މި ސީޒަންގެ ޗެމްޕިއަންސްގެ ލީގުގެ ގަދަ 16 ގެ މެޗުތައް ރޭ ފެށި އިރު ފްރާންސްގެ ޕީއެސްޖީއާ ޖާމަނީގެ ބަޔާން މިއުނިކް ވާދަކުރި މެޗު ޖާމަނީގެ ކްލަބުން ކާމިޔާބުކޮށްފިއެވެ.
ޕީއެސްޖީގެ ދަނޑުގައި ކުޅުނު މިމެޗު ބަޔާންއިން ކާމިޔާބު ކުރީ 1-0 ގެ ސްކޯލައިނަކުންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުން ހަމަލާތައް އުފެއްދި ނަމަވެސް ހާފް ނިމުނީ 0-0 ގެ ސްކޯލައިނަކުންނެވެ.
ދެވަނަ ހާފް ފަށައިގެން މާ ގިނަ އިރު ތަކެއް ނުވެ ބަޔާންއިން ލަނޑެއް ޖަހާ ލީޑު ނެގިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ކިންގްސްލީ ކޯމަންއެވެ. 2020 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގެ ފައިނަލްގައި ވެސް ޕީއެސްޖީއާ ދެކޮޅަށް ބަޔާންއިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށް ދިނީ ކޯމަންއެވެ. ކޯމަން އަކީ ކުރިން ޕީއެސްޖީއަށް ކުޅުނު ކުޅުންތެރިއެކެވެ.
މެޗު ނިމެން ދަނިކޮށް ޕީއެސްޖީގެ ފޯވަޑް ކިލިއަން މަމްބާޕޭ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކުރިއެވެ. އެހެން ނަމަވެސް މެޗުގެ ވީޑިއޯ އެސިސްޓަންޓް ރެފްރީ ވަނީ މިއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ.
މިމެޗު ނިމުމުގެ ކުރިން ބަޔާންގެ ޑިފެންޑަރު ބެންޖަމިން ޕްރަވާޑް އަށް ވަނީ ދެ ރީނދޫ ކާޑު ހަމަވެގެން ރަތް ގާޑެއް ދައްކާފައެވެ.
މި ފަހަރުގެ ގަދަ 16 ގެ އެންމެ ވަރުގަދަ މި ކުރިމަތިލުމުގެ ދެވަނަ ޓައި އޮންނާނީ ބަޔާންގެ ދަނޑުގައެވެ. އެމެޗު ކުޅޭނީ އަންނަ މަހުގެ 8 ވަނަ ދުވަހުއެވެ.
މިރޭ ވެސް ޗެމްޕިއަންސްގެ ލީގުގެ ގަދަ 16 ގެ ދެ މެޗެއް ކުޅޭނެއެވެ. މިރޭ ޖާމަނީގެ ބޮރޫޝާ ޑޯޓްމަންޑްއާ އިންގްލޭންޑްގެ ޗެލްސީ ވާދަކުރާ އިރު ޕޯޗުގަލްގެ ބެންފީކާއާ ބެލްޖިއަމްގެ ކްލަބް ބްރޫޖް ވެސް މިރޭ ކުޅޭނެއެވެ. މިމެޗުތައް ދައްކާނީ ރާއްޖޭ ގަޑިން ދަންވަރު 1 ޖަހާ އިރުއެވެ.