ރާއްޖޭގެ މުއާސަލާތީ ހިދުމަތް ފުޅާދާއިރާއެއްގައި ފޯރުކޮށް ދެމުން އަންނަ އުރީދޫ މޯލްޑިވްސް އިން ސަބްމެރިން ކޭބަލްގެ އިތުރުން ޑިޒާސްޓާ ރިކަވަރީ ސައިޓެއް ތަރައްގީ ކުރުމަށް އިންވެސްޓް ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ހދ. ކުޅުދުއްފުށީގައި ބިނާ ކުރުމަށް ހަމަޖެހިފައިވާ މި ޑިޒާސްޓަ ރިކަވަރީ ސައިޓް އަދި ސަބްމެރިން ކޭބަލް އެޅުމުގެ އެންމެ ބޮޑު ބޭނުމަކީ މިހާރު ދެމުން އަންނަ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްކަމުގައި އެކުންފުނިން މައުލޫމާތު ދިނެވެ.
މީގެ އިތުރުން ވެސް މި އިންވެސްޓްމެންޓްގެ ސަބަބުން، ހިދުމަތައް އަންނަ ލަސްކަން ހައްލު ކޮށްދީ ކަސްޓަމަރުންގެ ތަޖުރިބާ އިތުރު ކޮށްދޭނެއެވެ. މި މަޝްރޫގެ މައިގަނޑު މަގްސަދަކީ ދުނިޔޭގެ ފެންވަރުގައި ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ ވަސީލަތްތަކުގެ ފެންވަރު ރަނގަޅު ކޮށް ގުދުރަތީ ކާރިސާ ތަކުން ލިބިދޭ މައްސަލަތަކަށް ހައްލު ހޯދަދިނުން ކަމުގައިވެއެވެ.
ޑިޖިޓަލައިޒް ވަމުން އަންނަ މި ދިވެހިރާއްޖެއަށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދީ، ދިވެހިންނަށް މުއްސަނދި ދިރިއުޅުމެއް ހޯދާދިނުމަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާ ކަމެއް ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
ދާދި ފަހުން 5ޖީ ހޯމް ބޮރޯޑްބޭންޑް ތައާރަފްކޮށްފައިވާ އުރީދޫއަކީ ތިމާވެއްޓާ ރައްޓެހި ޑިޖިޓަލް ހިދުމަތައް އިސްކަންދޭ ކުންފުންޏެއްކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން، މި ފެށުނު އާ އަހަރުގެ ކަލަންޑަރު ވެސް ހާއްސަ ކޮށްފައިވަނީ ދިވެހިންގެ މެދުގައި ދަނޑުވެރިކަމަށް ލޯބި ޖެއްސުމުގެ މަގްސަދުގައެވެ.
މި އަހަރުގެ ކަލަންޑަރުގައި ކޮންމެ މަހަކަށް ކަނޑައަޅާފައިވާ މަލާ ގުޅޭ މައުލޫމާތާއި އެ މަލުގެ ދިވެހި އަދި އިނގެރޭސި ނަން ހިމަނާފައިވާއިރު ކޮންމެ މަހަކަށް ދީފައިވާ މަލުގެ އޮށް އިންދާނެ ގޮތުގެ މައުލޫމާތު ހިމަނާފައިވާ ޕޭޖަށް ދެވޭ ކިއުއާރު ކޯޑެއް ވެސް ހިމެނެއެވެ.