އެކައުންޓްތަކުގައި ހުންނަ ފައިސާ މަކަރާއި ހީލަތުނަ ފޭރުމުގެ އާ އުކުޅުތަކެއް ވަގުން ބޭނުން ކުރަމުންދާތީ، ކަސްޓަމަރުން އެކަމަށް ސަމާލު ވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަން މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ، ކަސްޓަމަރުންގެ އިންޓަނެޓް ބޭންކިންގެ ޔޫޒާ ނޭމްއާއި ޕާސްވޯޑް ހޯދުމުގެ އިތުރުން އިންޓަނެޓް ބޭންކިންއަށް އެކްސެސްވެ، ފިހާރަތަކަށް ކިއުއާރް ޕޭމަންޓްތައް ހަދަމުން އަންނަކަން ފާހަގަކުރެވިފައި ވާ ކަމަށާއި، އެހެންކަމުން އެފަދަ ކަންކަމަށް އާންމުން ސަމާލުވުމަށެވެ.

މީގެ އިތުރުން ސައީދު ވިދާަލުވީ އިންޓަނެޓް ބޭންކިން އަށް ލޮގިންވާ ކޮންމެ ފަހަރަކު، ނޮޓިފިކޭޝަން ކަސްޓަމަރަށް ލިބޭނެ ކަމަށާއި އެފަދަ ލޮގިންއެއް އެ ކަސްޓަމަރަކު ނުކޮށް ހުއްޓާ ނޮޓިފިކޭޝަން ލިބޭނަމަ، ވީހާވެސް އަވަހަކަށް އިންޓަނެޓް ބޭންކިންގެ ޕާސްވޯޑް ބަދަލުކުރުމަށެވެ.

"އަޅުގަނޑުމެން ކަސްޓަމަރުންގެ ކިބައިން އެދެނީ ބީއެމްއެލް އަދި އެކި މުއައްސަސާތަކުގެ ނަމުގައި ފޮނުވާ ސްކޭމް މެސެޖުތަކުގައި ހުންނަ އެއްވެސް ލިންކެއް ނުހުޅުވުމަށް" ސައީދު ވިދާޅުވިއެވެ. އަދި މިފަދަ އުކުޅުތައް ދެނަގަނެ އެއްވެސް ޒާތީ މައުލޫމާތެއް ހިއްސާ ނުކުރުމަށް ވެސް އެދިވަޑައިގަތެވެ.

ދުނިޔޭގެ އެހެން ގައުމުތަކާ އެއްގޮތަށް ދިވެހިރާއްޖޭގައި ވެސް މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދުމުގައި ދަނީ އެކި އުކުޅުތައް ބޭނުންކުރަމުން ކަމަށާއި، މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ ގޮތްތަކަށް ބަދަލުތައް އަންނައިރު ބީއެމްއެލްގެ ފަރާތުންވެސް މިކަން ކަން ހުއްޓުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސައީދު ވިދާޅުވިއެވެ.

މީގެ ކުރިން ސްކޭމްތަކުގައި އާންމުކޮށް އީމެއިލް ކޮންމްޕްރޮމައިޒް ވުމުގެ ނަތީޖާއެއްގެ ގޮތުން އީމެއިލަށް ލިބޭ އޯޓީޕީ ސްކޭމް ހިންގާ ފަރާތްތަކަށް ލިބި، ކަސްޓަމަރުންގެ އެކައުންޓުން ޓްރާންސެކްޝަންތަކެއް ހެދުމުގެ ފުރުސަތު ހުއްޓުވުމުގެ ގޮތުން، ބީއެމްއެލް އިން ވަނީ އީމެއިލް މެދުވެރިކޮށް އޯޓީޕީ ފޮނުވުން ހުއްޓާލާފައެވެ.