2017 ވަނަ އަހަރު ހުޅުމާލޭގައި ތޫނު އެއްޗެހިން ހަމަލަދީ މަރާލި ގއ. ދާންދޫ، ގޯލްޑްރީފް، ހާރިސް އަބްދުލްގަފޫރުގެ މަރުގެ މައްސަލާގައި ދައުވާ ލިބުނު ޔާމީން ރަޝީދުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ހާރިސް މަރާލި މައްސަލައާ ގުޅިގެން ފުވައްމުލަކު، ހިލްޓަން، ޔާމީން ރަޝީދަށް ދައުލަތުން ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ. އެހެންނަމަވެސް ޔާމީން ވަނީ އެ ދައުވާއަށް އިންކާރު ކޮށްފައެވެ.

މި މައްސަލާގައި ޔާމީނުގެ މައްޗަށް ދައުވާ ސާބިތުނުވާކަމަށް ކަނޑައަޅާފައިވަނީ އެ މައްސަލާގައި ހެކިބަސްދިން ހެކިވެރިންނަށް މަންޒަރު ނުފެންނަކަމަށް ބުނުމާ ގުޅިގެންނެވެ. އަދި އެ މައްސަލާގައި ހެކިވެރިންގެ ގޮތުގައި ދައުލަތުން ހުށަހެޅި ގިނަ ސިއްރު ހެކިވެރިން ހެކިބަސް ދިނުމަށް އުޒުރުވެރިވުމާ ގުޅިގެންނެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން މިއަދު ބުނީ ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުނުވާކަމަށް ޑިސެންބަރު 29، 2022 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކުރެއްވުމާ ގުޅިގެން، އެ މައްސަލަ އިއްޔެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށެވެ.

ހާރިސް މަރާލަން ހަށިގަނޑުގެ 15 ތަނަކަށް ފުން ޒަހަމްތަކެއް ދީފައިވާއިރު އޭނާ މަރުވީ ދީފައިވާ ޒަހަމްތަކުން ގިނަ އަދަދެއްގެ ލޭ ބޭރުވެ، ހަށިގަނޑުގައި ވިންދު ހިނގަން ބޭނުންވާ މިންވަރަށް އޮކްސިޖަން ހަށިގަނޑުގައި ނެތުމުން ކަމަށް ފުލުހުން މީގެކުރިން ވަނީ ބުނެފައެވެ.

ހާރިސް މަރާލަން ހަމަލާ ދިނީ ހުޅުމާލޭގައި ހުންނަ ހާފްވޭ ހައުސް އާ ދިމާއަށް ހިނގާފައި ދަނިކޮށެވެ.