ކުޑަގިރި ޕިކްނިކް އައިލެންޑް ތަރައްގީ ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، ދުޅަހެޔޮ، ބަދަހި މުޖްތަމައު އަކަށް މަގުފަހި ކުރުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މިއަދު ކުޑަގިރި ހުޅުވައިދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ ގައުމެއްގެ ގޮތުގައި ކުރިއަރައި ދިޔުމުގައި ދުޅަހެޔޮ ބަދަހި ޖީލެއް ބިނާކުރަންޖެހޭ ކަމަށާއި އެހެންކަމުން މިފަދަ މުޖުތަމައެއް ބިނާކުރުމަށް ކުޑަގިރި މަޝްރޫއަކީ މުހިއްމު މަޝްރޫއެއް ކަމަށެވެ.

މިވަގުތު މާލެ ސަރަހައްދުގައި ތޮއްޖެހިގެން، ނަފްސާނީ ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި ދިރިއުޅޭ ފަރާތްތަކަކީ ނަފްސާނީގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމަކީ ކުޑަގިރި ތަރައްގީކުރި މައިގަނޑު މަގްސަދު ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ކުޑަގިރި ހުޅުވުމުގެ ރަސްމިއްޔާތުގަގެ ތެރެއިން / ފޮޓޯ: ދަ ޕްރެސް

ރައީސް ވިދާޅުވީ ރާއްޖޭގެ ގިނަ ރަށްރަށުން މި ހިތްހަމަޖެހުން ލިބުނަސް، ވެރިރަށް މާލޭގެ ރައްޔިތުންނަށް މި އުފާވެރިކަން މަހުރޫމްވެ، ގެއްލިފައިވާތާ އެތައް ދުވަހެއް ވެފައިވާ ކަމަށެވެ. ކުރިން މާލޭގެ ރައްޔިތުން ދަތުރު ދިޔައީ ކުޑަބަނޑޮހަށް ކަމަށާއި، ނަމަވެސް މީގެ 10 ވަރަކަށް އަހަރު ކުރިން އެ ރަށް ރައްޔިތުންގެ އަތުން އަތުލައިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން ބީވެގެންދިޔަ އެއުފާވެރި ވަގުތުތައް އާއިލާއާއި އެކުވެރިންނާއެކު ހޭދަކޮށް، ބަދަހި މުޖުތަމައެއް ބިނާކުރުމަށް ކުޑަގިރިއަކީ ލިބިގެންދާ ފުރުސަތެއްކަމަށް ރައީސް ވިދާޅުވިއެވެ.

ކުޑަގިރި ހުޅުވުމުގެ ރަސްމިއްޔާތުގަގެ ތެރެއިން / ފޮޓޯ: ދަ ޕްރެސް

މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށްޓަކައި ތަރައްގީ ކުރި ކުޑަގިރި ރަސްމީކޮށް މިއަދު ހުޅުވައިދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމެވެ.

އާންމުން ބޭނުންކުރުމަށްޓަކައި ކުޑަގިރީގައި ކަނޑައަޅާފައިވާ ވަސީލަތްތަކާއި ތަންތަން:

  • ޑޭ ޔޫސްގެ ގޮތުގައި 12 ކޮޓަރި
  • އާންމުން ބޭނުންކުރުމަށް 13 ކުޑަ އަށްޓާއި ހަތަރު ބޮޑު އަށި
  • މިނީ ފުޓްބޯޅަ، ވޮލީ، އަދި ބާސްކެޓް ކޯޓުތައް
  • ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ޕްލޭ އޭރިއާ އެއް
  • ޑައިވް މަރުކަޒަކާއި މޫދު ކުޅިވަރު މަރުކަޒެއް

ކުޑަގިރިއަށް ދަތުރުދާ ފަރާތްތަކުން އެންޓްރޭންސް ފީގެ ގޮތުގައި 50 ރުފިޔާ އަދި ފެރީއަށް ކޮޅަކަށް ދައްކަން ޖެހެނީ 25 ރުފިޔާއެވެ. އަދި 11 އަހަރުން ދަށުގެ ކުދިންނަށާއި 65 އަހަރަށްވުރެ މަތީގެ މީހުންނަށް ފީއެއް ނުނަގާނެއެވެ.

ނަމަވެސް ހަފްތާ ބަންދު އަދި ސަރުކާރު ބަންދު ދުވަސް ދުވަހު މުޅިން ހިލޭ ކުޑަގިރިއަށް ދެވޭއިރު ބަންދު ދުވަސްތަކުގައި އެ ރަށް ބޭނުން ކުރެވޭނީ ހަމައެކަނި ދިވެހިންނަށެވެ.

މާލޭން ގާތްގަނޑަކަށް 15 މިނެޓުން ދެވޭ ކުޑަގިރި މިއަދު ހުޅުވާލިއިރު، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބުކިންތައް ވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފުލްވެފައެވެ.