މާލޭގެ އަމީނީ މަގު ހަދަން، މަގުހަދާ ކުންފުނި އާރުޑީއާ ހަވާލު ކުރުމުން، ނުވެގެން ތާރު އެޅުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލު ކޮށްފިއެވެ.

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން ހަދަމުން ދިޔަ އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އަމީނީ މަގުގެ މަސައްކަތް އަވަހަށް ނިންމުމަށްޓަކައި އެމްޓީސީސީ އާ ހަވާލުކޮށްފައި ވާއިރު އެ ކުންފުނިން ހަވާލުވެފައި ވަނީ އަމީނީމަގުގައި ޕޭވިންގެ މަސައްކަތް މިހާރު ނިންމާފައި އޮތް ހިސާބުގައި ތާރު އަޅުމަށެވެ.

މިކަމާ ގުޅިގެން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނ ވިދާޅުވީ، އެމްޓީސީސީ އާ ހަވާލުކުރީ އާރުޑީސީގެ ތާރު މެޝިން ބަހައްޓާނެ ބިމެއް އަދި ކަނޑައެޅިފައި ނުވާތީ ކަމަށާއި ބިން ހަމަޖެހުނުހާ އަވަހަކަށް އާރްޑީސީގެ ތާރު މެޝިން ބަހައްޓައި، އަމީނީމަގުގެ ދެން އޮތް ބައިގައި ތާރު އެޅުމުގެ މަސައްކަތް ކުރާނީ އާރުޑީސީން ކަމަށެވެ.

އަމީނީ މަގުގެ މަސައްކަތް ލަސްވެ ގިނަ ބަޔަކަށް އެކަމުގެ ދަތިތައް ކުރިމަތިވެފައި ވާއިރު، މާލެ ސިޓީ ކައުންސިލުން 39 މިލިއަން ރުފިޔާއަށް ހަދައިދޭން ބުނެފައި އޮއްވާ އާރްޑީސީ އާ ހަވާލުކޮށްފައި ވަނީ ޖުލައި 3، 2022 ގައި 10 މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 84 މިލިއަން ރުފިޔާއަށެވެ.

1.7 ކިލޯ މީޓަރުގެ މަގު ހަދަން ނިންމާފައި ވާ އިރު، މި މަގުގެ މަސައްކަތް ކުރަމުން ދަނީ ބައިބަޔަށް ބަހާލައިގެން ފަހަރަކު ބައެއް ނިންމާ ގޮތަށް ނަމަވެސް އެ މަގުގައި ހުރި ގާތަށް ނަގައި ޕޭވްމަންޓް ހެދުމުގެ އިތުރުން އާރުޑީސީން ކުރި ކަމަކީ ވެލިއަޅާ މަގު އެއްވަރު ކުރުމެވެ. ނަމަވެސް ވެލި އެޅި ތަންތާނގައި ވަޅުގަނޑުގަނޑު ހެދި އަލުން ވެލިއަޅާ އެއްވަރު ކުރަން ވެފައި އޮތް އިރު، އެ މަގަކީ، ނުނިމި ދިގުލާ ދިޔުމުގެ ސަބަބުން ގިނަ ފާޑުކިޔުންތަކުގެ އިތުރުން، މަގަށް ކުރަ ހަރަދާ ގުޅޭ ގޮތުން ގިނަ ސުވާލުތައް ފެންމަތިވެފައިވާ މަގެކެވެ.

އަމީނީ މަގު ހެދުމުގެ މަސައްކަތް މަޑުމަޑުން ކުރިއަށް ދަނީ / ފޮޓޯ: ދަ ޕްރެސް

އެގޮތުން އެއްބަސްވުން ހާމަ ނުކޮށްގެން އާންމު ފަރާތަކުން އިންފޮމޭޝަން ކޮމިޝަނަރަށް މައްސަލަ ހުށަހެޅުމުންވެސް މައުލޫމާތު ނުދީ، ޕްލޭނިން މިނިސްޓްރީން ނިންމީ އެއްބަސްވުން ހާމަ ނުކުރެވޭނެ ގޮތް ހަދަން ކޯޓަށް ދާށެވެ.

އަމީނީ މަގު އަލުން ތަރައްގީ ކުރާ އިރު ހުންނާނެ ވަސީލަތްތައް؛

  • މަގު ފެހިކުރުމަށް 'ޓްރީ ޕިޓް' ނުވަތަ ގަސް މުށި ބެހެއްޓުން
  • މަގުގެ ދެ ފަޅީގައި ކޭބަލް ޓްރޭ ހެދުން
  • އެޗްވީ ކޭބަލަށް ހާއްސަ ޖަންކްޝަންތަކެއް ބެހެއްޓުން
  • ވީލްޗެއާ ދުއްވާ ހަދަން ފަސޭހަ ގޮތްތައް ގާއިމް ކުރުން
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވުމަށް ދުވާރުގައި ބްރެއިލް ބްލޮކްސް ޖެހުން
  • ސައިން ބޯޑުތަކާއި ބަމްޕަރުތައް ހެދުން
  • ފެން ހިންދާ ނިޒާމެއް ގާއިމް ކުރުން

ކުރިން މި މަސައްކަތް ނިންމުމަށް ކަނޑައަޅާފައި އޮތް ތާރީހަކީ ފެބްރުއަރީ މަސްކަމުގައި ވިޔަސް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، މަސައްކަތް ލަސްވެ ދެން އެ މަސައްކަތް ނިންމޭނީ އަންނަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހަށް ކަމަށެވެ. އެ މަގު ހެދުމުގެ އެންމެ ބޮޑު ގޮންޖެހުމަކީ މަގަށް ބޭނުންވާ ހޮޅިތައް އެމްޑަބްލިއުއެސްސީ އިން ފޯރުކޮށް ނުދެވުން ކަމަށް އަސްލަމް ވިދާޅުވެފައި ވާއިރު އެކުންފުނިން ބުނެފައި ވަނީ އެދޭ މިންވަރަކަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ކަމަށެވެ.

އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް ފެށީ މި ދިޔަ އަހަރު ސެމްޓެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ.