ ކަންތައްތައް މާލިއްޔަތު ގަވާއިދުގެ 21.5 ވަނަ މާއްދާގައި ބުނެފަިއވާ ގޮތުގެ މަތިން ކުރިއަށް ގެންދިއުމަށް ވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން އެ އޮޑިޓުގައި ފާހަގަ ކުރި އިތުރު މައްސަލަތަކުގެ ތެރޭގައި ގަވާއިދާ އެއްގޮތަށް ހަރުމުދާ ގެންގުޅޭ ގޮތުގެ ރެކޯޑް ބަލަހައްޓާފައި ނުވުމާއި، ކައުންސިލްގެ ސަރަހައްދު ތެރޭގައި ހިމެނޭ ބިން ބޭނުންކުރުމާ ބެހޭ ޕްލޭނެއް އެކުލަވާފައި ނުވުން ހިމެނެއެވެ. މީގެ އިތުރުން ރައްޔިތުންނަށް އާންމުކޮށް ހުޅުވާލައިގެން ބާއްވަންޖެހޭ ކައުންސިލުގެ ބައްދަލުވުންތައް ބާއްވާފައި ނުވުމާއި، ކައުންސިލަށް ލިބުނު އާމްދަނީ އާއި ހަރަދުގެ ތަފްސީލު ރިޕޯޓް ހުށަހަޅަން ޖެހޭ ފަރާތްތަކަށް ހުށަހަޅާފައި ނުވުމާއި، ވޭޖް އުސޫލުން މަސައްކަތް ކުރާ މުވައްޒަފުން ދިވެހިރާއްޖޭގެ ރިޓަޔަމަންޓް ޕެންޝަން ސްކީމްގައި ބައިވެރި ކޮށްފައި ނުވުން ހިމެނެއެވެ.