މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލައި "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ދަށުން ހަދާ ބްރިޖުގެ މަސައްކަތް ނިމި އެ ބްރިޖު ބޭނުން ކުރެވޭނެ ދުވަހަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ އެތައް ދިވެހިންނެއް ދެކެން ބޭނުންވާނެ ދުވަހެއް ކަން ޔަގީނެވެ. މާލޭ ސަރަހައްދުގެ ޗާޓު ބަދަލުކޮށްލާ މަޝްރޫއުތަކުގެ ތެރެއިން ބްރިޖް މަޝްރޫއަށް ގިނަ ބައެއްގެ ލޯ ހުއްޓިފައިވާ އިރު، އެއް ބަޔަކު ބުނަމުން ދަނީ މި ބްރިޖަކީ އަވަސް ރަހްމަތެއްގައި އަޅާ ނިމޭނެ ބްރިޖެއް ނޫން ކަމަށެވެ.

"ބްރިޖުގެ މަސައްކަތް ނިންމަން ކޮންޓްރެކްޓަރާ ހަވާލުކޮށްފައި އޮންނާނީ ދެ ސްޓޭޖަކަށް، އެއީ މާލެއިން ފަށައިގެން ގުޅީފަޅާ ހަމަޔަށް ޑިސެމްބަރު 2023. ދެން ގުޅީފަޅުން ފެށިގެން ތިލަފުއްޓާ ހަމައަށް މެއި 2024. އެއީ އަބަދުވެސް ބްރިޖު ނިންމަން ކަނޑައަޅާފަ އޮތް ޓައިމްލައިނަކީ"
ބްރިޖު އޮފީހުގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން

މިދިޔަ އަހަަރުގެ ޖޫން މަހު އިންޑިއާއަށް ދިޔަ ނޫސްވެރިންގެ ޓީމަކާ އެފްކޯންސް ކުންފުނިން ބައްދަލުކޮށް ބްރިޖާ ބެހޭ ޕްރެޒެންޓޭޝަނަކާއެކު މައުލޫމާތު ހިއްސާ ކުރަމުން އޭރު ބުނެފައި ވަނީ ތިލަމާލެ ބްރިޖުގެ މަޝްރޫއު ކުރިއަށް ގެންދާނީ ތިން ފިޔަވައްސަކަށް ބަހާލައިގެން ކަަމަށެވެ.

ނަމަވެސް މިއަދު 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ޕްލޭނިން މިނިސްޓްރީގެ ދަށުން ހިންގާ ބްރިޖު އޮފީހުގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން ވިދާޅުވީ، ކޮންޓްރެކްޓްގައި ބުނެފައިވާ ގޮތުގައި ބްރިޖުގެ މަޝްރޫއު ކުރިއަށް ގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ.

ތިލަމާލެ ބްރިޖްގެ މަސައްކަތުގައި އެފްކޯންސްގެ މުވައްޒަފުން ހަރަކާތްތެރި ވަނީ / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް

އެގޮތުން ފުރަތަމަ ފިޔަވައްސަކީ މާލެއިން ގުޅީފަޅާ ދެމެދު އަޅާ ބްރިޖް ކަމަށާއި އެ ފިޔަވެހީގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރު މަހުގައި ނިންމާލެވޭނެ ކަމަށް ޖިނާން ވިދާޅުވިއެވެ. އަދި ދެވަނަ ފިޔަވައްސަކީ ގުޅީފަޅުން ފެށިގެން ތިލަފުއްޓަށް ހަދާ ބައި ކަަމަށާއި އެބައި ނިންމާނެ ތާރީހަކީ މެއި 2024 ކަމަށް ޖިނާން ވިދާޅުވިއެވެ.

މުޅި ބްރިޖު ނިންމާނެ ކަމަށް ކުރިން ބުނި ތާރީހް ވެސް ބަދަލު ވެއްޖެ

އެފްކޯންސް ކުންފުނިން މީގެ ކުރިން ބުނެފައި އޮތީ ބްރިޖްގެ މަސައްކަތް ކުރިއަށް ދާނީ ތިން ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން މާލެއިން ވިިމާލެއަށް ދަތުރުކުރަން އަޅާ ބްރިޖްގެ މަސައްކަތް މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނުވަތަ އޮގަސްޓް މަހުގެ 15 އާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ނިންމާ ޓްރެފިކަށް ހުޅުވާލެވޭނެ ކަމަށެވެ. ނަމަވެސް މިހާރު ވިލިމާލެ އާ ގުޅައި ބައިގެ ތާވަލެއް ސާފެއް ނުވެއެވެ.

އަދި ގުޅިފަޅާ ހަމައަށް ބްރިޖްގެ މަސައްކަތް ނިންމާލެވޭނީ މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށާއި އަދި ތިލަފުއްޓާ ހަމައަށް ބްރިޖް އަޅާ މުޅި ބްރިޖްގެ މަސައްކަތް ނިންމާލެވޭނީ އަންނަ އަހަރުގެ ނޮވެމްބަރު މަހު ކަމަށް އެ ކުންފުނިން އޮތީ ބުނެފައެވެ.

ކުރިން ތިން ފިޔަވައްސަކަށް ބަހާލައިގެން ބްރިޖުގެ މަސައްކަތް ނިންމާލާނެ ކަމަށް ބުނެފައިވީ ނަމަވެސް މިހާރު ދެ ފިޔަވައްސަކަށް ބަހާލައިގެން ނިންމާނެ ކަމަށް ބުނާ އިރު، މުޅި ބްރިޖު ނިންމާނެ ތާރީހެއް ކަމަށް އެފްކޯންސްއިން ބުނި ތާރީހަށް ވުރެ ކޮންޓްރެކްޓުގައި ބުނާ ތާރީހް ވަނީ އަވަސްވެފައެވެ. އެފްކޯންސްއިން ކުރިން ބުނީ 2024ގެ ނޮވެމްބަރުގައި މުޅި ބްރިޖް ނިންމާލެވޭނެ ކަމަށެވެ. ނަމަވެސް ޕްލޭނިން މިނިސްޓްރީން މިހާރު ބުނަނީ 2024ގެ މެއި މަހު މުޅި ބްރިޖު ނިންމާލެވޭނެ ކަމަށެވެ.

ތިލަމާލެ ބްރިޖް: މާލޭ ކަނޑުގައި ޖަހާ ދާއިމީ ތަނބުގެ ހަތަރުވަނަ ޕައިލް އިންސްޓޯލް ކުރުމުގެ މަސައްކަތުގެ ތެރެއިން / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން މިއަދު އެފްކޯންސް ކުންފުނިން ވެސް ބުނީ، ކޮންޓްރެކްޓްގައި އޮތް ގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަަމަށާއި އެގޮތުން ފުރަތަމަ ފިޔަވަހީގެ މަސައްކަތް މި އަހަރުގެ ޑިސެމްބަރު މަހު ނިންމާލެވޭނެ ކަމަށެވެ.

ތިލަމާލެ ބްރިޖްގެ މަޝްރޫއަކީ މި ސަރކާރުން ހިންގާ އެންމެ ބިޔަ އެއް މަޝްރޫއެވެ. 500 މިލިއަން ޑޮލަރުގެ މި މަޝްރޫއަކީ އަވަހަށް ނިމޭނެ މަޝްރޫއެއް ކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ. އެގޮތަށް ބަޔަކު ގަބޫލު ކުރާ ގިނަ ސަބަބުތަކެއް ވެސް އެބަ ހުއްޓެވެ. އެ ގޮތުން ބްރިޖުގެ މަަސައްކަތުގެ ތެރޭގައި ދިމާވަމުން ދިޔަ ހާދިސާތަކުގެ ތެރެއިން ބްރިޖްގެ މަސައްކަތަށް ބޭނުން ކުރި ޕްލެޓްފޯމެެއް ވިލިމާލެ ފަރަށް އެރުމާއި ޕައިލް ހަރުކުރުމަށް ބޭނުންކުރި ކެރޭނެއް ކަނޑަށް ވެއްޓުންފަދަ ހާދިސާތައް ހިމެނެއެވެ.

ޕްލެޓްފޯމް ފަރަށް އެރި ހާދިސާގައި މޫސުން ގޯސްވެފައި އޮތް ދުވަސްވަރެއްގައި އެ ޕްލެޓްފޯމް ފަރުމަތިން ނެގުން ލަސްވުމާއި އަދި ވިލިމާލެ ފަރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެ ކުންފުނި 69 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމުން، އެ މައްސަލަ އެފްކޯންސް އިން އިސްތިއުނާފަށް ހުށަހަޅައި، އެ މައްސަލަ ކުރިއަށް ދާގޮތް ސާފު ނުވުމަކީ ވެސް މަޝްރޫއު ލަސްވާނެ ކަމަށް ބެލެވޭ ސަބަބުތަކެވެ.

މާލޭ ކަނޑުގައި ޕައިލްތައް އިންސްޓޯލް ކުރަނީ / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް

ފާޑުކިޔުމާއި މަލާމާތުގެ ބަސްތައް ސަރުކާރަށް އަމާޒު ކުރި ކަމުގައި ވިޔަސް މިއީ ޓައިމްލައިނާ އެއްގޮތަށް ނިންމާލެވޭނެ މަޝްރޫއެއް ކަމަށް ސަރުކާރުން ބުނެއެވެ. އެގޮތުން މިއަހަރު ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ބްރިޖުގެ މަސައްކަތްތައް ޝެޑިއުލާ އެއްގޮތަށް ނިންމާލެވޭ ކަމަށާއި ޝެޑިއުލާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ދާ ކަމަށް ވިދާޅުވެފައެވެ.

މާލެ, ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ ބްރިޖުގެ މަސައްކަތް ފެށުމަށް އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗާ ކުންފުންޏާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ އޮގަސްޓު 26، 2021 ގައެވެ. އަދި ބްރިޖުގެ އަމަަލީ މަސައްކަތް ފަށާފައި ވަނީ އޮގަސްޓް 2، 2022 ގައެވެ. މިހާތަނަށް އައި އިރު ބްރިޖުގެ ތަނބުތައް ކަނޑުގައި ޖެހުމުގެ މަސައްކަތާއި ތަނބުޖަހަން ބޭނުންވާ ޕައިލްތައް އިންސްޓޯލް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެ ގޮތުން މާލެ އާއި ވިލިމާލެ ކަނޑުގައި 3 ތަނބުގެ މަސައްކަތާއެކު ޕައިލްތައް އިންސްޓޯލް ކުރަމުން އެބަގެންދެއެވެ.