ކުންފުނިތަކުން ދޭ ހިދުމަތް ދިނުމަށް މާލޭގައި މަގު ކޮނެގެން ކުރާ މަސައްކަތްތަކަށް ސިޓީ ކައުންސިލަށް ދައްކާ ފީ ބޮޑުކޮށް މާލޭ ސިޓީ ކައުންސިލުން ހެދި އުސޫލު ބާތިލް ކުރަން އެދި ސްޓެލްކޯ އިން ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން މިއަދު ނިންމައިފިއެވެ.

ސްޓެލްކޯއިން އެ މައްސަލަ ހުށަހެޅީއެ އުސޫލަކީ ހިދުމަތްތަކުގެ އަގު ބޮޑުކުރުމަށްޓަކައި ގާނޫނާ ހިލާފަށް ހަދާފައިވާ އުސޫލެއް ކަމަށް ވާތީ އެ އުސޫލު ބާތިލްކުރުމަށް އެދިއެވެ.

އެހެންނަމަވެސް ހައިކޯޓުން އެ މައްސަލަ ބަލައިނުގަންނަން ނިންމާފައި ވަނީ އެ އުސޫލު ގާނޫނާ ހިލާފުވާ ސަބަބުތައް ތަފުސީލުކޮށް ބަޔާންކޮށްދީފައި ނުވާތީއެވެ.

މާލޭގެ މަގުތައް ކޮނުމަށް ސިޓީ ކައުންސިލުން ނަގަމުން އައި ފީ ތައް 154 ޕަސެންޓް ބޮޑުކޮށްފައި ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވެފައިވެއެވެ. އަދި އެ ފީތައް އެ ގޮތައް ބޮޑުކުރި އިރު އެކަމާ ގުޅިގެން ސްޓެލްކޯއާ އަދި މަގު ކޮނެގެން ހިދުމަތް ދެމުން އަންނަ ކުންފުނިތައް ކަމަށްވާ އެމްޑަބްލިއުއެސްސީއާއި، އުރީދޫ އާއި ދިރާގާއި އާރުއޯއެލް ފަދަ ކުންފުނިތަކާ ވެސް މާލެ ސީޓީ ކައުންސިލުން މަޝްވަރާކޮށްފައި ނުވާ ކަމަށް ޝަރީފް ފާހަގަ ކުރެއްވިއެވެ.

ސްޓެލްކޯއިން މި ކަންބޮޑުވުން ހިއްސާކޮށްފައިވާ އިރު މާލެ ސިޓީ ކައުންސިލުން ބުނެފައި ވަނީ، އާ އުސޫލުގެ ދަށުން އަސާސީ ހިދުމަތްތަކަށް މަގު ކޮންނަ ނަމަ ފީއެއް ނުނަގާނެ ކަމަށެވެ.

ދާދީފަހުން އެމްޑަބްލިއުއެސްއީއާއި އުރީދޫއާއި މީޑިއާ ނެޓާއި އާރްއޯލް އާއި ސްޓެލްކޯ އަދި ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އާއެކު ބޭއްވި ބައްދަލުވުމުގައި ކުންފުނިތަކުން ވަނީ އެ އުސޫލާ ގުޅިގެން ކުންފުނިތަކުން ރައްޔިތުންނަށް ދެމުން ގެންދާ ހިދުމަތްތަކުގެ އަގު އުފުލިގެންދާނެ ކަމަށާއި މިކަމުގެ ސަބަބުން އާއްމު ހިދުމަތްތައް ހޯދުންވެގެން ދާނީ ރައްޔިތުންނަށް މާލީ ބުރައަކަށް ކަމަށް ބުނެފައެވެ.

އެ އުސޫލުގެ ދަށުން ދުވާރުގައި ކޭބަލް ނަރު އަޅާނަމަ ފޫޓަކަށް 25 ރުފިޔާއާއި ރޯޑް ބްލޮކް ނަގައިގެން މަސައްކަތް ކުރާނަމަ ފޫޓަކަށް 100 ރުފިޔާ އަދި މަތި ނަގާ ކޮންމެ ޖަންކްޝަން އަކަށް 300 ރުފިޔާ ޗާޖް ކުރާ ކަމަށެވެ. މިއީ ކުރިން އެއްވެސް ޗާޖެއް ނަގާފައިވާ ކަންކަމެއް ނޫނެވެ. އަދި 60 ރުފިޔާއަށް ލިބޭ ސައިން ބޯޑް މިހާރު 200 ރުފިޔާއަށް ބަދަލުކޮށްފައި ވާއިރު 150 ކުރިން ލިބުނު ސައިން ބޯޑްތައް ވަނީ 300 ރުފިޔާއަށް ބޮޑުކޮށްފައި ކަމަށް ކުންފުނިތަކުން ބުނެއެވެ.