ޕީޕީއެމްގެ ހުޅުމާލޭ ގޮފީގެ ރައީސް އަބްދުއްސަމަދު ބޭސް ފަރުވާއަށް އިންޑިއާއަށް ދިޔަތަނުން އެ ގައުމުގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް އޭނާ ގެންގޮސްފިއެވެ.

އަބްދުއްސަމަދު އާންމު ކޮށްފައިވާ ވީޑިއޯއެއް ވައިރަލް ވަމުން އަންނަ އިރު، އޭނާ އެ ވީޑީއޯގައި ބުނީ އިއްޔެގެ ވަގުތެއްގައި އޭނާގެ އާއިލާއާ އެކު އިންޑިއާގެ ބެންގަލޫރަށް ދިޔަ ކަމަށާއި އިންޑިއާއަށް ދިޔައީ ބޭސްފަރުވާއަށް މަނީޕާލް ހޮސްޕިޓަލަށް ދެއްކުމަށް ކަމަށެވެ.

ހޮސްޕިޓަލުގައި ހުއްޓާާ އިންޑިއާގެ އިމިގްރޭޝަނުން އައިސް އޭނާ ގެންދިޔައީ ކަމަށާއި އެ ހޮސްޕިޓާލުގައި އޭނާގެ އަނބިދަރީން އެކަނި ބައިތިއްބާފައި އެމީހުންނާ އެކު އޭނާއަށް ދާން ޖެހުމުން އަބްދުއްސަމަދު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އޭނާ ގެންދަނީ ކޮން ކުށަކާ ގުޅިގެން ކަން ވެސް އިމިގްރޭޝަނުން ހާމަނުކުރާ ކަމަށާއި އޭނާ ގެންދަނީ އެއާޕޯޓަށް ކަމަށް ވެސް އެ ވީޑިއޯގައި އަބްދުއްސަމަދު ބުނެއެވެެ. އަދު އިމިގްރޭޝަނުން މަސައްކަތް ކުރަނީ އޭނާ ޑީޕޯޓްކުރުމަށް ކަމަށްވެސް ބުނެއެވެ.

އަބްދުއްސަމަދަކީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހިންގާ އިންޑިއާ އައުޓް ކެމްޕެއިނުގައި ބައިވެރިވާ އަދި އިންޑިއާއާ ދެކޮޅަށް އަޑު އުފުލަން ބާއްވާ މުޒާހަރާތަކުގައި ވެސް އިސްކޮށް އުޅޭ މީހެކެވެ. ބައެއް މުޒާހަތާތަކުން އޭނާ ހައްޔަރުކޮށްފައި ވެސް ވެއެވެ.

ނަމަވެސް މިހާތަނަށް އައި އިރު އަބްދުއްސަމަދު އިންޑިއާގައި ހިފެހެއްޓީ ކޮން ކަމަކާ ގުޅިގެންނެއް ކަމެއް އަދި ނޭނގެއެވެ.