ސައިކަލުގެ މަޑިދަށުން ފެނުނު މަސްތުވާތަކެއްޗަށް ޒިންމާވާން ޖެހި، މީހަކު އުމުރަށް ޖަލަށްލާން ހުކުމް ކޮށްފިއެވެ.

ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ މއ.ރުތު، އައިހަމް މުހައްމަދުގެ މައްޗަށެވެ.

ޖަނަވަރީ 19، 2018 ދުވަހު 20:30 ހާއިރު، އައިހަމް އިތުރު މީހަކާއެކު ހުޅުމާލެ ފެރީގައި، ހުޅުމާލެއިން މާލެއަށް މަސްތުވާތަކެތި ގެންދާކަމަށް މޯލްޑިވްސް ޕޮލިސްސާވިސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން، އައިހަމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އައިހަމްގެ ސައިކަލު ބަލައި ފާސްކުރިއިރު، އެސައިކަލުގެ މަޑިދަށުން 246،7000 ގްރާމުގެ ކެނެބިސް ވަނީ ފެނިފައެވެ.

ކްރިމިނަލް ކޯޓުން ވަނީ މައްސަލަ ބަލައި ދައުވާ ސާބިތުނުވާކަމަށް ކަނޑައަޅައި ހުކުމްކޮށްފައެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން ހައި ކޯޓުން ކުރި ހުކުމުގައި ވަނީ ރަށްޓެހިން އަތަށް ސައިކަލު ދުއްވަން ދޭ ކަމަށާއި އެހެންވެ، ސައިކަލުގެ މަޑިދަށަށް އެހެން މީހަކު އެއްޗެއް ލުމުގެ ފުރުސަތު އޮތް ކަމަށް އައިހަމް ބުނާ ބުނުން ފިޔަވައި އެކަން ސާބިތުކޮށް ނުދެވޭ ކަމަށެވެ.

މީގެ އިތުރުން މަސްތުވާތަކެތި މަޑިދަށުން ފެނުނުއިރު އައިހަމް އިން ކަމަށް ވާއިރު އަދި މަޑިދަށުން ފެނުނު އެހެން ބައެއް ތަކެތީގެ ޒިންމާ އައިހަމް ނަގާފައި ވާތީ އެ މަސްތުވާތަކެތި ހުރީ އޭނާއަށް އެނގިގެން އޭނާގެ ހިޔާޒަތުގެ ދަށުގައި ކަމަށް ބަލަން ޖެހޭ ކަމަށް ހުކުމުގައި ވެއެވެ.

ފެނިފައިވާ ޑްރަގްގެ އަދަދަށް ބަލާއިރު ވެސް މިއީ ބަޔަކު ލަނޑެއް ދިނުމުގެ ގޮތުން މަޑިދަށަށް އެއްޗެއް ލީ ކަމަށް ނުބެލެވޭ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައި ވެއެވެ.

އައިހަމްގެ މައްޗަށް ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށް ކަނޑައަޅައި، އޭނާ އުމުރަށް ޖަލަށްލުމާއެކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުން ވަނީ ހުކުމް ކޮށްފައެވެ.