މިމަހު 6 ވަނަ ދުވަހު ކުރިއަށްދިޔަ މުޒާހަރާގައި 2 ނޫސްވެރިޔަކަށް އަނިޔާވި މައްސަލައާ ގުޅިގެން މޯލްޑިވްސް ބްރިޑްކާސްޓިން ކޮމިޝަނުން، ފުލުހުންނާ ބައްދަލުކޮށްފިއެވެ.
ބްރޮޑްކޮމް އިން ބުނީ، ވޭތުވެދިޔަ ހަފްތާގައި ބޭއްވި އެއްވުމެއް ފުލުހުން ރޫޅާލުމުގެ ތެރޭގައި ބައެއް ނޫސްވެރިންނަށް އަނިޔާވެފައިވާތީ، އެކަން ހިނގައި ދިޔަ ގޮތް ބަލައި، މިފަދަ ހާލަތްތަކުގައި ގުޅުންހުރި ފަރާތްތަކުން އަމަލުކުރަންޖެހޭ ގޮތް ދެނެގަތުމާ ބެހޭގޮތުން ފުލުހުންގެ އިދާރާއާ ކޮމިޝަނުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
މިގޮތުން އެއްވުންތަކާއި މުޒަހަރާތައް ކަވަރުކުރާ ނޫސްވެރިންނަށް އަމާޒުކޮށް ދެ އިދާރާ ގުޅިގެން ވަރަށް ހާއްސަ ތަމްރީން ޕްރޮގްރާމެއް ހިންގުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ބްރޮޑްކޮމް އިން ވަނީ ބުނެފައެވެ.
މިމަހު 6 ވަނަ ދުވަހު ކުރިއަށްދިޔަ މުޒާހަރާގައި ޗެނަލް13 ގެ 2 ނޫސްވެރިޔަކަށާއި އާންމުންގެ ހަތް މީހަކަށް އަނިޔާ ލިބި ހޮސްޕިޓަލްގައި ފަރުވާ ދީފައިވާ އިރު އަނިޔާ ލިބުނު ނޫސްވެރިޔާ ހަސަން ޝަހީދަށް އޭޑީކެގެ އައިސީޔޫގައި ފަރުވާދިނުމަށް ފަހު މިހާރު ވަނީ އިތުރު ފަރުވާއަށް ލަންކާއަށް ގެންގޮސްފައެވެ. އޭނާގެ ބޮލުގައި ޝީލްޑުން ޖެހުމުގެ ސަބަބުން ސިކުނޑިއަށް ގެއްލުން ލިބިފައިވާ ކަމަށް ޑޮކްޓަރުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށް ޕީޕީއެމްއިން ބުނެއެވެ.
ޕީޕީއެމްއިން ބުނީ ބޮލުގައި ޝީލްޑުން ޖެހި މަގުމައްޗަށް އޭނާ ވެއްޓި ހޭނެތުމުނު ކަމަށާއި ފަރުވާ ދިނުމަށް ފަހު މިހާރު ހޭ އަރާފައި ވީނަމަވެސް ޝަހީދުގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ. އަދި މީގެ 2 ހަފްތާ ކުރިން ފުލުހުންގެ ފަރާތުން ޝަހީދަށް ބިރުދައްކާ އިންޒާރު ދީފައިވާ ކަމަށް އޭނާ ބުނެފައިވާ ކަމަށް ވެސް ޕީޕީއެމްއިން ބުނެއެވެ.
ޗެނަލް 13 ގެ ދެ ނޫސްވެރިޔަކަށް އަނިޔާ ވި އިރު، ޕެޕާސްޕްރޭގެ އަސަރު ވެސް އެމީހުންނަށް ވަނީ ކޮށްފައެވެ.
މީޑިއާ ފާސް އަޅައިގެން ތިބި ވީޑިއޯގްރާފަރާއި ފޮޓޯޖާނަލިސްޓަށް އަނިޔާ ވި ވަގުތު އެމީހުންގެ ގައިމަތިން ފުލުހުން ދުވުމުން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މުޒާހަރާތައް ރޫޅާލުމާއި ބާރުގެ ބޭނުން ކުރާ އިރު ނޫސްވެރިންނަށް ރައްކާތެރިކަން ކަށަވަރު ކުރުމަށް އެމްޖޭއޭ އިން ވަނީ ފުލުހުންނަށް ގޮވާލައިފައެވެ.