ވިލިމާލޭގައި ގާއިމު ކޮށްފައި ހުރި، ސިޓީ ކައުންސިލުން ބަލަހައްޓަމުންދާ ފްލެޓްތަކުގެ ޖޫރިމަނާ މައާފްކޮށް އަމިއްލަ ކުރެވޭނެ ގޮތް ހަމަޖައްސައިފިއެވެ.
މާލެއާއި ވިލިމާލޭގައި ކުރިން ބިނާކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ސިޓީ ކައުންސިލުން ބަލަހައްޓާ ފްލެޓްތަކަށް ފައިސާ ބެލެހެއްޓުމަކީ އެކި ދުވަސްވަރު އެކި މުއައްސަސާއިން ކުރަމުން ދިޔަކަމެކެވެ. ނަމަވެސް ބައެއް އިދާރީ މައްސަލަތަކާގުޅިގެން ފައިސާ ބަލައިގަތުން މަޑުޖައްސާލުމުގެ އިތުރުން ބައެއްފަރާތްތަކުން ފައިސާ ދައްކަމުން ނުދާތީ ބޮޑަތި އަދަދުތަކުން ޖޫރިމަނާވެފައިވާ ފްލެޓްތައް އެބަހުއްޓެވެ.
މި މައްސަލައާ ގުޅިގެން މައިގަނޑު ދެ ބަދަލެއް ގެނައުމަށްފަހު ކައުންސިލްގެ މަޝްވަރާއާއެކު ވިލިމާލޭ ފްލެޓްތަކުގެ ޖޫރިމަނާ މައާފްކުރުމަށް ސަރުކާރަށް ހުށަހަޅައި ފްލެޓްތަކުގެ ޖޫރިމަނާ ވަނީ މަޢާފް ކޮށްދީފައެވެ. އެއްބަސްވުމަށް ގެނައި މައިގަނޑު ދެ ބަދަލަކީ ފްލެޓްގެ ޖުމްލަ އަގު ދެއްކުމުން ފްލެޓް މިލްކުކުރެވޭ ބަދަލާއި ޖޫރިމަނާ ފައިސާ މައާފްކުރުމުގެ ބަދަލެވެ.
ފްލެޓްތަކުގެ ވެރިންނަށް މި ފުރުސަތު ދިނުމުން ގިނަ ޢަދެއްގެ ބަޔަކު މިހާތަނަށް ވަނީ ފްލެޓް މިލްކުކުރެވޭ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މީގެ އިތުރުން ސޮއިކުރުމުގެ މަރުހަލާގައި ވެރިފަރާތްތަކުން ހުށަހެޅި ބައެއް އިސްލާހްތަކުގެ ތެރެއިން ޤާނޫނީ ގޮތުން ހުރަހެއްނެތް އިސްލާހުތަކަށް އެއްބަސްވުންތަކަށް ގެނެސްދީފައި ވާނެ ކަމަށް ސިޓީ ކައުންސިލުން މައުލޫމާތު ދިނެވެ. ސޮއިކުރުމަށް މިހާރުވެސް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި މިހާތަނަށް ފައިސާ ދައްކާ ޚަލާސްކުރި ފަރާތްތަކުންވެސް މިލްކުކުރުމަށް މި އެއްބަސްވުމުގައި ސޮއިކުރަންޖެހޭ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
މި ފްލެޓްތައް އަމިއްލަކުރެވޭނެ ގޮތް ހަމަޖެއްސީ އެކަމަށް އެދި ބައެއް ފަރާތްތަކުން ހުށަހެޅުމާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ ކައުންސިލްގެ ބައްދަލުވުމެއްގައި މަޝްވަރާކޮށް އެގޮތަށް ހަމަޖެއްސުމަށް ފާސްކޮށްގެންނެވެ.
ވިލިމާލޭ ފްލެޓްތަކެކޭ އެއްގޮތަށް މާލޭގައި ބިނާކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ސިޓީ ކައުންސިލުން ބަލަހައްޓާ ސިނަމާލޭ އަދި މާލޭ ހިޔާ ފްލެޓްތައްވެސް މި އުސޫލުން މިލްކުކުރުމާއި ޖުރިމަނާ މަޢާފްކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށާފައިވާ ކަމަށާއި، ހަމަޖެހުނުހާ އަވަހަކަށް ވެރިފަރާތަށް އެއްބަސްވުންތަކުގައި ސޮއިކުރުން ކުރިއަށްއޮތް ދުވަސްތަކުގައި ކުރިއަށް ގެންދަަނެ ކަމަށް ބުނެއެވެ.