މި ސީޒަންގެ ޗެމްޕިއަަންސް ލީގުގެ ގަދަ 16 ގެ މެޗުތައް ކުރިއަށްދާ އިރު ރޭ އިންގްލޭންޑްގެ ޗެލްސީއާއި ޖަާމަނީ ބޮރޫޝިއާ ޑޯޓްމަންޑް ވާދަކުރި މެޗު 1-0 އިން ޖާމަނީގެ ޓީމު ކާމިޔާބުކޮށްފިއެވެ.
ޑޯޓްމަންޑްގެ ދަނޑުގައި ކުޅުނު މިމެޗުގެ ހަމައެކަނި ލަނޑު ޖަހާ ދިނީ އެޓީމުގެ ކަރީމް އަޑެޔާމީއެވެ. ޗެލްސީއަށް ލިބުނު ކޯނަރެއް ދިފާއު ކުރުމަށް ފަހު އަމިއްލަ ޓީމުގެ ހާފްއިން ބޯޅަ ހިފައިގެން އައިސް ޗެލްސީގެ ކީޕަރު ކެޕާ ކަޓުވާލާ އޭނާ ޖެހި މިލަނޑަކީ ވަރަށް ހިތް ގައިމު ސޯލޯ ގޯލެކެވެ.
މިމެޗުގައި މޮޅަށް ކުޅެ ގިނަ ފުރުސަތުތައް އުފެއްދީ ޗެލްސީންނެވެ. މިގޮތުން އެޓީމުގެ ހާއޯ ފީލިކްސް އަދި ރީސް ޖޭމްއަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބިފައެވެ. އެހެން ނަމަވެސް މިފުރުސަތުތައް ނަގާލި އިރު ޑޯޓްމަންޑްގެ ކީޕަރު ވެސް ވަނީ މޮޅު ސޭވްތަކެއް ކޮށްފައެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ މި ޓައިގެ ދެވަނަ ލެގް އޮންނާނީ ޗެލްސީގެ ދަނޑުގައި އަންނަ މާޗް މަހުގެ 7 ވަނަ ދުވަހުއެވެ.
ރޭ ގަދަ 16 ގައި ކުޅުނު އަނެއް މެޗުގައި ޕޯޗުގަލްގެ ބެންފީކާ ވަނީ ބެލްޖިއަމްގެ ކްލަބް ބްރޫޖް 2-0 އިން ބަލިކޮށްފައެވެ. ބްރޫޖްގެ ދަނޑުގައި ކުޅުނު މިމެޗުގައި ބެންފީކާގެ ދެލަނޑު ވެސް ޖަހާފައިވަނީ ދެވަނަ ހާފްގައެވެ. މި ގޮތުން ފުރަތަމަ ލަނޑު ޖެހީ މެޗުގެ 51 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ހާއޯ މާރިއޯއެވެ. އަދި ދެވަނަ ލަނޑު މެޗު ނިމެން ދަނިކޮށް ޖެހީ ޑޭވިޑް ނެރޭޝްއެވެ.
މި ދެ ޓީމު ހިމެނޭ ޓައިގެ ދެވަނަ ލެގް އޮންނާނީ ބެންފީކާގެ ދަނޑުގައި އަންނަ މާޗް މަހުގެ 7 ވަނަ ދުވަހުއެވެ.