އެމެރިކާ އަށް ނިސްބަތްވާ ޖެނިފާގެ އުމުރުން އެންމެ ފަސް އަހަރުގައި އޭނާ ކުރަން ބޭނުންވާ ކަމެއް ފެނުނެވެ. ބައްޕަގެ ކާރުގެ ސީޓު ހަލާކުކޮށްގެން އެންމެ ފުރަތަމަ ސްޕޮންޖެއް ކެއީ އެކަމަށް ދެވިހިފާނެ ކަމުގެ އެއްވެސް އުންމީދެއްގައެއް ނޫނެވެ.
ނަމަވެސް އޭގެ އެތައް އަހަރު ފަހުން ޖެނިފާ އަކީ ގަވައިދުން ސްޕޮންޖު ކާ މީހެކެވެ. ޓީއެލްސީ ގެ "މައި ސްޓްރޭންޖް އެޑިކްޝަން"ގައި ވާހަކަ ދައްކަމުން ޖެނިފާ ބުނީ ގޮދަޑީގައި ހުންނަ ސްޕޮންޖު ނައްޓައިގެން އޭނާ ކައި އުޅޭތާ 20 ވަރަކަށް އަހަރުވެއްޖެ ކަމަށާއި އެންމެ ފުރަތަމަ އޭނާ ސްޕޮންޖު ކެއީ އުމުރުން އެންމެ ފަސް އަހަރުގައި ކަމަށެވެ. ދެވި ހިފާފައި ހުންނަ މި އަމަލުގެ ސަބަބުން ސްޕޮންޖު ކެއުން އޭނާ އަށް ނުހުއްޓުނު ކަމަށާއި ކޮންމެ ދުވަހަކު ވަކި ވަރަކަށް ސްޕޮންޖު ކާންޖެހޭ ކަމަށް އޭނާ ބުންޏެވެ.
"އެއްދުވަހު އަހަރެންގެ ގޮދަޑީގެ ސްޕޮންޖު އެއްކޮށް ކާލިން. އެއިން ވެސް ހިތެއް ނުފުރުނު. އެންމެ ފަހުން ގޮސް މަންމަގެ ގޮދަޑީގެ ސްޕޮންޖު ނައްޓައިގެން ކެއީ،"
ޖެނިފާ ބުނީ އޭނާ އަށް އެންމެ ކަމުދާ ސްޕޮންޖަކީ ބާލީހުގައި ހުންނަ ސްޕޮންޖު ކަމަށާއި ސްޕޮންޖު ކަނީ މަޔޯނައިސް، ބަޓަރު ކަހަލަ އެއްޗަކާއި ޖައްސައިގެން ނޫންކަމަށެވެ. އޭނާ ބުނީ ގޮދަޑިން ނުބައި ވަސްދުވާނަމަ އެ ގޮދަޑީގެ ސްޕޮންޖު އޭނާ ދުވަހަކުވެސް ނުކާ ކަމަށާއި އަވަހަށް ބަލަނީ ފިހާރައަށް ގޮސް އާ ގޮދަޑިއެއް ގަނެވޭތޯ ކަމަށެވެ. އޭނާ ބުނީ ސްޕޮންޖު ކާތާ 20 އަހަރުވީ ނަމަވެސް އޭނާ އަށް އެއްވެސް ސިއްހީ އިތުރު މައްސަލަ އެއް ދިމާނުވާ ކަމަށާއި ބައެއްފަހަރު ގޭސްޓްރިކްވާ ކަމަށެވެ. ޑޮކްޓަރުން އޭނާއަށް ސްޕޮންޖު ނުކާން އިރުޝާދުދީފައި ވީނަމަވެސް އެކަން އޭނާ އަށް ނުހުއްޓުނު ކަމަށްވެސް އޭނާ ބުންޏެވެ.
"ޑޮކްޓަރުން ބުނީ މިހާރު ރަނގަޅަށް ހުއްޓަސް ފަހުން ވާނެ ގޮތެއް ނޭނގޭ ކަމަށް. ފަހަރުގައި ލިވާ ޑެމޭޖްވެދާނެ ކަމަށާއި އިންޓެސްޓައިން ބްލޮކޭޖެއް އައިސްދާނެ ކަމަށް ބުނި. އެކަމަކު ވެސް އެކަން ނުހުއްޓުނު،"
މީގެ 8 އަހަރު ކުރިން ސްޕޮންޖު ކާ އެހެން މީހެއް ވެސް މީޑިއާތަކުގެ ސަމާލުކަމަށް އައެވެ. އެމާ ތޮމްސަން ނަމަކަށް ކިޔާ މި އަންހެން މީހާ އޭރު ބުނީ ދުވާލެއްގެ މައްޗަށް ބަދިގޭގައި ބޭނުންކުރާ 20 ސްޕޮންޖު ކައި އުޅޭ ކަމަށެވެ.