އެމްޑީޕީގެ މެންބަރުން ހިމެނޭހެން، ރާއްޖެ އަށް ޑްރަގް އެތެރެކުރާ ބިދޭސީން، އެ މީހުންގެ ގައުމަށް އަނބުރާ ފޮނުވާލެވޭ ގޮތަށް އޮތް ގަވައިދު އިސްލާހުކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ އަރިސް އެއް މެންބަރު ކަމަށްވާ ހަސަން ލަތީފް ހުށަހެޅުއްވި މައްސަލައާ ދެކޮޅަށް ވޯޓު ދިނުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ވަނީ ތްރީލައިން ވިޕެއް ނެރެފައެވެ.

ނަމަވެސް ވޯޓު ދެއްވި 41 މެންބަރުންގެ ތެރެއިން 24 މެންބަރުންގެ ވޯޓާ އެކު މި މައްސަލަ އަށް ބަހުސްކުރަން ވަނީ ފާސްވެފައެވެ. މި މައްސަލަ އަށް ބަހުސްކުރުމާ ދެކޮޅަށް 16 މެންބަރަކު ވޯޓު ދެއްވިއިރު، ވަކި ކޮޅަކަށް ވޯޓު ނުދެއްވާ އިންނެވީ އެންމެ މެންބަރެކެވެ.

ހަސަން ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ، ޑްރަގުގެ މުއާމަލާތްތައް ކުރާ ފަރާތްތައް ހޯދައި އަދަބު ދެވޭނެ ހަރުދަނާ ނިޒާމެއް ގާއިމްކޮށް ތަންފީޒުކުރުމަކީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ސިޔާސަތަކަށްވީ ނަމަވެސް، ސަރުކާރުން ވަނީ އެ ސިޔާސަތާ ދެކޮޅަށް، ޑްރަގުގެ މުއާމަލާތްތަކަށް ހިތްވަރު ލިބޭނެ ފަދަ ގޮތަކަށް ގަވައިދު އެކުލަވާލާފައިވާ ކަމަށެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، އެ ގަވައިދު މިހާރު އޮތް ގޮތުން ރާއްޖެ އަށް ފަސޭހައިން ޑްރަގް އެތެރެކުރުމުގެ ފުރުސަތު ބޮޑުވެ، ރާއްޖެ ޑްރަގް ވިޔަފާރިތަކުގެ މަންޒިލަކަށްވެ، އެކަމުގެ ސަބަބުން ދައުލަތާއި ރައްޔިތުން ނުރައްކަލެއްގެ ތެރެއަށް ވެއްޓުމުގެ ފުރުސަތު ބޮޑެވެ. ޑްރަގުގެ މުއާމަލާތްތައް ހިންގުމަކީ ނުވަތަ ހިންގުމަށް އެހީތެރިވުމަކީ ކުށެއް ކަމަށް ގާނޫނުގައި އޮންނަ އިރު، އެ ގަވައިދުގެ ސަބަބުން ގާނޫނާ ގަވައިދަށް ފުށޫއަރާ ކަމަށް ވެސް ވިދާޅުވިއެވެ.

އެހެންވެ، އެ ގަވައިދާ ފުށޫއަރާ ބައިތައް އުނިކުރުމަށް ހަސަން ވަނީ ސަރުކާރަށް ގޮވާލައްވައިފައެވެ.

މި މައްސަލަ އަށް ބަހުސްކުރަން ފާސްކުރުމުން ރިޔާސަތުން ދިން ފުރުސަތުގައި ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ، މި ކުއްލި މައްސަލައާ ދެކޮޅަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ތްރީލައިން ވިޕެއް ނެރުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އޭނާ ވިދާޅުވީ، މި ގަވައިދު އިސްލާހުކުރުމަކީ ސަރުކާރުން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

މި މައްސަލަ ހުށަހެޅި މަގްސަދަކީ ޑްރަގް ރާއްޖެ އަށް އެތެރެކުރާ ބިދޭސީން ދޫކޮށްލުމުން އެކަމުގެ ސަބަބުން ދިމާވާ ނުރައްކާތެރިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުން ކަމަށް ހަސަން ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އެބަ ފެނޭ، ދުނިޔޭގެ އެކި ގައުމުތަކުގެ ސަރުކާރުތަކުގައި ތިބޭ ބާރުގަދަ ވަޒީރުންނާއި އަދި ބާރުގަދަ އެހެން ބޭބޭފުޅުން، އެ ބޭފުޅުން މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާ މަންޒަރު، އެ ބޭފުޅުންގެ މަގްސަދަކަށް ވެފަ އޮންނަނީ ފައިސާ، ފައިސާ އާއި ނުފޫޒުގެ ބޭނުންކޮށްގެން މި ކަންކަން ކުރުން، އެ ފައިސާ ހޯދުމަށްޓަކައި ބޭރުގެ އެކި ނެޓްވޯކްތަކާ ގުޅިގެން ސަރުކާރުތަކުން އެކަން ކުރޭ،" އޭނާ ވިދާޅުވިއެވެ.

މި މަހުގެ 6 ގައި ރާއްޖެ އެތެރެވި މީހަކު ވަނީ ޑްރަގުގެ ބާވަތެއް ކަމަށްވާ ކޮކެއިންގެ 2.6 ކިލޯ އެތެރެކޮށްފައެވެ. އޭނާ އެއަށް ޕޮޒިޓިވްވިއިރު، އޭނާ އަނބުރާ ފޮނުވާލާފައި ވަނީ މިމަހުގެ 26 ގައި ގެޒެޓުކުރި ގަވައިދުގެ ދަށުން، ތަންފީޒީ އިދާރާތަކުގެ މަޝްވަރާއާ އެކު ކަމަށް ކަސްޓަމްސް އިން ބުނެފައި ވެއެވެ.