އެފްއޭއްމް އިން ކުރިއަށް ގެންދިޔަ 17 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ރެހެންދި ސްކޫލާއި ކަލާފާނު ސްކޫލް ބައްދަލުކޮށް 2-1 ނަތީޖާ އަކުން ރެހެންދި ސްކޫލް ޗެމްޕިއަން ކަން ހޯދައިފިއެވެ.
ރޭ ގަލޮޅު ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗް ދިޔައީ ވަރަށް ފޯރިގަދަކޮށެވެ. އެގޮތުން މެޗުގެ 18 ވަނަ މިނިޓްގައި މުހައްމަދު މީކާއިލް އަބްދުﷲ މައްސޫދު ޖަހާދިން ލަނޑާއެކު ކުރި ހޯދީ ކަލާފާނު ސްކޫލުންނެވެ. ނަމަވެސް މެޗުގެ 35 ވަނަ މިނިޓްގައި ޝާއިން އިބްރާހިމް ރަމީޒް ޖެހި ގޯލާއެކު ފުރަތަމަ ހާފް ނިމިގެން ދިޔައީ އެއްވަރު ވެގެންނެވެ.
ދެވަނަ ހާފްގައި ދެ ޓީމުންވެސް މޮޅު ކުޅުމެއް ދައްކާފައި ވާއިރު ރެހެންދި ސްކޫލަށް ދެވަނަ ގޯލް ކާމިޔާބު ކޮށްދިނީ އެ ޓީމްގެ އަބްދުލްއައްވަލް މައުރޫފް އެވެ. މުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިގެން ދިޔައީ ރެހެންދި ސްކޫލް ޓީމުގެ އަހުމަދު އަކުމަލް ނިޒާމް އެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަަކަށް ދަރުމަވަންތަ ޓީމު ހޮވުނުއިރު އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހާސިލް ކުރީ ޓީމަށް 12 ގޯލް ކާމިޔާބު ކޮށްދިން ގާޒީ ސްކޫލްގެ އަޒްލާން އަލީ އެވެ.
ފޯރިގަދަ ސެމީ ފައިނަލުގައި ކަލާފާނު ސްކޫލާއި ކ. ގުރައިދޫ ސްކޫލް ވާދަކޮށްފައި ވާއިރު އެ މެޗްގައި ގުރައިދޫ ސްކޫލްގެ ބައެއް ކުދިންގެ އިތުރުން ސަޕޯޓަރުން ވަނީ ހަމަނުޖެހުން ހިންގާފައެވެ. މިމަހު ހަވަ ވަނަ ދުވަހު ކުރިއަށް ދިޔަ އެ މެޗްގައި ރެފްރީ އަށް ހަމަލާދީފައި ވާއިރު މިކަން ވަނީ އެޑިޔުކޭޝަނަލް މިނިސްޓްރީންވެސް ކުށްވެރިކޮށްފައެވެ.
މީގެ އިތުރުން މި މައްސަލައިގައި އެފްއޭއެމް އިން ވަނީ ގުރައިދޫ ސްކޫލް އެއް އަހަރަށް ސަސްޕެންޑް ކޮށްފައެވެ. އެފްއޭއެމްގެ މި ނިންމުމާއެކު މި ފަހަރު ގުރައިދޫ ސްކޫލުން އެފްއޭއެމްގެ 17 އަހަރުން ދަށުގެ އިންޓަ ސްކޫލް މުބާރާތުގައި ރަޖިސްޓްރީ ކުރި އެއްވެސް އޮފިޝަލަކަށް އަދި ކުޅުންތެރިއަކަށް ކުރިއަށް އޮތް އެއް އަހަރަށް އެފްއޭއެމް އިން ރާވާ ހިންގާ އެއްވެސް މުބާރާތެއްގައި ބައިވެރި ނުވެވޭނެއެވެ.