ބޭސް ފަރުވާއަށް އިންޑިއާއަށް ގޮސް ހުއްޓާ އެ ގައުމުގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ޕީޕީއެމްގެ ހުޅުމާލޭ ގޮފީގެ ރައީސް އަބްދުއްސަމަދު (ސަމަދުބެ) އަށް ލިބުނު ގެއްލުމުގެ ބަދަލު އިންޑިއާގެ ސަރުކާރުން ހޯދަން ބޭނުންވާ ކަމަށް ބުނެފިއެވެ.
މިއަދު މެންދުރުފަހު ސަމަދުބެ ރާއްޖެ ފޮނުވާލާފައިވާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން "ޗެނަލް 13" އަށް ދިން އިންޓަވިއުއެއްގައި ސަމަދުބެ ބުނީ މީގެ 3 ދުވަސް ކުރިން އިންޑިއާގެ ބެންގަލޫރަށް ދިޔައީ އާއިލާއާއެއްކޮން ކަމަށާއި ހައްޔަރުކުރީ ހޮސްޕިޓަލުގައި ހުއްޓާ އެ ގައުމުގެ އިމިގްރޭޝަން މީހުން ކަމަށް ބުނެ އައިސް ފާސް ދެއްކުމަށްފަހު ކަމަށެވެ. އަދި އޭރު އެ މީހުން ބުނީ ހައްޔަރުކުރީ ޕާސްޕޯޓުގެ އިނގިލީގެ ނިޝާނުގެ މައްސަލައެއް ޖެހިގެން ކަމަށް ބުނެ ކަމަށްވެސް ސަމަދުބެ ވަނީ ބުނެފައެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ބެލިއިރު ސަމަދުބެގެ އެއްވެސް މައްސަލައެއް ނެތް ކަމަށް ފާހަގަކޮށް ސަމަދުބެ ބުނީ 18 ވަރަކަށް ގަޑިއިރު އެއްވެސް ސުވާލެއް ނުކޮށް އޭނާ ބޭންދުމަށް ފަހު އިންޑިއާގެ އޮފިޝަލުން ބުނީ އޭނާ ކުށްވެރިވެފައި ކަމަށާއި އިންޑިއާއަށް އެރުމާއި އިންޑިއާގެ ތެރޭގައި އުޅުން އޭނާއަށް މަނާ ކަމަށެވެ. އަދި ޖަލަށް ދާން ޖެހޭ ކަމަށް ބުނެ ސަމަދުގެ ފޯނު އަތުލިއިރު ސަމަދުބެގެ ހެޔޮއެދޭ ފަރާތްތަކަށާއި އެހެނިހެން ފަރާތްތަކަށް މެސެޖު ފޯރުކޮށްދީފައިވާނެ ކަމަށް ސަމަދުބެ ވަނީ ބުނެފައެވެ.
ސަމަދުބެ ބުނީ އެ މީހުންގެ ހަރަކާތްތައް ހުރި ގޮތުން ޑީޕޯޓުކޮށްލަން އުޅޭކަން އެނގުނު ކަމަށާއި އިމިގްރޭޝަން އޮފިސަރުން އޭނާ ހިފެހެއްޓި ނަމަވެސް އޭނާ ގެންދިޔައީ ފުލުހުންގެ ވެހިކަލަކަށް ލައިގެން ކަމަށާއި އެއާޕޯޓުން އޭނާއާ ބައްދަލުކުރީ ކޯޓުފަޓުލޫނުގައި ތިބި "ބޮޑު ފޯސް"އެއް ކަމަށެވެ. އަދި އެ މީހުންގެ އަމަލުތައް ހުރީ ވަރަށް ހަރުކަށިކޮށް ކަމަށާއި ވަރަށް ފިނި ކޮޓަރިއެއްގައި، ރަޖައެއް އަދި ކާއެއްޗެއް ނުދީ 18 ގަޑިއިރު ބޭންދި ކަމަށްވެސް ސަމަދުބެ ބުނެއެވެ.
ރަޖައެއް ލިބުނީ އެތަނުގައި އޮތް އެފްރިކާގެ މީހަކު ފުރުމުން ކަމަށާއި ކާންވެސް ލިބުނީ އެއާލައިންގެ މީހަކު އައުމުން ކަމަށް ވެސް ސަމަދުބެ ފާހަގަކުރިއެެވެ. އަދި ހިތުގެ ބައްޔާރު ލޭމައްޗަށް ދިއުމުގެ އިތުރުން ކޮލެސްޓްރޯލްއަށް ދާއިމަށް ބޭސް ކާން ޖެހޭ ކަމަށާއި އެ ބޭސްތައް 4 ދުވަސް ވަންދެން ނުލިބޭ ކަމަށް ވެސް ސަމަދުބެ ބުނެއެވެ.
އިތުރު ފްލައިޓަކުން ޓިކެޓު ނަގުވާ އެ ފްލައިޓުންވެސް އިއްޔެ ސަމަދުބެ ރާއްޖެ ނުފޮނުވައިދޭ ކަމަށާއި އަނބިދަރިންނާ ގުޅޭނެ ގޮތެއްވެސް ހަމަޖައްސައިދީފައި ނުވާ ކަމަށް ސަމަދުބެ ވަނީ ބުނެފައެވެ. އެކަމުގެ ސަބަބުން ސަމަދުބެއަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ލިބުނު ގެއްލުމުގެ ބަދަލު އިންޑިއާ ސަރުކާރުން ހޯދަން ބޭނުން ކަމަށް ވެސް ބުނެއެވެ.
ސަމަދުބެ އިތުރަށް ބުނީ އޭނާގެ ކުށެއް އެ މީހުންނަށް ބުނެދެވިފައި ނުވާ ކަމަށާއި އޭނާގެ ކުށަކީ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރުން ކަމަށެވެ. އަދި މަރާލިޔަސް، ކަތިލިޔަސް، ދަންޖެއްސިޔަސް ޔާމީނަށް ތާއީދުކުރާނެ ކަމަށް ވަނީ ބުނެފައެވެ.
ސަމަދުބެއަކީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހިންގާ އިންޑިއާ އައުޓް ކެމްޕެއިނުގައި ބައިވެރިވާ އަދި އިންޑިއާއާ ދެކޮޅަށް އަޑު އުފުލަން ބާއްވާ މުޒާހަރާތަކުގައި ވެސް އިސްކޮށް އުޅޭ މީހެކެވެ. ބައެއް މުޒާހަތާތަކުން އޭނާ ހައްޔަރުކޮށްފައި ވެސް ވެއެވެ.