މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ އޮފީސް (ބްރޯޑްކޮމް) ހިންގާ އިމާރާތުގައި މީދަލުގެ އުނދަގޫ ބޮޑުވެގެން ޕެސްޓް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރާތީ އެ ކޮމިޝަން މިއަދު ބަންދުކޮށްފިއެވެ.

އެކަމާ ގުޅިގެން ބްރޯޑްކޮމްއިން ބުނީ އޮފީސް ހިންގާ ގ. ބިއްލޫރިޖެހި ގޭގެ އިމާރާތުގައި މީދާ ގިނަވެ އެކަމުގެ ސަބަބުން އުނދަގޫތައް ދިމާވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ކޮމިޝަންގެ މަސައްކަތްތަކަށް ބުރޫއަރަމުންދާ ކަމަށެވެ. އަދި އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ޕެސްޓް ކޮންޓްރޯލް މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޕެސްޓް ކޮންޓްރޯލް މަސައްކަތްތައް ކުރުމަށް މިއަދު ކޮމިޝަންގެ މުވައްޒަފުންނަށް ބަންދު ދުވަހެއްގެ ގޮތުގައި ކޮމިޝަނުން ނިންމާފައި ވާއިރު އޮފީސް ހުޅުވައިގެން އެއްވެސް ހިދުމަތެއް ދިނުމަށް ހަމަޖެހިފާ ނުވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

ބްރޯޑްކޮމްއިން އިތުރަށް ބުނީ ހުރިހާ މުއާމަލާތެއް މިއަދު ކުރާނީ ހޮޓްލައިން ނަމްބަރު 7983353 އިން ކަމަށާއި އެ ކަމުގެ ސަބަބުން ދިމާވާ ދަތިތަކަށް ކޮމިޝަންގެ ފަރާތުން މާފަށް އެދޭ ކަމަށެވެ.

ބްރޯޑްކޮމް ހުންނަ އިމަރާތަކީ، މީޑިއާ ކައުންސިލާއި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ވެސް ހިންގާ އިމާރާތެވެ.