މާލޭގެ މަގުތައް ތަރުތީބު ކުރުމުގެ މަސައްކަތުގެ ތެރެއިން ގިނަ ދުވަސްވީ އުޅަނދުތަކާއި ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުރި އުލަނދުތައް ނަގަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، މާލޭގެ މަގުތަކަކީ ހިނގާބިނގާވެ އުޅޭ މީހުންނާއި އެއްގަމު އުޅަނދު ދުއްވާ މީހުންނަށް ރައްކާތެރި ތަނަކަށް ހެދުމަށާއި އަމާން މާހައުލެއް ކަށަވަރު ކުރުމަށް މިހާރު ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެ ގޮތުން މާލޭ އޭރިޔާގެ މަގުތައް ތަރުތީބު ކުރުމާއި ޓްރެފިކް ފްލޯއަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށް، ކަނޑައެޅޭ ހާއްސަ ސަރަހައްދު ތަކެއްގައި ޓްރެފިކް އަދި ޕާކިން ހަމަޖެއްސުމުގެ މަސައްކަތްތަކެއް މިހާރު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
އެ މަސައްކަތުގެ ތެރެއިން، ބައެއް ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުވެގެން ދާނެ ކަމަށް ފުލުހުން ބުނެއެވެ. އަދި އެ ސަރަހައްދު ތަކުގެ މަގުތައް ތަރުތީބު ކުރުމަށް މަސައްކަތްތައް ފެށުމުގެ ކުރިން، އެ ސަރަހައްދެއްގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކޮށް ކަމާގުޅޭ މައުލޫމާތާއި މަގުތަކުގެ ހާލަތު ރައްޔިތުންނަށް އޮޅުން ފިލުވައި ދޭނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މީގެ އިތުރުން، އެ ސަރަހައްދު ތަކުގައި ހުރި ގިނަ ދުވަސްވީ އުޅަނދުތަކާއި އާންމުން ހިނގާބިނގާވެ އުޅުމަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ނަގަމުން ގެންދާނެ ކަމަށް ވެސް ފުލުހުން ބުނެއެވެ. އަދި ޕާކުކުރުން މަނާކަން އަންގައިދޭ ބޯޑާއި އެނޫން ވެސް ޓްރެފިކް ނިޝާންތައް ކުރެހުމާއި ހަރުކުރުން، ކަމާ ގުޅުންހުރި އިދާރާތަކާއެކު ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ބުނެއެވެ.
މި މަސައްކަތަކީ މާލޭ އޭރިޔާގައި ދިރިއުޅޭ ރައްޔިތުންނަށް އަމާން މާހައުލެއް ކަށަވަރުކޮށްދީ، ފުލުހުންގެ ހިދުމަތް އެންމެ ފުރިހަމަ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ހާއްސަ އިސްކަމެއް ދީގެން ދިވެހި ފުލުހުންގެ ހިދުމަތުން މި އަހަރަށް ހިންގުމަށް ހަމަޖެހިފައިވާ ކަންކަމުގެ ތެރެއިން ކުރިއަށްގެންދާ ކަމެއް ކަމަށް ފުލުހުން ބުނެއެވެ.
މަގުތަކުގައި ހުރި ިނަ ދުވަސްވީ ވެހިކަލްތައް ނަގައި، އަދި ގަވާއިދާ ހިލާފަށް ާކްކޮށްފައި ހުރި ވެހިކަލްތައް ފުލުހުން ނަގަމުންދާނެ ކަމަށް ބުނެފައި މި ވަނީ، ދާދި ފަހުން ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުރި އުޅަނދުތަކެއްގައި ފުލުހުން ސްޓޮކާ ޖެހި މައްސަލައިގައި ގިން ބައެއްގެ ފާޑުކިޔުން ފުލުހުންގެ މުއައްސަސާއަށް އަމާޒުވެފައި ވަނިކޮށެވެ. އެގޮތުން ވެލާނާ ބިލްޑިންގް ކައިރީގައި ޕާކްކޮށްފައި ހުރި ސައިކަލުތަކެއްގައި ފުލުހުން ސްޓިކާ ޖަހާފައިވާ އިރު އެކަމަށް ފާޑުކިޔާފައިވާ މީހުން ބުނާ ގޮތުގައި އެއީ ސަރުކާރުގެ އޮފީހެއް ކަމށާއި އެތަނަށް ހިދުމަތް ހޯދަން އެތައް އާންމު ރައްޔިތުންނެއް ދާ އިރު، ޕާކް ކުރެވޭނެ ޖާގައެއް އެ ސަރަހއްދުން ނުލިބުމަކީ ރައްޔިތުންނަށް އޮތް ތަކުލީފެއް ކަމަށެވެ. ޕާކް ކުރާނެ ތަނެއް މިހާރު މާލެއިން ނުލިބޭ ކަމަށާއި އެކަމަށް ހައްލު ނުގެނެސް ވެހިކަލްތަކުގައި ސްޓިކާ ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ގިން ބަޔަކު އަންނަނީ ބުނަމުންނެވެ.