ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި އައިޝްވާރިޔާ ރާއީ، އަބީޝޭކް ބައްޗަން އަދި އެ ދެމަފިރިންގެ ދަރިފުޅު އަރާދްޔާ ދެކިލުމަށް ދ. ކުޑަހުވަދޫގެ ގިނަ ރައްޔިތުން ބަނދަރު މައްޗަށް ނުކުމެއްޖެއެވެ.

ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރުމަށް ފަހު އައިޝްވާރިޔާގެ އާއިލާ ކުޑަހުވަދޫ އެއާޕޯޓްއަށް ގޮސްފައި ވަނީ އެނބުރި އިންޑިއާއަށް ދާން ފުރުމަށެވެ. އައިޝްވާރިޔާގެ އާއިލާ ރާއްޖެ އައިސްފައި ވަނީ އޭނާގެ ފިރިމީހާ އަބީޝޭކް ބައްޗަންގެ 47 ވަނަ އުފަން ދުވަސް ފާހަގަ ކުރުމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އައިޝްވާރިޔާގެ އާއިލާ ކުޑަހުވަދޫގައި ތިބި ވަގުތުކޮޅުގައި އެއްވެސް މީހަކާ ބައްދަލުކޮށް ނުވަތަ ރަށުތެރެއަށް ނުކުމެފައެއް ވެސް ނުވެއެވެ.

ވީޑިއޯތަކުން ފެންނަގޮތުގައި އެމީހުން ތިބި ރިސޯޓުން ކުޑަހުވަދޫއަށް ދިޔަ ލޯންޗުން އެމީހުން ފޭބުމަށްފަހު ވޭނަކަށް އަރައެވެ. އެވަގުތު އެ ރަށުގެ ކުދި ބޮޑު ގިނަ ބަޔަކު ވަނީ އެ ސަރަހައްދަން ޖަމާވެފައެވެ.

ބޮލީވުޑްގެ ގިނަ ތަރިންތަކެއްގެ މަގުބޫލުކަން ރާއްޖެއަށް ލިބިފައިވާއިރު، ގިނަ ތަރިންތަކެއް އަންނަނީ ރާއްޖެއަށް ޒިޔާރަތް ކުރަމުންނެވެ. މީގެ ކުރިންވެސް އައިޝްވާރިޔާމެން ރާއްޖެ އައިސްފާވާއިރު 2021 ވަނަ އަހަރު އެ ދެމަފިރިންގެ ދަރިފުޅު އަރާދްޔާގެ 10 ވަނަ އުފަން ދުވަސް ފާހަގަ ކުރުމަށް ވެސް ވަނީ ރާއްޖެ އައިސްފައެވެ.