ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތޮފާ ކުރެއްވި ޓުވީޓަކާ ގުޅިގެން ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.
މުސްތޮފާ ފުލުހަށް ހާޒިރު ކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޫނުފުޅަށް ކުޅުޖަހަން ގޮވާލި މައްސަލަ އަކާ ގުޅިގެންނެވެ.
މުސްތޮފާގެ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓުން ރޭ ކުރި ޓްވީޓްގައި ބުނެފައި ވަނީ ރައީސް ސޯލިހުގެ މޫނުފުޅަށް ކުޅުޖަހާ މީހަކަށް 50،000 ރުފިޔާގެ އިނާމެއް ދޭނެ ކަމަށެވެ.
އެ ޓްވީޓްގެ މައްސަލަ ފުލުހުން ބަލަން ފަށާފައި ވާއިރު މުސްތޮފާ ވިދާޅުވީ މިރޭ 9:40 ހާއިރަށް ފުލުހަށް ހާޒިރުވާން އަންގާފައިވާ ކަމަށެވެ.
މުސްތަފާ ރޭ ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހް އާ މެދު ހިތް ހަމަ ނުޖެހިގެން އުޅެނީ ތިމަރަފުށީގެ ގޮނޑި ނުލިބިގެން ނޫންކަމަށާއި، ރައީސް ސޯލިހް މުސްތަފާގެ ބޯޓެއް "ކާލައިގެން" އުޅޭތީ ކަމަށެވެ. އަދި ރައީސް ސޯލިހް އޭނާއަށް 500,000 ޑޮލަރު ދެއްކަން ޖެހޭ ކަމަށާއި އެ ވެސް ނުދެއްވައި ބޯޓުގެ ހުކުމުގައިވާ 1.278 މިލިއަން ޑޮލަރާއި އެކު ޖުމުލަ 1,778 މިލިއަން ޑޮލަރު ނުދެއްވައިގެން ކަމަށެވެ.
ރައީސްގެ މޫނުފުޅަށް ކުޅު ޖަހާ މީހަކަށް 50،000 ރުފިޔާ ދޭނެ ކަމަށް މުސްތޮފާ ވިދާޅުވި މައްސަލަ ބަލަމުން ދާއިރު ދާދި ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން "ލޭ އޮހޮރުވުމަކުން ވެސް ބަދަލުކުރަން ވެއްޖެ" ކަމަށް ބުނެ މާލޭ ސިޓީ ކައުންސިލުގެ ތަރުޖަމާނު މަރިޔަމް ޝިއުނާ ކުރި ޓުވީޓެއްގެ މައްސަލަ ވެސް ފުލުހުން ވަނީ ބަލަން ފަށާފައެވެ.
މަރިޔަމް ޝިއުނާ ގެންގުޅޭ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓްގައި ބުނެފައި ވަނީ، "ބަޔަކު ވަރަށް ހައުކަށިކަމާއެކު ނުކުމެ މި ވެރިކަން ނިންމަން ވެއްޖެ. ކޮންމެ ދުވަހަކު އެތައް މުސްލިމުންގެ މައްޗަށް އަނިޔާވެރިކަން ހިންގަމުންދާ ޖައްބާރު، އިބޫސޯލިހް ހަމަބިމަށް ތިރިކުރަން ވެއްޖެ. ޓްވީޓް ކުރަން ތިބެގެން ވާކަށް ނެތް. ލޭއޮހޮރުވުމަކުން ވެސް ބަދަލު ކުރަން ވެއްޖެ" މިހެންނެވެ.
ޝިއުނާ ކުރި ޓްވީޓް އޭގެ ވަގުތުކޮޅެއް ފަހުން ވަނީ ޑިލިޓް ކޮށްލާފައެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް ލޭއޮހޮރުވުމަށް ގޮވަލައި، ޓެރަރިޒަމަށް ހިތްވަރުދީ ކުރާ ޓްވީޓްގެ މައްސަލަތައް ފުލުހުން ބަލަމުން އަންނަ އިރު މީގެ ކުރިން ވެސް ވަނީ ސޯޝަލް މީޑިއާގައި އެފަދަ ޕޯސްޓްތައް ކުރާ މީހުން ހައްޔަރު ކޮށް، އެ މީހުންގެ މައްޗަށް ދައުވާ ވެސް އުފުލާފައެވެ.