ބޭސް ފަރުވާއަށް އިންޑިއާއަށް ގޮސް ހުއްޓާ އެ ގައުމުގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ޕީޕީއެމްގެ ހުޅުމާލޭ ގޮފީގެ ރައީސް އަބްދުއްސަމަދު ޑީޕޯޓް ކޮށްލާނެ ކަމަށް މައުލޫމާތު ލިބިފައިވީ ނަމަވެސް އަދި އޭނާ މާލެ އައިސްފައި ނުވާ ކަމަށާއި އޭނާއަށް ވީގޮތެއް އޮޅުން ނުފިލާ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިކަމާ ގުޅިގެން މިއަދު ޕީޕީއެމުން ނެރުނު ނޫސްބަޔާނުގައި ބުނީ، އަބްދުއްސަމަދު ވީތަނެއް ހޯދައި ދިނުމަށާއި އޭނާގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކޮށްދީ އަދި އާއިލާއަށް މިވަގުތު ބޭނުންވާ އެހީތެރިކަން ވަގުތުން ފޯރުކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ. އާއިލާއާއެކު ބޭސް ފަރުވާއަށް އަބްދުއްސަމަދު އިންޑިއާގެ ބެންގަލޫރަށް ގޮސް ހުއްޓާ އިއްޔެގެ ވަގުތެއްގައި ވީނުވީއެއް ނާންގައި އިންޑިއާގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން އޭނާގެ އެއްވެސް ހަބަރެއް އަދި ވީނުވީއެއް އާއިލާއަށް ވެސް އަދި ޕީޕީއެމްއަށް ވެސް އެނގިފައި ނުވާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
އިއްޔެގެ ވަގުތެއްގައި އަބްދުއްސަމަދު ފޭސްބުކްގައި އާންމުކުރި ވީޑިއޯއަކުން އެނގޭ ގޮތުގައި ޕާސްޕޯޓް މައްސަލައެއް އުޅޭކަމަށް ބުނެ އިންޑިއާގެ އިމިގްރޭޝަނަށް ހާޒިރު ކުރިކަން އެނގެން އޮތް ކަމަށާއި އިންޑިއާއިން މިއަދު މެންދުރު މާލެ އަންނަ ފްލައިޓަކުން މާލެ ފޮނުވާލާ ކަމަށް އަބްދުއްސަމަދުގެ ގާތް ރަހްމަތްތެރިންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށް ޕީޕިއެމުން ބުނެއެވެ. ނަމަވެސް މިއަދުގެ އެއްވެސް ފްލައިޓަކުން އޭނާ މާލެ ފޮނުވާލާފައި ނުވާތީ އެކަމާ ކަންބޮޑުވާ ކަމަށް ޕީޕީއެމުން ބުނެއެވެ.
ވީނުވީއެއް ނޭނގި އޭނާ ގެއްލުމާ ގުޅިގެން އިދިކޮޅު ކޯލިޝަންގެ ފަރާތުން މިހާރު ވާނީ ފޮރިން މިނިސްޓްރީއަށާއި، ޖެންޑާ މިނިސްޓްރީއަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ސިޓީ ފޮނުވާފައި ކަަމަށް ވެސް އެ ބަޔާނުގައި ބުނެއެވެ. އެގޮތުން އަބްދުއްސަމަދާ ބެހޭ މައުލޫމާތު އިންޑިއާ ސަރުކާރާ ގުޅިގެން ހޯދައި އެންމެ ފަހުގެ މައުލޫމާތު ވީ އެންމެ އަވަހަކަށް ހިއްސާކޮށް ދިނުމަށް އެދިފައިވާނެ ކަމަށް ވެސް ޕީޕީއެމުން ބުނެއެވެ.
އަބްދުއްސަމަދު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ދަރިފުޅު ބަލިވެގެން ހޮސްޕިޓަލަށް ދެއްކުމަށްޓަކައި ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލްގައި ހުއްޓާކަމަށް އާއިލާއިން ބުނެއެވެ. އަދި އޭނާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ވީނުވީއެއް ނޭނގިފައިވާ އިރު، އަނބިދަރީންނަށް ވަނީ ކުއްލި ސިހުމާއި ބިރުވެރިކަމާއި ކުރިމަތިލާން ޖެހިފައި ކަމަށް ޕީޕީއެމުން ބުނެއެވެ. މިއީ އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ އިހްތިޖާޖުގައި އަޑުއުފުލަމުން ދާ އެކި އެކި ފަރާތްތަކަށް އަމާޒުކޮށް އިންޑިއާ ސަރުކާރުން ހިންގާފައިވާ ލާއިންސާނީ އަމަލެއް ކަމަށް ޕީޕީއެމުން ބުނެއެވެ. އަދި ދިވެހިރާއްޖެއާއި ދިވެހި ރައްޔިތުން މިއަދު މިތިބީ އިންޑިއާގެ އަޅުވެތިކަމުގެ ދަށުގައިކަން ވަރަށް ބޮޑަށް ސާފުވާ ކަމަށް ވެސް ޕީޕިއެމުން ބުނެއެވެ.
މިކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ، އަބްދުއްސަމަދު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލަ ދަނީ ބަލަމުން ކަމަށާއި އިންޑިއާގެ ކަމާބެހޭ ފަރާތްތައް މެދުވެރިކޮށް އިތުރަށް ސާފުކުރަން ޖެހޭ ކަންކަން ސާފު ކުރަމުންދާ ކަމަށެވެ.
އަބްދުއްސަމަދަކީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހިންގާ އިންޑިއާ އައުޓް ކެމްޕެއިނުގައި ބައިވެރިވާ އަދި އިންޑިއާއާ ދެކޮޅަށް އަޑު އުފުލަން ބާއްވާ މުޒާހަރާތަކުގައި ވެސް އިސްކޮށް އުޅޭ މީހެކެވެ. ބައެއް މުޒާހަތާތަކުން އޭނާ ހައްޔަރުކޮށްފައި ވެސް ވެއެވެ.
މަނަމަ ނުދާނަން އިންޑިއާއަކަށް. އިންޑިއާއަށް އެހާވަރަށް ބަވާފަ.
މަގުމަތީ ހޭރެން ނުގޮސް މަޑުން ހުރިނަމަ ތިހެންނުވީސް.. ސިޔާސީ މީހުންގެ ޕަޕެޓަކަށްވާ ކޮންމެ މީހަކަށް ތިކަހަލަ ދުވަސް އައުން އެކަށީގެންވޭ
ތިހުރީ ނިކަމެތި ޖާހިލުންނަށް ކަލޭމެންދޭ ލަޑެވެ. އަދިވެސް އިންޑިޔާ އައުޓް އޭ ކިޔައިގެން މީހުން ގުނބޯ ހައްދުވާފައި އަނެއްދުވަހު މިޖެހެނީ އެމީހުން ފައިބުޑަށް ދާށެވެ. ދެން ހޭރޭނެކަމެއް ނެތެވެ.