ލ. މާބައިދޫގައި 25 ޓަނުގެ އައިސް ޕްލާންޓެއް ގާއިމްކޮށް ހިންގާ ބެލެހެއްޓުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްފިއެވެ.

25 މެޓްރިކް ޓަނުގެ ޕްރޮޑަކްޝަން ކެޕޭސިޓީ އަދި 50 މެޓްރިކް ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީއާއެކު ގާއިމް ކުރާ މި އައިސް ޕްލާންޓް ގާއިމްކޮށް ހިންގުމަށް ފެނަކަ ކޯޕަރޭޝަނަށް ހަވާލުކޮށްފައި ވަނީ 10 އަހަރު ދުވަހުގެ މުއްދަތަކަށެވެ.

މާބައިދޫ ހިމެނޭ ސަރަހައްދުގެ މަސްވެރިންނަށް ފަސޭހަކަމާއެކު އައިސް ލިބޭނެ މަގު ފަހިކޮށްދިނުމަށް ގާއިމް ކުރެވޭ މި އައިސް ޕްލާންޓް ތަރައްގީ ކުރުމަށް ގާތްގަނޑަކަށް 4.8 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އަންދާޒާ ކުރެވެއެވެ.

މި އައިސް ޕްލާންޓް ތަރައްގީ ކުރުމުން މިހާތަނަށް ކުރިމަތިވަމުން އައި އައިސް ލިބުމުގެ ދަތި ކަމުން އަރައިގަނެ ރާއްޖޭގެ މަސްވެރިކަން ރަނގަޅު ދުވަސްވަރުގައި ގިނަ ސަރަހައްދުތަކެއްގައި ދަތިކަމެއް ނެތި ބޭނުންވާ ވަރަށް އައިސް ފޯރުކޮށްދެވޭނެއެވެ. އަދި ރަށުގެ އުމްރާނީ ތަރައްގީއަށް ކުރިއެރުން ލިބުމާއި ފެނަކަ ކޯޕަރޭޝަނަށް މާލީގޮތުން ލިބޭ ނަފާ އިތުރުވެގެން ދާނެއެވެ.

ފެނަކަ ކޯޕަރޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓާ އަހްމަދު ސައީދު މުހައްމަދުއެވެ. އަދި ލ. މާބައިދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އިބްރާހީމް ވިސާމުއެވެ.

މަސްވެރިކަމުގެ ސިނާއަތަށާއި ރާއްޖޭގެ އިގްތިސޯދަށް ކުރިއެރުވުމަށް ކުރެވޭ މުހިންމު ކަމަކަށް މި އައިސް ޕްލާންޓް ތަރައްގީކުރުންވެގެން ދާނެއެވެ.