ކުޑަގިރި ޕިކްނިކް އައިލެންޑް ކައިރިން ސްކޫލުތަކުގެ ދަރިވަރުންނަށް ހާއްސަ ވަކި ރަށެއް ތަރައްގީ ކުރުމަށް ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ކުޑަގިރި ރަސްމީގޮތުން ހުޅުވައިދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުޑަގިރި ޑިވެލޮޕް ކުރަމުން އައިއިރުގައި، އެ ރަށާ ޖެހިގެން އަދި ކުޑަރަށެއް ޑިވެލޮޕް ކުރަން ނިންމެވި ކަމަށެވެ.

އެއީ އެޑިޔުކޭޝަން ދާއިރާގައި، ތައުލީމު އުނގެނެމުންދާ ކުދިން ދަތުރު އައިސް، ކޭމްޕްކޮށް، ސްކައުޓުންނާއި ގާލްގައިޑުންނަށް، އެ ހިދުމަތް އެ ފަރާތްތަކަށް ލިބޭގޮތަށް ތައްޔާރުކުރެވޭ ރަށެއް ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

އެޗްޑީސީއާ އަޅުގަނޑުމެން ކުޑަގިރި ހަވާލުކުރި ދުވަހު، އެ ބައްދަލުވުމުގައި އަޅުގަނޑު ވާނެ އެކަން ޝަރުތުކޮށްފައި. އެޗްޑީސީން މިތަން ހުޅުވައިގެން، ހިދުމަތް ދޭއިރުގައި، އެ ރަށް ޖެހޭނެއޭ މިތަނުގައި އޮންނަން.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ރައީސް ވަނީ އެޗްޑީސީން ލަސްނުކޮށް އެޑިޔުކޭޝަން މިނިސްޓްރީއަށް ސްޓޫޑަންޓުންނަށް، ދަރިވަރުންނަށް އެ ހިދުމަތް ފޯރުކޮށްދެވޭނެ ގޮތެއް ހޯދައިދިނުމަށް އިލްތިމާސްކުރައްވާފައެވެ.

އެރަށުގެ މަސައްކަތުގެ ތަފްސީލެއް އަދި އެޗްޑީސީން ހާމަކޮށްފައެއް ނުވެއެވެ.

މިއަދު ރަސްމީކޮށް ކުޑަގިރި ހުޅުވާފައިވާއިރު ކުޑަގިރިއަށް ދަތުރުދާ ފަރާތްތަކުން އެންޓްރޭންސް ފީގެ ގޮތުގައި 50 ރުފިޔާ އަދި ފެރީއަށް ކޮޅަކަށް ދައްކަން ޖެހެނީ 25 ރުފިޔާއެވެ. އަދި 11 އަހަރުން ދަށުގެ ކުދިންނަށާއި 65 އަހަރަށްވުރެ މަތީގެ މީހުންނަށް ފީއެއް ނުނަގާނެއެވެ.

ނަމަވެސް ހަފްތާ ބަންދު އަދި ސަރުކާރު ބަންދު ދުވަސް ދުވަހު މުޅިން ހިލޭ ކުޑަގިރިއަށް ދެވޭއިރު ބަންދު ދުވަސްތަކުގައި އެ ރަށް ބޭނުން ކުރެވޭނީ ހަމައެކަނި ދިވެހިންނަށެވެ.

އާންމުން ބޭނުންކުރުމަށްޓަކައި ކުޑަގިރީގައި ކަނޑައަޅާފައިވާ ވަސީލަތްތަކާއި ތަންތަން:

  • ޑޭ ޔޫސްގެ ގޮތުގައި 12 ކޮޓަރި
  • އާންމުން ބޭނުންކުރުމަށް 13 ކުޑަ އަށްޓާއި ހަތަރު ބޮޑު އަށި
  • މިނީ ފުޓްބޯޅަ، ވޮލީ، އަދި ބާސްކެޓް ކޯޓުތައް
  • ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ޕްލޭ އޭރިއާ އެއް
  • ޑައިވް މަރުކަޒަކާއި މޫދު ކުޅިވަރު މަރުކަޒެއް

މާލޭން ގާތްގަނޑަކަށް 15 މިނެޓުން ދެވޭ ކުޑަގިރި މިއަދު ހުޅުވާލިއިރު، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބުކިންތައް ވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފުލްވެފައެވެ.