ސަރުކާރުން ތަރައްގީކުރި ކުޑަގިރި ޕިކްނިކް އައިލެންޑް އަންނަ ހޮނިހިރު ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުޅުއްވައިދެއްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިއުވާން ވިދާޅުވީ ކުޑަގިރިއަށް ދަތުރު ދިޔުމަށް ކުޑަގިރި އެޕްގެ ބޭނުން ހިފައިގެން ގިނަ ރައްޔިތުންތަކެއް އެ ރަށަށް ދަތުރުދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މީގެކުރިންވެސް ރައީސް ސޯލިހު ވަނީ އެ ރަށް ބައްލަވާލެއްވުމަށްޓަކައި އެ ރަށަށް ޒިޔާރަތްކުރައްވާފައެވެ.

ކުޑަގިރި ހުޅުވުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު ކުޑަގިރިއަށް ދަތުރުދާ ފަރާތްތަކުން އެންޓްރޭންސް ފީގެ ގޮތުގައި 50 ރުފިޔާ ފެރީއަށް ދައްކަން ޖެހޭއިރު ކޮޅަކަށް ދައްކަން ޖެހެނީ 25 ރުފިޔާއެވެ. އަދި 11 އަހަރުން ދަށުގެ ކުދިންނަށާއި 65 އަހަރަށްވުރެ މަތީގެ މީހުންނަށް ފީއެއް ނުނަގާނެއެވެ.

ނަމަވެސް ހަފްތާ ބަންދު އަދި ސަރުކާރު ބަންދު ދުވަސް ދުވަހު މުޅިން ހިލޭ ކުޑަގިރިއަށް ދެވޭއިރު ބަންދު ދުވަސްތަކުގައި އެ ރަށް ބޭނުން ކުރެވޭނީ ހަމައެކަނި ދިވެހިންނަށެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑް ތަރައްގީ ކޮށްފައި ވަނީ އާންމުން ބޭނުން ކުރުމަށްޓަކައި ގިނަ ވަސީލަތްތަކެއް ހިމަނައިގެންނެވެ. އޭގެތެރޭގައި ޑޭ ޔޫސްގެ ގޮތުގައި 12 ކޮޓަރި، އާންމުން ބޭނުން ކުރުމަށް 13 ކުޑަ އަށްޓާއި ހަތަރު ބޮޑު އަށި، މިނީ ފުޓްބޯޅަ، ވޮލީ، އަދި ބާސްކެޓް ކޯޓުތައް، ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ޕްލޭ އޭރިއާ އަދި އެއް ޑައިވް މަރުކަޒުގެ އިތުރުން މޫދު ކުޅިވަރު މަރުކަޒެއް ހިމެނެއެވެ.

މާލެ އާ ގާތްގަނޑަކަށް 10.5 ކިލޯމީޓަރު ދުރުގައި އޮންނަ ކުޑަގިރި، ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރަން ސަރުކާރުން ނިންމީ ސަރުކާރުން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދާނެ ވައުދުތަކުގެ ދަށުންނެވެ.

ކުޑަގިރި ޕިކްނިކް އައިލޭންޑް ރަސްމީކޮށް މި މަހުގެ 11 ވަނަ ދުވަހު ހުޅުވާއިރު، ކުޑަގިރިއަށް ހާއްސަ މޯބައިލް އެޕްލިކޭޝަނުން ދަތުރު ދިއުމަށް ބުކްކުރުމާއި ދަތުރު ދާން ޖާގަ އޮތް ދުވަސްތަކާއި ޖާގަ ހުރި މިންވަރު ބެލޭނެއެވެ. ކުޑަގިރިއަށް ގޮސް އައިސް ވާ ފެރީ އޮންނާނީ މާލެ އަދި ހުޅުމާލެ ފެރީ ޓާމިނަލުންނެވެ.