ގަން އިންޓަނޭޝަނަލް އެއާޕޯޓް (ޖީއައިއޭ) ތަރައްގީކުރުމުގެ މަޝްރޫއު އިންޑިއާގެ ރެނާޓާސް ކުންފުންޏާ ހަވާލުކޮށްފިއެވެ.
ގަން އެއާޕޯޓަށް 80 އަހަރު ފުރުމުގެ މުނާސަބަތުގައި ގަމުގައި މިއަދު ބޭއްވި ހަފުލާއެއްގައި ވާހަކަ ދައްކަވަމުން އޭއަައިއޭގެ ޗެއާމަން އަޒާން އަހުމަދް ޒުހެއިރު ވިދާޅުވީ އެ މަސައްކަތް އިންޑިއާގެ ރެނާޓަސް ކުންފުންޏަށް މީގެ މަހެއްހާ ދުވަސް ކުރިން ދީފައިވާ ކަމަށެވެ.
އެހެންވެ އެއާޕޯޓް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތްތައް ވަރަށް އަވަހަށް ފެށޭނެ ކަމަށް އަޒާން ވިދާޅުވިއެވެ.
އަޒާން ވިދާޅުވީ ގަން އެއާޕޯޓް ތަރައްގީގެ މަޝްރޫއުގައި ހިމެނޭ އެންމެ މުހިއްމު މަސައްކަތަކީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭ ފެންވަރުގެ ޓާމިނަލެއް ހެދުން ކަމަށެވެ.
މި މަޝްރޫއު ނިމޭއިރު ޕަސިންޖަރުންނަށް ހިދުމަތް ދިނުމަށް އެއާޕޯޓްގައި 18 ކައުންޓަރު ގާއިމުކުރެވިފައި ހުންނާނެ ކަމަށް އަޒާން ވިދާޅުވިއެވެ. ނެރޯ އަދި ވައިޑް ބޮޑީ އާއި ޕްރޮޕެލާ އެއާކްރާފްޓް އެއްފަހަރާ އޮޕަރޭޓް ކުރެވޭނެ ގޮތަށް އެއާޕޯޓް ތަަރައްގީކުރުމަކީ އަމާޒެއް ކަމަށް ވެސް ފާހަގަކުރެއްވިއެވެ.
މިމަޝްރޫއުގެ ދަށުން ޑިއުޓީ ފުރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖް ވަސީލަތްތަކުގެ އިތުރުން އާ ކޮންޓްރޯލް ޓަވަރަކާއި ފަޔާ ސްޓޭޝަނެއްވެސް ގާއިމުކުރެވިގެންދާނެއެވެ. އަދި އެއާޕޯޓަށް ބޭނުންވާ ކޯލްޑް ސްޓޯރޭޖާއެކު ޒަމާނީ ކާގޯ ވަސީލަތްތައް ތަރައްގީ ކުރެވިގެން ދިޔުމުގެ އިތުރުން އެއާޕޯޓުގެ މަގުތައް ތަރައްގީ ކުރެވި ޕާކިން ސަރަހައްދެއް ވެސް ތަރައްގީ ކުރެވިގެންދާނެއެވެ.
ޖީއައިއޭ ތަރައްގީކުރަން ނިންމާފައިވަނީ އިންޑިއަން އެގްޒިމް ބޭންކުން ދޫކުރާ 800 މިލިއަން ޑޮލަރުގެ ލޯނަކުން ކަމަށްވާތީ މިމަޝްރޫއުގެ ކޮންޓްރެކްޓަރުން ޕްރީކޮލިފައި ކުރީ އިންޑިއާ ސަރުކާރުންނެވެ.
ޖީއައިއޭ ތަރައްގީކުރުމުގެ މަޝްރޫއު އިންޑިއާގެ ރެނާޓަސްއާ ހަވާލުކުރީ މިމަޝްރޫއަށް ޕްރީ ކޮލިފައި ކުރި ހަތް ކުންފުނީގެ ތެރެއިންނެވެ.