ފިތުރު އީދު ދުވަހުން ފެށިގެން ކުޑަގިރިއަށް އާ ފެރީގެ ހިދުމަތެއް ތައާރަފް ކުރަން ނިންމާފައިވާކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ މި ހިދުމަތަކީ ކުޑަގިރި ޕިކްނިކް އައިލެންޑަށް ކުރެވޭ ދަތުރުތަކުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރެވިގެންދާ މަސައްކަތެއް ކަމަށާއި، މި ހިދުމަތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ ފިތުރު އީދު ދުވަހު ކަމަށެވެ. އެމްޓީސީސީ އިން ބުނީ މި ހިދުމަތް ފެށުމަށް ފިތުރު އީދު ދުވަހު ހާއްސަ ދަތުރުތަކެއް ޝެޑިއުލް ކޮށްފައިވާ ކަމަށެވެ.

އެގޮތުން އީދު ދުވަހު ހެނދުނު 09:00 ގައި މާލެ އިން ކުޑަގިރި އަށް އަދި ހަވީރު 16:00 ގައި ކުޑަގިރި އިން މާލެ އަށް ދަތުރެއް ވަނީ ހަމަޖައްސާފައެވެ. މީގެއިތުރުން މާލެއިން ކުޑައިގިރި އަށް ހެނދުނު 10:30 ގައި ވެސް ފެރީ އެއް ހަމަޖައްސާފައިވާއިރު މި ފެރީ އެނބުރި މާލެ އައުމަށް ހަމަޖައްސާފައިވަނީ 17:30 ގައެވެ. އެމްޓީސީސީ އިން ބުނީ ފިޠުރު އީދާއި ގުޅިގެން އަންނަ އިތުރު ބަންދުދުވަސް ތަކުގައި ދަތުރުތައް ރޭވިފައިވާނީ ހުކުރު އަދި ހޮނިހިރު ދުވަހުގެ ޝެޑިއުލްއާއި އެއްގޮތަށް ކަމަށެވެ.

އެމްޓީސީސީ އިން ބުނީ އަލަށް ގާއިމުކުރެވިގެންދާ މި ފެރީގެ ދަތުރުތައް ހަމަޖެހިފައިވަނީ ހުކުރު އަދި ހޮނިހިރު ދުވަސްތަކުގައި ހެންވޭރު ފެރީ ޓާމިނަލް އިން ކަމަށެވެ. މި ދަތުރުތަކުގެ އަގަކީ ކޮޅަކަށް 70 ރުފިޔާއެވެ. 35 މިނެޓުން ދެވޭ ކުޑަގިރިއަށް ދަތުރުކުރާ މި ފެރީތަކަކީ އެއާ ކޮންޑިޝަން ފެރީތަކެއް ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ. އެމްޓީސީސީ އިން އިތުރަށް ބުނީ މި ދަތުރުތަކުގެ ޓިކެޓު ނަގަން ބޭނުންވާ ފަރާތްތަކަށް އެސްޓީއެލްގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ޓިކެޓު ނެގޭނެކަމަށެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑަކީ އާބަންކޯއާއި ހަވާލުކޮށްގެން ކުރީ ސަރުކާރުން ހެދި ތަނެކެވެ. ކުޑަގިރި ޕިކްނިކް އައިލެންޑް ތަރައްގީ ކޮށްފައި ވަނީ އާންމުން ބޭނުން ކުރުމަށްޓަކައި މިހާރުވެސް ގިނަ ވަސީލަތްތަކެއް ހިމަނައިގެންނެވެ. އޭގެތެރޭގައި ޑޭ ޔޫސްގެ ކޮޓަރިތަކާއި، އާންމުން ބޭނުން ކުރުމަށް ކުޑަ އަށްޓާއި، ބޮޑު އަށި، މިނީ ފުޓްބޯޅަ، ވޮލީ، އަދި ބާސްކެޓް ކޯޓުތައް، ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ޕްލޭ އޭރިއާ އަދި އެއް ޑައިވް މަރުކަޒުގެ އިތުރުން މޫދު ކުޅިވަރު މަރުކަޒެއް ހިމެނެއެވެ.