ކޮންމެ ކުއްޖަކީ ވެސް އަމިއްލަ ފައިމައްޗަށް ތެދުވެ ފަހުރުވެރި ދިރިއުޅުމެއް އުޅެވޭނެ ކުއްޖަކަށް ވުމަށް ބުއްދީގެ ހަމައިން ދަލީލު ނެރެން އެނގެން ޖެހޭ ކަމަށާއި އެއީ ވަރަށް މުހިއްމު ކަމެއް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން (ޗަބީ) ވިދާޅުވެއްޖެއެވެ.
ޗަބީ މިހެން ވިދާޅުވީ، ގާޒީ ސްކޫލުގައި އޮތް 97 ވަނަ ފުރާވަރު ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ ތިމާއަކީ އަމިއްލަ ފައިމައްޗަށް ތެދުވެ އަބުރުވެރި އުޅުމެއް އުޅޭނެ ޒުވާނެއް ކަމުގައި ވުމަށް އަޒުމް ކަނޑައަޅަން ޖެހޭ ކަމަށާއި ތިމާއަށް ލިބިފައިވާ ބުއްދީގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަންޖެހޭނެ ކަމަށެވެ.
އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ ކޭންޕުން ދަސްވި ކަންތައްތައް އާންމު ދިރިއުޅުމުގައި ކުރަން ފަރިތަ ކުރުމަށް މަސައްކަތް ކުރުން ކަމަށާއި ކޮންމެ ކުއްޖަކީ ވެސް އަމިއްލަ ފައިމައްޗަށް ތެދުވެ ފަހުރުވެރި ދިރިއުޅުމެއް އުޅެވޭނެ ކުއްޖަކަށް ވާން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން ކޭންޕުން ދަސްވި އިލްމާއި ހުނަރުތައް އަދި އަހުލާގީ މިންގަނޑުތައް އެއީ ތިމާގެ ދުވަހީ ކަންތައްތަކެއްގެ ގޮތުގައި އަށަގެންނެވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ޗަބީ ވިދާޅުވިއެވެ.
އަދި ހެދިފައިވާ ގާނޫނުތަކާއި ގަވައިދުތަކަށް ބޯލަނބާ އަހުލާގު ރަނގަޅު ދަރިވަރުންނަށް ވާން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ. އޭރުން މުޖުތަމައުގައި ހަމަޖެހުން އޮންނާނެ ކަމަށާއި އެކަކު އަނެކަކާ އެކުގައި އެކުވެރިކަމާ އެކު އުޅޭވޭނީ އޭރުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ތައުލީމުގެ ފުރުސަތުތައް ފުޅާވެފައިވާ އިރު މި ސަރުކާރުން ސްކޮލަޝިޕްގެ ގިނަ ފުރުސަތުތަކެއް ހުޅުވާލާފައިވާ ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އެ ސްކޮލަޝިޕްތަކަށް ޝަރުތު ހަމަވާނީ އޭލެވެލް ނިންމާ ދަރިވަރުންނަށް ކަމަށާއި އޭލެވެލް ހަދާ ކޮންމެ ދަރިވަރަކަށް ދުނިޔޭގެ ކޮންމެ ތަނެއްގެ ޔުނިވާސިޓީއަށް ވަނުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. ކިޔެވުމުގެ ދޮރުތައް ހުޅުވިފައިވާ ޒަމާނެއްގައި އިލްމު ހޯދުމާއި ދޭތެރޭގައި އަބަދުވެސް ޝައުގުވެރިވާން ވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.