ރަޝިއާ ބަލިކުރަން ޖެހޭ ކަމަށް ވިދާޅުވަމުން ދިގުދެމިގެންދާ ހަނގުރާމައަކަށްވެސް ތައްޔާރު ކަމަށާއި، ނަމަވެސް ރަޝިއާ ފުނޑާލަން އެއްބަސް ނޫން ކަމަށް ފްރާންސްގެ ރައީސް އިމެނުއަލް މެކަރޯން ވިދާޅުވެއްޖެއެވެ.

ރަޝިއާއިން ޔޫކްރައިންގައި ކުރާ ހަނގުރާމައަށް އަހަރެއް ވާން ކައިރިވެފައި ވާ އިރު، ހުޅަނގުން ގެންދަނީ ރަޝިއާ ބަލިކުރެވޭނެ އާ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުންނެވެ. އެގޮތުން ހުޅަނގުގެ ބައެއް ގައުމުތަކުގެ ބަސްމަގު ހުރީ ރަޝިއާ "ފުނޑާލަން" ނަމަވެސް މެކަރޯން ވިދާޅުވީ އެކަމަށް އެއްބަސްވެ ވަޑައިނުގަންވާނެ ކަމަށެވެ.

ހުޅަނގުގެ ރޭވުންތައް ވަރުގަދަކޮށް އަސްކަރީ ގޮތުން ޔޫކްރައިން އަށް ދޭ މަދަދު އިތުރުކޮށް ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ޖަރުމަނުގެ މިއުނިކްގައި ނޭޓޯއާއި ހުޅަނގުގެ ގައުމުތަކުން ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި ގައުމުތަކުގެ ރޫހު ހުރީ އެންމެ ޒަމާނީ ހަތިޔާރު ޔޫކްރައިން އަށް ފޯރުކޮށްދީގެން ރަޝިއާގެ ދުވަސް ދުއްވާލުމަށެވެ.

"އަހަންނަކަށް ހިއެއް ނުވޭ، ރަޝިއާގެ ފަސްގަނޑުގައިވެސް ރަޝިއާއަށް ހަމަލާ ދީ ރަޝިއާ ފުނޑާލުމަކީ ރަނގަޅުގޮތެއްހެނެއް، ނަމަވެސް އެހެން ބައެއް ބައިވެރިންގެ ވިސްނުން ހުރީ އެގޮތަށް، ބައެއް މީހުން ބުނީ ރަޝިއާ ފުނޑާލަން ވީ އޭ، ނަމަވެސް އެއީ ފްރާންސްގެ ސްޓޭންޑެއް ނޫން އަދި ފްރާންސުން ބޭނުންވާ ގޮތެއް ވެސް ނޫން"
މެކަރޯން

އޭނާ އިތުރަށް ވިދާޅުވީ، މިހާރު އޮތީ ރަޝިއާ އާ އިތުރަށް މަޝްވަރާ ކުރެވޭ ހާލަތެއްގައި ނޫން ނަމަވެސް މަޝްވަރާ ކުރަންވެސް ފަސް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި މަޝްވަރާގެ މޭޒަށް ރަޝިއާ ގެންދެވެން އޮތް ހަމައެކަނި ގޮތަކީ، ބައިވެރިންގެ އަސްކަރީ އެހީއާއެކު ޔޫކްރައިންގެ އަސްކަރީ ބާރު ވަރުގަދަ ކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ޕުޓިންގެ ސަރުކާރު ބައްދަލު ކުރުމަށް ބައެއް ފަރާތްތަކުން ފާޅުކުރި ހިޔާލަށް ނޫނެކޭ ވިދާޅުވެ އޭނާ ވަނީ ދުނިޔޭގެ އެހެން ތަންތާނގައިވެސް އެ މަގަށް ކުރި މަސައްކަތަކީ މުޅިން ފެއިލް ވެފައި އޮތް މަސައްކަތެއް ކަމަށާއި އެކަމަށްވެސް ފްރާންސުން ތާއީދު ނުކުރާ ކަމަށް ވިދާޅުވެފައެވެ.

ހުޅަނގުގެ ރާގު މިގޮތަށް ހުރި ނަމަވެސް ރަޝިއާ އާއެކު މަޝްވަރާ ކުރަން ޔޫކްރައިން އިން މިހާރު ބޭނުމެއް ނުވެއެވެ. އެ ނޯޓުގައި ޔޫކްރައިންގެ ރައީސް ވްލްޑިމިއާ ޒެލޮންސްކީ ވިދާޅުވީ، މަޝްވަރާއަކުން ހައްލެއް ލިބިދާނެ ކަމަށް އޭނާ ގަބޫލު ނުކުރައްވާ ކަމަށާއި ރަޝިއާ އަށް އިތުބާރުވެސް ނުކުރާ ކަމަށެވެ.

ރަޝިއާއިން ޔޫކްރައިން އަށް އެރިތާ އަހަރެއް ވާނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.